ޗާގޮސް މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް  

Loading

Facebook
Twitter
WhatsApp

ޗާގޮސް މައްސަލައިގައި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެލެއްވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަނެ ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.


މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކުރާ ކަމަށެވެ.

އައްޑޫ ސިޓީގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭ ގޮތަށް ފޯޅަވައްސާއެކު އޮންނަ ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް ހުށަހެޅި މައްސަލާގައި ރާއްޖެއިން މިހާތަނަށް ވަކާލާތު ކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.


ޝަރީފް ވިދާޅުވީ އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިކުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ފޯޅަވަހިން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައި ގެއްލޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ކަމުގެ ސަބަބުން ހައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް ބަންދުވެގެންދާނެ ކަމަށެވެ.

”ދިވެހިރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށްވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީގޮތުން އިސްކަންދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭތީ، ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސްގެ ރާއްޖޭގައި ހިމެނޭ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ،“ މެމްބަރު ވިދާޅުވިއެވެ.

މެންބަރު ޝަރީފް ތުހުމަތުކުރައްވާގޮތުގައި ކުރީގެ ސިޔާސަތު ބަދަލުކުރުމުން 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލި ބޭރުގެ ނުފޫޒު ރާއްޖެއަށް ކުރާ މިންވަރު އިތުރުވެގެން ހިނގައިދާނެއެވެ.

އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވެމުންދާއިރު އޭޖީން ބުނެފައިވަނީ ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށެވެ.

ޕީޖީން ބުނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެ އޮފީހުން ފާހަގަކުރެއެވެ. އަދި އދ. ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

Loading

One Response

  1. ތިބޭރުކޮށްލާނީ. ސުޕަރ މެޖޯރެޓީ ވަނީ ވައްކަމަށް ދެލޯމެރިފައެވެ. ހަކުރު ދެންޏާ ބޮޑުބޭބެ. އެވެސް ބިސްމިނުގެ ބަރކާތުން ފައްޓާނީ. ނިންމާލައިފާ އަލް-ހަމްދު ކިޔާނީ. މިއޮތީވާ ކަމަކާ ދިމާވެފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް