ކުޑަ ކުއްޖަކު މަރުވުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ވެނެޒުއެލާއިން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ޓްރިނިޑާޑް އެންޑް ޓޮބާގޯ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ވެނެޒިއުލާއިން ގޮވާލައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ ވެނެޒިއުލާއިން އެހެން ގައުމުތަކަށް ހިޖުރަކުރަން މަސައްކަތްކުރާ މީހުން ގޮވައިގެން ދަތުރު ކުރި ބޯޓެއް ހުއްޓުވަން ޓްރިނިޑާޑް އެންޑް ޓޮބާގޯ ގެ ކޯސްޓްގާޑުން މަސައްކަތް ކުރުމުގެ ތެރޭގައެވެ. މިހާދިސާއާ ގުޅިގެން ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ބޮޑު ވަޒީރު، ކީތު ރައުލީ ހާމަކޮސްފައިވާ ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ އިންސާނުންގެ ވަގު ވިޔަފާރި ހުއްޓުވުމަށް އެގައުމުގެ ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަން ތަކުގެ ތެރެއިން ހޮނިހިރު ދުވަހު ހިންގި ދިފާއީ އޮޕަރޭޝަނެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ ސާޅިހަކަށް މީހުން ތިބި ބޯޓަކަށް ކޯސްޓް ގާޑުން ހުއްޓަން އަމުރުކުރުމުން އެ ބޯޓު ނުހުއްޓުމުގެ ސަބަބުން ބޯޓުގެ އިންޖީނަށް ބަޑި ޖަހަން މަސައްކަތްކުރުމުގެ ތެރޭގައެވެ. ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ތުއްތު ކުއްޖާ މަރުވެފައިވަނީ އެކުއްޖަގެ މަންމަގެ އަތްމަތީގައެވެ. އަދި މިހާދިސާގައި އެ ކުއްޖާގެ މަންމަގެ ގަޔަށް ވަޒަން އަރާފައިވާ ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ހާމަ ކޮށްފައިވެއެވެ. އެ ކުއްޖާ މަރުވި ސަބަބެއް ކަމާބެހޭ ފަރާތްތަކަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޯސްޓް ގާޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަޑި ޖަހާފައި ވަނީ ދެ ބޯޓު ޖެހި ހާދިސާއެއް ހިނގާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ރައްކާތެރި ވުމަށްޓަކައެވެ.

ހޯމަ ދުވަހު ވެނެޒުއެލާއިން ވަނީ މި ހާދިސާ ހިނގާފައިވާ ގޮތުގެ ފުރިހަމަ މައުލޫމާތު ހާމަ ކުރުމަށް ގޮވާލާފައެވެ.

ވެނެޒުއެލާގެ ރައީސް، ނިކޮލަސް މަޑޫރޯ ބާތިލު ވޯޓުލުމަކުން ވެރިކަމަށް ވަޑައިގަތުމުގެ ސަބަބުން އެމެރިކާ އަދި އިތުރު ގިނަ ގައުމުތަކަކުން ވަނީ ވެނެޒުއެލާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެނެޒިއުލާއަށް ވަނީ ގިނަ އިޖްތިމާއީ އަދި އިގުތިސާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އދ އިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ވެނެޒިއުލާގެ 6 މިލިއަން ރައްޔިތުން ވަނީ އެ ގައުމުން ބޭރަށް ހިޖުރަކޮށްފައެވެ.

ޔޫއެންގެ ގިނަ އަދަދެއްގެ އޭޖަންސީތަކަކުން ވަނީ މިހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. ޓްރިނިޑާޑްގެ ބޮޑު ވަޒީރު ރައުލީވެސް ވަނީ ވެނެޒިއުލާގެ ނައިބު ރައީސާ ގުޅުއްވައި މިހާދިސާއާ ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް