މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި އާއިލާގެ ހުއްދަނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ދީފައި ނުވާނެކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުއްލާ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުން، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އެކަމާ ދެކޮޅަށް އާއިލާއިން ކަންބޮޑުވުން ފާޅުކުރުމުން ލިޔެފައިވާ ހަބަރެއް ޝެއާކުރަމުން ސޯޝަލް މީޑިއާގައި އާޒިމާ ކޮށްފައިވާ ޕޯސްޓެއްގައެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ވަރަށް ސާފު ކަމަށާއި އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް 24 ގަޑިއިރަށް ވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރުކުރުމަށް ފަހު އެކަމަށް ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ.
އާޒިމާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލައިފި ނަމަ އެއްވެސް މީހެއްގެ ހަށިގަނޑުގެ ސާމްޕަލް ނެގޭނީ އެމީހެއްގެ ހުއްދަ ލިބިގެން ކަމަށާއި މޯސްޓްމޯޓަމް ހެދުމާ ބެހޭ ގާނޫނެއް ނެތުމުން އެ ހުކުމް މައްޔިތާއަށް ވެސް ހިނގާނެ ކަމަށެވެ.
”އެހެންކަމުން މި ހުކުމަށް ބަލާ މައްޔިތާގެ ހަށިގަނޑު ފަޅާ ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބަދަލުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނީމަ. މި ނޫން ގޮތަކަށް ޕޮލިހުންގެ ތަހުގީގަށް ޕޯސްޓްމޯޓަމް ހަދަން ބޭނުން ނަމަ ކޯޓު އަމުރެއް ހޯދަން ޖެހޭ،“ އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މިވަގުތު އާއިލާ އިން ހަށިގަނޑު ހޯދަން ބޭނުން ނަމަ، އާއިލާއާ ހަށިގަނޑު ހަވާލުނުކޮށް ބޭއްވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
“ މައްޔިތާގެ ހަށިގަނޑަކީ ހަމައެކަނި ވާރިސުންގެ ހައްގެކެވެ. އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް، ރާއްޖެއިން ފުރުވާލުމުގެ ބާރެއް އަދި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުނ ދައުލަތަކަށް ލިބިފައެއް ނުވެއެވެ.އެހެންކަމުން އާއިލާގެ ނުރުހުމުގައި އެކަން ކުރެވޭނީ ހަމައެކަނި ކޯޓް އަމުރެއްގެ ދަށުންނެވެ.“ އާޒިމާގެ ޕޯސްޓްގައި ވެއެވެ.
އޭނާ ވިދާޅުވީ ދައުލަތާ ހަވާލުވެ ހުރި މީހެއްގެ ނުވަތަ މުވައްސަސާއެއްގެ އިހުމާލު އޮތް ކަމަށް ކޯޓަށް އެކަށީގެންވާ ވަރަށް ޝައްކު އޮތް ހާލަތެއްގައި އާއިލާ އިން ނުވަތަ ކޯޓުން ގަބޫލުކުރާ ތަނަކުން ނޫނީ ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށް ވެސް އަމުރު ކުރެވިދާނެ ކަމަށެވެ.
ރަޝީދުގެ އާއިލާ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރަޝީދުގެ މަރުވުމުގައި ފުލުހުންގެ އިހުމާލު އެބައޮތްކަމަށެވެ.
އާއިލާއިން ބުނެފައިވަނީ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައިހުއްޓާ މެޔަށް ތަދެއް އަރައިގެން އެކަން ފުލުހުން ގާތުގައި ބުނުމުން ފުލުހުން ބުނެފައިވަނީ އޭނާ ފޭކް ޖައްސަނީ ކަމަށް ބުނެ ފުލުހުން ފަރުވާދޭން ދެކޮޅު ހެދީ ކަމަށެވެ.
ރަޝީދު މަރުވުމުން ފުލުހުންވަނީ އާއިލާއާއި ދެކޮޅަށް އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައެވެ. އަދި ރަޝދުގެ ހަށިގަނޑު މާލެ ގެނެސް ގަލޮޅު މޯޗަރީގައި ބާއްވާފައިވާއިރު ހަށިގަނޑު އާއިލާއަށްވެސް ނުދައްކާކަމަށް އާއިލާއިން ބުނެއެވެ.
އެކަމާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވާކަމަށެވެ. އަދި އެމީހުންގެ ނުރުމުގައި ޕޯސްޓްމޯޓަމް ހަދައިފި ނަމަ ހަށިގަނޑާ ހަވާލުނުވާނެ ކަމަށް ވެސް އާއިލާއިން ބުނެއެވެ.