ގޯތި ދޫނުކުރާތާ އެތައް އަހަރެއް ފަހުން އައްޑޫ ސިޓީއިން އެއްފަހަރާ 500 ގޯއްޗަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ގޯއްޗަށް ހުޅުވާލައިފައިވަނީ އައްޑޫ ފޭދުއާއި ހުޅުދޫގެ އިތުރުން މީދުއިންނެވެ. އެގޮތުން ފޭދުއިން 1500 އަކަފޫޓުގެ 300 ގޯއްޗަށް ހުޅުވާލައިފައިވާއިރު، ހުޅުދުއާއި މީދޫން ކޮންމެ ރަށަކުން ވަނީ 2،000 އަކަފޫޓުގެ 100 ގޯއްޗަށް ހުޅުވާލައިފައެވެ.
ގޯތި ދިނުމުގައި ދެ ކެޓެގަރީއަކަށް ބަހާލާފައިވާއިރު، އެ އަވަށެއްގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ 90 އިންސައްތައެވެ. ދެވަނަ ކެޓެގަރީގައި ހިމެނޭ އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އިންސައްތަ އެވެ.
ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށެވެ.