ށ. ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވަކާމަށެވެ.
މިމަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުވަނީ ހުޅުވާލާފައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް ވެސް ފިނޭންސްން ބުނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް މާދަމައިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ވެއެވެ.
މިދިޔަ ޖެނުއަރީ މަހު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭން ނިމުމާއެކު، އެ ރަށުން މިހާރު ހިއްކާފައި އޮތް ސަރަހައްދުން ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ހައުސިން ޕްލޭންގައި ހިމަނާފައިވާކަން ވެސް ފާހަގަކުރައްވައި ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. .
ކޮމަންޑޫގެ އިތުރުންވެސް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ހައުސިން ޔުނިޓްތައް އެޅުަމަށް ނިންމައި ހައުސިން ޔުނިޓްތައް އަޅާނެ ރަށްތައްވެސް މީގެ ކުރިން އިއުލާން ކޮށްފައެވެ.
ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު
- ހދ. ކުޅުދުއްފުށި – 400 ހައުސިން ޔުނިޓް
- ސ. ހިތަދޫ – 200 ހައުސިން ޔުނިޓް
- ފުވައްމުލައް – 200 ހައުސިން ޔުނިޓް
- ޅ. ހިންނަވަރު – 100 ހައުސިން ޔުނިޓް
- ލ. ގަން – 100 ހައުސިން ޔުނިޓް
- ހއ. ދިއްދޫ – 75 ހައުސިން ޔުނިޓް
- ސ. ފޭދޫ – 75 ހައުސިން ޔުނިޓް
- ށ. މިލަންދޫ – 50 ހައުސިން ޔުނިޓް
- އއ. ރަސްދޫ – 50 ހައުސިން ޔުނިޓް
- ގއ. ވިލިނގިލި – 50 ހައުސިން ޔުނިޓް
- ނ. މަނަދޫ – 40 ހައުސިން ޔުނިޓް
- ނ. ހޮޅުދޫ – 30 ހައުސިން ޔުނިޓް
މި ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގައި ހައުސިން ޔުނިޓްތައް އަޅާނެ ފަރާތްތައް ހޯދުމަށް އެކި ދުވަސް މަތިން ވަނީ އިއުލާންކޮށްފައެވެ.