އައްޝައިޙް މުޙައްމަދު ބުނު ޢަބްދުލް ވައްޙާބަކީ މިފަހަކަށް އައިސް އިސްލާމީ އުއްމަތަށް ލިބުނު އެންމެ ވަރުގަދަ އެއް ޝަޚްޝިއްޔަތެވެ. އޭނާގެ ޙަޔާތްޕުޅު ހޭދަވެގެން ދިޔައީ ޝިރުކާއި ބިދުޢަ ތަކުގު ސަބަބުން އިސްލާމީ އުއްމަތް ވެއްޓިފައިވާ ވަޅުގަނޑުން ނެންގެވުމުގެ ގިނަގުނަ މަސައްކަތްޕުޅު ގައެވެ.
މުޙައްމަދު ބުނު ޢަބްދުލް ވައްހާބް އުފަންވެ ވަޑައިގަތީ ނަޖްދު ކަރައިގެ ޔަމާމާގެ ކަރައިގައިވާ ރަށެއްގައެވެ. ހިޖްރައިން 1115 (މީލާދީން 1703) ގައެވެ. ވަރަށް ތުއްޕުޅު އިރު ޢިލްމުގެ މައިދާނަށް ނިކުމެ ވަޑައިގަތެވެ. ޢުމުރުފުޅުން އެންމެ 10 އަހަރުގައި ޤުރްއާން ހިތުދަސް ކުރެއްވިއެވެ.
އެންމެ ފުރަތަމަ ޢިލްމްއުނގެނި ވަޑައިގަތީ ބައްޕާފުޅު ޝައިޚް ޢަބްދުލް ވައްޙާބް އިބުނު ސުލައިމާނުގެ އަރިހުންނެވެ. އެއީ އެރަށު ޤާޞީއެވެ. އެއަށްފަހު ޢިލްމް ޙާސިލް ކުރެއްވުމަށް ޙިޖާޒު ކަރަޔަށް ވަޑައިގަތެވެ. އަދި މާތްވެގެންވާ މައްކާ އާއި މަދީނާއިން ޢިލްމް ޙާސިލް ކުރެއްވިއެވ.
އެއަށްފަހު ޢިރާޤުގައި ހުންނެވި އިރު، އިހުގެ ބޮޑެތި އިމާމުންގެ ތެރޭގައި ހިމެނޭ އަޙުމަދު ބުނު ޙަންބަލް އާއި އިބުނު ތައިމިއްޔާގެ ފަރާތުން ވާރުތަ ވަމުންއައި ޢިލްމުގެ ކޯރަކަށް ފީނާ ވަޑައިގަތެވެ.
މި ދެބޭކަލުންނަކީ ކީރިތި ޤުރްޢާނާއި މާތް ސުންއަތުގައި އަންގައިފާވާ ގޮތަށް، އަކުރުން އަކުރަށް ތަބާވުމުގެ މުހިންމުކަން ދެނެ ވަޑައިގެން އެކަމަށް ގޮވާލެއްވި ދެބޭކަލުންނެވެ. ތިމާމެންގެ ބުއްދިއަށް ފެންނަހާ ގޮތްތަކާއި، ފަލްސަފާ ދީނުގެ ތެރެއަށް ވެއްދުމުގެ ނުރަށްކަލަށް އުއްމަތް ހޭއެރުއްވެވި ދެ އިމާމުންނެވެ.
މުޙައްމަދު ބުނު ޢަބްދުލް ވައްހާބުގެ އިސްލާޙީ މަސައްކަތް ފެއްޓެވީ ޢިރާޤުންނެވެ. މާތް ﷲ އާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށާއި މާތް ސުންނަތަށް ތަބާ ވުމަށް މީސްތަކުންނަށް ގޮވާލައްވާން ފެއްޓެވިއެވެ. ވަލީ ވެރިންނާއި މާތް މީހުންގެ ޒިޔާރަތް ތަކަށްގޮސް އެމީހުންގެ ކިބައިން ކަންކަމަށް އެދުމަކީ ޝަރީކު ކުރުންކަން ހަނދާން ކޮށްދެއްވިއެވެ. ނަތީޖާއަކީ އެތާގައި ތިބި ”ދަންނަ ބޭކަލުން“ މުޙައްމަދު ބުނު ޢަބްދުލް ވައްހާބާއި ދެކޮޅުހަދައި ދުއްތުރާތައް ކުރިމަތި ކުރުމެވެ.
އެހެން ކަމުން ބަޞަރާ ދޫކުރައްވައި ޢަރަބި ކަރަޔަށް އެނބުރި ވަޑައިގަތެވެ. އައްޒުބައިރު، އަލް-އަޙްސާ އަދި ޙުރައިމަލާއޭ ކިއުނު ރަށްރަށުގެ މީސްތަކުންނަށް ޙައްޤުގެ މަގަށް ގޮވާލެއްވުމުންވެސް ބޮޑެތި ދަތި ތަކާއި ކުރިމިތި ކުރެވި ފުރާނަފުޅަށް ނުރަށްކާވާ ހިސާބަށް ދިޔައެވެ. ދެން ޢުޔައިނާ އަށް ވަޑައިގަތީއެވެ.
