މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްކިރާ މިންވަރު ލިމިޓް ކޮށް ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފިއެވެ.
މިފްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖް ކޮށްގެން މަސްކިރުން ކުރިއަށް ގެންދިއުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތްޓަނުގެ މަސްކިރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މިފްކޯއިން ބުނީ މަސްކިރުން ލިމިޓް ކޮށްފައި މިވަނީ ދެކުނުގެ މަސްވެރިން ބޭނި ގިނަ އަދަދެއްގެ މަސްތައް ކިރުމަށް އެކުންފުނިން މިދިޔަ ހަފްތާގައި ލިމިޓް ކުރުމާއި ގުޅިގެން މަސްވެރިންގެ އިހުތިޖާޖްތަކެއް ކޮށްފައި ވަނިކޮށެވެ.
މިފްކޯއިން ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ މިފްކޯގެ ފްރީޒިން ކެޕޭސިޓީ އަށްވުރެން އިތުރަށް މަސްލިބެމުން ދިއުމާއެކު މަސްކިރައި ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ދަތިތަކަށް ހައްލުކުރުމުގެ ގޮތުން މި މަހުގެ ހަޔަކުން ފެށިގެން މަސް ގަންނަމުން ދިޔައީ ކިޔު ތަރުތީބުން ކޮންޓްރޯލް ކޮށްގެން ކަމަށެވެ.
ނަމަވެސް މަސްކިރުވުން ލިމިޓްކުރުމުން އައިސް އަޅާފައި ހުރި ދޯނިތަކުގައި ހުރި މަސް ހަލާކުވާނެތީ މަސްކިރުން އަވަސްކުރުމުގެ ގޮތުން އަންގާރަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމަކާނުލައި މަސްކިރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާ މި އަދުގެ ނިޔަލަށް ކިއު ތަރުތީބުން ހުރިހާ ދޯންޏަކުން މަސްކިރައި ނިންމާފައިވާ ކަމަށެވެ.