ސަޢޫދީ އެރޭބިޔާގެ އަންހެނުންނަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ހުއްދަކުރެވުނީ 2018 ވަނައަހަރުގައެވެ. އެކަމަކު އެގައުމުގައި އަލަށް ތަޢާރުފް ކުރެވުނު ހައި ސްޕީޑް ރޭލުގެ ޑްރައިވަރުންގެ 32 ވަޒީފާއަށް އެދި ހުށައެޅުމަށް މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި 28000 މީހުން އެދިފައިވެއެވެ.
އޭގެ ތެރެއިން ވަޒީފާއަށް ހޮވުނު އެއް ކަނބަލަކީ އިނގިރޭސި ބަސް ކިޔަވާދޭ މުދައްރިސެއްގެ މަގާމުގައި މަސައްކަތް ކުރަމުން ގެންދިޔަ ތާރާ ޢަލީ އެވެ. ހަރަމައިނި ހައި ސްޕީޑް ރެއިލްވޭގައި ޑްރައިވަރަށް ހުރެ މާތްވެގެންވާ މައްކާއިން މަދީނާ އަލް މުނައްވަރާއަށް އޭނާ ކުރި 450 ކިލޯ މީޓަރުގެ ފުރަތަމަ ދަތުރު ނިންމާލީ މިހުސްވި މަހުގައެވެ. ތާރާ ޢަލީގެ މި ތަޖްރިބާ މީޑިއާ އާއިއެކު ޙިއްސާ ކުރަމުން އޭނާ ކިޔާދިނެވެ.
ފުރަތަމަ ފަހަރަށް ރޭލަށް އަރައި ރޭލުގެ ޑްރައިވަރ ކޮޓަރިއަށްވަނުން މިއީ ހުވަފެނެއް ބާވައޭ ހިތަށް އެރިއެވެ. ރޭލު ދުއްވާގަތުމާއެކު ކުރިމަތިން އެއްޗެހިތައް ގަޔާދިމާލަށް ބާރު ދުވެލީގައި އަންނަތަން ފެނުމުން ބިރުން ހީބިހި ނަގައިގެން ދިޔައެވެ.
މާތް ﷲ އަށް ޝުކުރުވެރި ވަމެވެ. ލިބިދީފައިހުރި ފެންވަރު ރަނގަޅު ތަމްރީނު ތަކުގެ ސަބަބުން އެ ބިރު އިސާހިތަކު ފިލައިގެން ހިގައްޖެއެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރެވެން ފަށައިފިއެވެ.
ސަޢޫދީ އެރޭބިޔާގައި 2016 ވަނައަހަރު ވަޒިފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ ވަޒީފާގެ ބާޒާރުން %17 އެވެ. 2017 ވަނައަހަރު އެ ނިސްބަތް %37 އަށް އުފުލިއްޖެއެވެ. މިއީ އަންހެނުން ވަޒީފާއަށް ނެރުމާ ދެކޮޅަށް އެތައް ބަޔަކު ވަކާލާތު ކުރަމުން ދަނިކޮށް އަންހެނުންގެ ޙައްގުތައް ލިބިދިނުމަށް ކަމަށްވިދާޅުވެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމުގައި އެއްބަޔަކު އަންނަނީ ބަލައިގަންނަމުންނެވެ.
މިހާރުވެސް ސަޢޫދީގައި އާބާދީގެ ނިސްބަތުން ވަޒީފާ އަދާކުރާ އަންހެނުންނަކީ ގައުމުގެ %4.3 އަދި ފިރިހެނުންނަކީ ގައުމުގެ %20.5 އެވެ. އަންހެނުން ވަޒީފާ ބޭނުންވެފައިތިބި ވަރު ހައިސްޕީޑް ރޭލުގެ ވަޒީފާއަށް އެދުނު މީހުންގެ އަދަދުންވެސް ވަރަށް ރަނގަޅަށް ހާމަވެގެން ހިގައްޖެއެވެ.
މިއީ ސަޢޫދީގައި ސިޔާސަތު ކަނޑައަޅަން ތިއްބެވި ބޭފުޅުން ވިސްނަވަން ޖެހިވަޑައިގެންފައިވާ މައްސަލައެކެވެ. ދުނިޔޭގެ މަސްރަހާއެކު ސަޢޫދީގެ އިގްތިސާދަށްވެސް ބަދަލުތަކެއް އަންނަމުން ދާއިރު އަންހެނުން ނަށްވެސް ވަޒީފާގެ ބާޒާރުން ޖާގަ ކަށަވަރު ކުރެވޭނެ ގޮތްތަކަށް މިވަނީ މަގު ފަހިކުރަންޖެހިފައެވެ. ސަޢޫދީ ސަރުކާރުންވެސް ފަހަކަށް އައިސް މަސައްކަތު ދާއިރާގައި އަންހެނުން ތަފާތު ނުކުރުމާއި އަދި ވަޒީފާގައި ހެދުން އެޅުންވެސް އެއްގޮތްކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަން ފާހަގަކުރަން ޖެހެއެވެ.
މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން މީގެ ކުރިން ހޮޓާތަކުގެ ރިސްޕްޝަނިސްޓުން ނާއި ވެއިޓަރުން ފަދަ ވަޒީފާތަކުގެ މުޅި ބާޒާރު ބިދޭސީންގެ މައްޗަށް ލެނބިފައި އޮތް އޮތުންވެސް މިހާރު ބަދަލުވަމުން ދާން ފަށައިފިއެވެ.
އާންމުގޮތެއްގައި ސަޢޫދީ އަންހެނުން އިޚްތިޔާރުކުރަނީ ތަޢުލީމާއި މެޑިސިންގެ ދާއިރާއެވެ.
ސަޢޫދީ އެރޭބިޔާއަށް އަންނަމުން މިދާ ބަދަލުގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރަމުން ގެންދަނީ ހުޅަނގުގެ މީޑިއާއިންނެވެ. ސަޢޫދީ އަދި އަރަބި އާދަކާދައަށްވުރެން މާބޮޑަށް ހުޅަނގުގެ ސަގާފަތު އަރަބިންގެ އާދަކާދައިގެ ތެރެއަށް ފައްތަން އިޝްތިހާރު ކުރަމުން ގެންދާކަމަށް ޝައްކުކުރާ މީހުންވެސް މަދެއްނޫނެވެ.
ހައި ސްޕީޑް ރޭލުގެ ޑްރައިވަރަކަށް އުޅޭ އެމިރޭޓްސްގެ މުޙައްމަދު ޢީސާ ދެކޭގޮތުގައި މިގޮތަށް އަންހެނުން ގެއިން ބޭރަށް ނިކުމެ ވަޒީފާއަދާކުރަން ފެށުމުން ކުރިއަށް އޮތް އަރަބިންގެ ޖީލުތައް ހުޅަނގުގެ ވައްޓަފާޅިއަށް ވިސްނުން ބަދަލުވުމަކީ ނުވެ ނުދާނޭ ކަމެކެވެ.
ދަރިން ބަލަހައްޓަން ނޯކަރަކު ގެނެވިދާނެއެވެ. އޭނާދެކޭ ގޮތުގައި، އެކަމަކު ޢާއިލާ ބަލަހައްޓަން ކުރަންޖެހޭ ކަންތައް ނޯކަރަކަށް ނުކުރެވޭނެއެވެ. މައިމީހާ ކައިރީގައި ހުރެގެން މެނުވީ ހެޔޮލަފާގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވޭނެއެވެ. ހުޅަނގުން ފެންނަ ކުކުޅު ހާލުގެ އައުލާދު ފަދައިން އަހަރެމެންގެ ދަރިފަސްކޮޅުގެ ވިސްނުންވެސް ބަދަލުކުރަން އެމީހުން ދައްކަމުންގެންދާ އަވާމެންދުރު ފަހަތުން ދުވުމަކީ ޢީސާ ދެކެގޮތުގައި ހިތާމަހުރިކަމެކެވެ.
One Response
މިޒަމާނުގެ ތަރައްގީ ސިފަކުރަމުން ގެންދާ ގޮތަކީ މިއީ ނޫންހެއްޔެވެ ؟ އަޅުގަނޑުމެންގެ ބޮޑުންވެސް އެ ވިދާޅުވަނީ ހަމަ އެވާހަކައެވެ. ދުވަސްކޮޅަކުން އީސާ އެބުނާހެން ކުކުޅުހާލުގެ އާއިލާފަދައިން ވީމާ އެވާހަކަ ދެން ނުދައްކާނެއެވެ. އޭރުން ފަހަރެއްގައި ކުކުޅުހާ އަހަރެމެންގެ ވާހަކަ ދައްކަން ފަށާފާނެއެވެ.