އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހުށަނޭޅުމުގެ ސަބަބުން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.
އީޕީއޭ އިން ބުނީ އެ ކުންފުނި ޖޫރިމަނާ ކުރީ އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތަކުގައި އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހެދި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ 2012 ގެ ދަށުން އެ ކުންފުނި ޖޫރިމަނާ ކުރީ 20،000ރ. އިންނެވެ. އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 28،469،525 (އަށާވީސް މިލިޔަން ހަތަރު ކައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ފަންސަވީސް) ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ވަނީ ޖޫރިމަނާކޮށްފައެވެ.
އީޕީއޭއިން ބުނެފައިވާ ގޮތުގައި މި މައްސަލާގައި ކަން ހިނގާފައިވާގޮތުގެ ރިޕޯޓެއް ހުށަހަޅަން އެދުމުން ހުރުއެޅިން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓްގައި ތިމާވެށްޓަށް ގެއްލުންވެވޭ ފަދަ އަމަލެއް ކުރެވިފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފްވެފައިވެއެވެ އެގޮތުން އދ. ހުރުއެޅި ބަނދަރު ތަރައްގީ ކުރުމުގެ ތެރޭގައި 1055 އަކަ މީޓަރުގެ ސަރަޙައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގަައި، 60 މީޓަރުގެ ބަނދަރެއް ގާއިމްކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން އިތުރަށް ބުނީ ހުރުއެޅިން ދައްކަން ޖެހޭ 28 މިލިއަން ރުފިޔާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައިވާ ކަމަށެވެ.