އިސްލާމްދީނުގެ މަޙައްލު ކަމުގައިވާ ޢަރަބިކަރަ އޭރު އޮތީ ވަރަށްވެސް ހިތާމަވެރި ޙާލަތަކަށް ވެއްޓިފައެވެ. ޙާލުގެ ދުލުން ގޮވަގޮވާ އޮތީ ފެތުރިފައިވާ ޝިރުކާއި ބިދުޢައިގެ ނަޖިހުން މާތް ބިން ތާހިރު ކޮށްދުއްވާނޭ މުޖައްދިދަކަށެވެ.
މާތްﷲ ފިޔަވައި، ވަލީ ވެރިންނާއި، ޒިޔާރަތް ތަކާއި، ގަސްގަހާއި ގެއްސާއި، ހިލަހިލަ ގަނޑަށް ދާންދެން އަޅުކަން ކުރުން އޮތީ ޢާންމު ވެފައެވެ. ސިހުރާއި، ފާލު ބެލުންފަދަ ބޮޑެތި ޙަރާމް ކަންތައް ވަނީ ފެތުރިފައެވެ. އިސްލާމްދީނުގެ ތަރަހަ ކަމުގައިވާ ތަވްޙީދުވަނީ މުޅީން ކިލަނބުވެފައެވެ. އެހެން ކަމުން ޝައިޙް އަބްދުލް ވައްހާބު އެންމެ އިސްކަން ދެއްވީ މީސްތަކުންގެ ޢަޤީދާ ސާފު ކުރެއްވުމަށެވެ. ޢާންމުންނަށް ތެދުމަގަށް ރުޖޫޢަވުމަށް ގޮވާލެއްވުމުގެ އިތުރުން ރަށްރަށުގެ ވެރީންނާއި، ޢިލްމްވެރީންނަށް ޙައްގުދެ މަގަށް ނަޞްރު ދެއްވުމަށް ގޮވާލައްވައި ސިޓީ ފޮނުއްވަމުން ގެންދެވިއެވެ. މަޑުމަޑުން މީސްތަކުން ޙައްޤުގެ މަގަށް ތަބާވާން ފެށިއެވެ.
ހަމައެއާއެކު، ޙައްޤާއި ދެކޮޅުހެދި މީހުންވެސް މަދެއް ނޫނެވެ. އެމީހުން ބެހެނީ ދެބަޔަކަށެވެ. މީގެ ތެރެއިން އެއްބަޔަކީ ދީނުގެ މާ ބޮޑު ޢިލްމެއް ލިބިފައިނުވާ ޢާންމުންގެ މީހުންނެވެ. ޒަމާންތަކާއި އެކުވެގެން އައިސްފައިވާ ޝިރުކާއި ބިދުޢައިގެ ތެރޭގައި ފޯވެފައިވާ މީހުންނެވެ.
ތިމަތިމާމެންގެ ކާބަފައިންގެ ފަރާތުން ލިބިފައިވާ ގޮތަކީ ރަނގަޅުގޮތް ކަމުގައި ނިންމައި، މިކަންތަށް ޤުރުއާނާއި ސުންނަތުގެ ތަރާދުން ނުކިރައި، ކަންކަމާއިމެދު ވިސްނައި ފިކުރު ކުރުމުގެ ބުރަ އުފުލާން އާދަ ވެފައިނުވާ މީހުންނެވެ. ދެކޮޅު ނުހެދޭނެފަދަ ދަލީލުތައް ދެއްކިޔަސް، ތިޔައީ އަހަރެމެން އާދަކޮށް ތިޔަ ކަންކަން ކުރާގޮތެއް ނޫނޭ، ނުވަތަ އަހަރެމެން ތަބާވާ މަޒުހަބުގައި އޮންނަ ގޮތެއް ނޫނޭ، މި ފަދަ ބަހަނާ ތަކުން ފުއްދާލާ މީހުންނެވެ. އަހަރެމެން ކާބަފައިން މިގޮތުގައި ވަނިކޮށް އަހަރެމެން ދުށީމެވެ. އަދި އަހަރެމެން ތިބޭނީ އަހަރެމެންގެ ކާބަފައިންގެ ފިޔަޅުމަތީގައި ކަމުގައި ބުނެތެވެ.
އަނެއްބަޔަކީ ދީނުގެ ޢިލްމް ލިބިފައިވާ މީހުންނެވެ. މި ގޮވާލެވެނީ ޙައްޤަށްކަން އެމީހުން ދެނެތިއްބަސް މާތްﷲގެ ރުއްސެވުމުގެ ކުރިޔަށް ދުނިޔޭގެ އެދުންވެރިކަން ނެރޭމީހުންނެވެ.
– ނުނިމޭ ….