މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކުރީ މ. މުލި އިން ކަމަށާ ދެން ހައްޔަރުކރިމީހާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން ކަމަށެވެ.
ފުލުހުން ބުނީ މި ދެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އެގޮތުން މުލީގައި މި މަހުގެ 26 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގި ކަމަށާ އެ އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ، ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 32 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ތިނަދޫން މީހަކު ހައްޔަރުކުރީ މި މަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކަމަށާ އެރަށުން 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.
ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާކަމަށެވެ.
2 Responses
ސާބަހޭ ޕޮލިސް. ކުރިއަށް ދިވެހި ގައުމު، ތި އަތުލައްވާހާ ޑްރަގްތަށް އަލުން މާކެޓަށް ނުނެރުއްވައްޗެވެ. ޝުކުރިއްޔާ!
ރަބަރު ޕެކެޓަކީ މިހާރަކަށްއައިސް ވަރަށްގިނައިން ނޫސްތަކުން ފެންނަ ބަހެއް. އެއީ ކޮންއެއްޗެއްކަން އަދިވެސް އަޅުގަނޑަށް ނޭންގޭތީވެ ފޮޓޯއަކާއެކު ހާމަކޮށްލާ ދެއްވައިފިނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން.