ޔޫކްރޭން ސިފައިން ޖަރުމަނުވިލާތުގައި ތަމްރީނުކުރަން ފަށައިފިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ސިފައިންނަށް ތަމްރީނުދެމުން ދަނީ އެމެރިކާއިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް ބޭނުން ކުރާނެ ގޮތާއި ހަނގުރާމައިގެ އެކިއެކި އުކުޅުތަކެވެ. އެ މަސައްކަތް ކުރަމުން ދަނީ ފްލޮރިޑާގެ ނެޝަނަލް ގާޑުންނެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޖަރުމަނުގައި ޔޫކްރޭން ސިފައިންނަށް ތަމްރީނުދޭ ވާހަކަ ހާމަކޮށްފައެވެ. އަދި އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ބޭނުންކުރާނެ ގޮތް ދަސްކޮށް ދެމުންދާކަމަށް ވެސް ބުނެފައި ވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދިފާއީ ވުޒާރަގެ ތަރުޖަމާނު ވިދާޅުވީ ޖަރުމަނުގެ ސިފައިންގެ މަރުކަޒުތަކުގައި ޔޫކްރޭންގެ ސިފައިންނަށް ދަސްކޮށް ދެމުންދާ ކަންތައްތަކުގެ ތެރޭގައި މުހިއްމު މިސައިލް ބޭނުން ކުރާނެ ގޮތާއި ރާޑަރ ސިސްޓަމްތައް ބޭނުންކުރާނެ ގޮތްތައް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެކަން ކުރަމުން ދަނީ ޖަރުމަނު ސިފައިންނާ ވެސް ގުޅިގެންނެވެ. އެހެންވެ އޭނާ ޖަރުމަނުގެ ސިފައިންނަށް ޝުކުރު އަދާކުރެއްވިއެވެ.