އިންޑޮނޭޝިޔާގެ ނިއު ކެޕިޓަލް ތަރައްގީކުރުމުގައި މެލޭޝިއާ ބައިވެރިވާނެ

Loading

Facebook
Twitter
WhatsApp

އިންޑޮނޭޝިޔާއާއި މެލޭޝިޔާ ޙިއްސާ ކުރަމުންގެންދާ ބޯރނިއޯ ޖަޒީރާގައި އަލަށް ޢިމާރާތްކުރެވޭ  އިންޑޮނޭޝިޔާގެ ވެރިރަށް ތަރައްގީކުރުމުގައި މެލޭޝިޔާއިން ބައިވެރިވާނެ ކަމަށް މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުގައި ޖަކާޓާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާތަނަށް މެލޭޝިޔާގެ ދިހަވަރަކަށް ކުންފުނިން ނުސަންތާރާގައި އިންވެސްޓް ކުރާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. 

ނުސަންތާރާއަކީ ބޯނިއޯ ޖަޒީރާގައި އަލަށް ބިނާކުރެވޭ އިންޑޮނޭޝިޔާގެ އާ ވެރިކަންކުރާނެ ރަށެވެ. އިންޑޮނޭޝިޔާގެ މިހާރުގެ ކެޕިޓަލް ސިޓީ ޖަކާޓާއިން ނުސަންތާރާއަށް ވެރިކަން ބަދަލުކުރަން ނިންމާފައިވަނީ 2019 ވަނައަހަރުގައެވެ. އެއީ ޖަކާޓާއިން ފެށިގެން ގާތްގަނޑަކަށް ދެހާސް ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. 10 ވަރަކަށް މިލިއަން މީހުން ދިރިއުޅޭ ޖަކާޓާ ސިޓީ އަކީ ޖާވާގެ ރަށެކެވެ. 

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ބިމުންނަގައިގެން ބޭނުންކުރެވޭ ފެނުގެ މިންވަރު ގިނަވުމުގެ ސަބަބުންނާއި އަދި ޖާވާ ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމުގެ ސަބަބުން ޖަކާޓާ ސިޓީ ވަރަށް ބޮޑަށް ގެބިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.                                             

އަންވަރު އިބްރާހިމްގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވި އަނެއް ކަމަކީ ނުސަންތާރާއާއި ބޯނިއޯ ޖަޒީރާގައި ހިމެނޭ މެލޭޝިޔާގެ ސަބާހް އާއި ސަރަވަކް އަދި ފެޑެރަލް ސަރަޙައްދަކީ ނުސަންތާރާ އާއި ވަރަށް ކައިރި ސަރަޙައްދު ތަކަކަށްވުމުންނުސަންތާރާ ތަރައްގީކުރެވޭއިރު އެކަމުގެ ފައިދާ މެލޭޝިޔާގެ ސަރަޙައްދުތަކަށްވެސް ލިބިގެންދާނެ ކަމަށެވެ. 

ނުސަންތާރާ ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. އަދި 2045 ގައި މި ޝަހަރު ބިނާކޮށް ނިމޭނެކަމަށް އުންމީދު ކުރެވެއެވެ.

އިންޑޮނޭޝިޔާގެ އާ ކެޕިޓަލް ސިޓީ ކޮންސެޕްޓް :


މެލޭޝިޔާއާއި އިންޑޮނޭޝިޔާގެ އިގްތިސާދީ ތަރައްގީއަށްޓަކައި އަންވަރު އިބްރާހިމަ އާއި ރައީސް ޖޯކޯ ވިދޯދޯގެ ޙާޒިރުގައި 263 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް މިހާރުވެސް ވަނީ ކުރެވިފައެވެ. އާދީއްތަ ދުވަހު އަންވަރާއި އެކު ޖަކާޓާއަށް ވަޑައިގަތް ޓީމުގައި ޚާރިޖީ ވަޒީރު  ޒަމްބްރީ އަބްދުލް ގާދިރު ވެސް ހިމެނި ވަޑައިގަންނަވައެވެ. އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރުސޫދީ އާއިއެކު މިދިޔަ ހަފްތާގައިވެސް ޒަމްބްރީ ވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި ކަނޑާއި އެއްގަމުގައި ދެގައުމުގެ އިންތައް އަލުން އެކަށައެޅުމާއި މެލޭޝިޔާގައި މަސައްކަތްކުރާ އިންޑޮނޭޝިޔާގެ ރައްޔިތުންގެ ޙައްގުތައް ޙިމާޔަތް ކުރުމާއި އިންސާނުންގެ ވަގު ވިޔަފާރިކުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.އިންޑޮނޭޝިޔާގެ ރަސްމީ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެގައުމުގެ ދެ މިލިއަނެއްހާ މީހުން މެލޭޝިޔާގައި ވަޒީފާއަދާ ކުރަމުން ގެންދެއެވެ.           

ރައީސް ވިދޯދޯގެ ވާހަކަފުޅުގައި މެލޭޝިޔާގައި މަސައްކަތްކުރަމުން ގެންދާ އިންޑޮނޭޝިޔާގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް ދެއްވާނެކަމަށް އަންވަރު ވިދާޅުވުމުން އުފާކުރައްވާ ކަމަށާއި އެމީހުންގެ ދަރިންނަށް ރަނގަޅު ތަޢުލީމް ދެވޭނޭ ނިޒާމެއް ގާއިމްކޮށް ދިނުމަށްވެސް އަންވަރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.                    

ދެބޭފުޅުންގެ ވާހަކަފުޅުގައި ދެގައުމުގައި އުފައްދާ ކާށިތެޔޮ ބޭރުގައުމުތަކަށް ވިއްކޭނެ ރަނގަޅު މާރކެޓެއް ހޯދުމުގެ މުހިންމުކަމާއި އަދި ޔޫރަޕްގެ ގައުމުތަކާހެދި އެކަމަށް އެޅިފައިވާ ހުރަސްތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. 

ޔޫރަޕިއަން ޔުނިއަނުން ތަރުކާރީ ތެޔޮ މާރަނގަޅުކަމަށް އިޝްތިހާރުކުރުމުގެ ސަބަބުން ކާށި ތެލުގެ މާރކެޓަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ ލިބިފައެވެ.                                              

އިންޑޮނޭޝިޔާގެ ރައްޔިތުންގެ މެދުގައި އަންވަރު އިބްރާހީމް އަކީ ވަރަށް މަގުބޫލު ބޭފުޅެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި  ރައްޔިތުންނަށް ހަމަހަމަ ވެރިކަމެއް ގާއިމުކޮށް ދިނުމަށް އަންވަރުވަނީ ގިނަ މަސައްކަތްތަކެއް މީގެ ކުރިންވެސް ކުރައްވައި އަދި ބުރަތަކެއްވެސް އުފުއްލަވާފައެވެ. 

ހަމައެފަދައިން އަންވަރުވެސް ވިދާޅުވަމުން ގެންދަވަނީ އިންޑޮނޭޝިޔާގެ ރައްޔިތުންނަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ވަރަށް ޚާއްސަ ޖާގައެއް ދެވިފައިވާ އަޚުންތަކެއް ކަމަށެވެ. އަހަރެންނަށް އެންމެ އުނދަގޫވި ދުވަސްތަކުގައި ވެސް އިންޑޮނޭޝިޔާއިން އަހަރެން އެއްފަރާތް ނުކުރާކަން ހަނދާނަކުން ނުނެތެއެވެ. އަންވަރު ވިދާޅުވިއެވެ.             

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް