އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަލުން ނެރެފައިވާ ރިޕޯޓެއްގައި އިޒްރޭލުން ހަދާ ގާނޫނުތައް ހަދަނީ ނަސްލީ ގޮތުން ތަފާތުކޮށް ފަލަސްތީން ރައްޔިތުންގެ ހައްގުތައް ގެއްލޭގޮތަށް ކަމަށް ސިފަކުރުމާ ގުޅިގެން އެމެރިކާގެ ގިނަ އަދަދެއްގެ ސިޔާސީ ވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެމެރިކާގެ ގިނަ އަދަދެއްގެ ސެނޭޓް މެމްބަރުންނާއި، ލެޖިސްލޭޓަރުންގެ އިތުރުންހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ގިނަ ވެރިންވެސް ވަނީ އެމްނެސްޓީން ނެރެފައިވާ ރިޕޯޓް ދޮގުކޮށް ވާހަކަ ދައްކަވާފައެވެ. ބައެއް ފަރާތްތަކުން ވަނީ އެމްނެސްޓީން ޔަހޫދީންނާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރާކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
އެމްނެސްޓީން މި ރިޕޯޓު ނެރުނު ފަހުން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 4 ފަރާތަކުން ވަނީ އެ ރިޕޯޓަށް ފާޑުކިޔާފައެވެ. އެ ރިޕޯޓުގައި އެއްވެސް ބަރުދަނެއް އެކުލެވޭ ވާހަކައެއް ނެތްކަމަށާއި، ރިޕޯޓަކީ ޔަހޫދީންނާ މެދު ނަފްރަތު އުފައްދަން ނެރެފައިވާ އެއްޗެއް ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ލީ ޒެލްޑަން ވެސް ވަނީ މި ރިޕޯޓަށް ފާޑު ކިޔާފައެވެ. އޭނަ ބުނެފައިވާ ގޮތުގައި މި ރިޕޯޓަކީ އެމްނެސްޓީން އެތައް އަހަރެއް ވަންދެން އިޒުރޭލަށް ނިސްބަތްކޮން ފަތުރަމުން އައިސްފައިވާ ދޮގު ޚަބަރުތަކުގެ ތެރެއިން ޚާބަރެކެވެ. އަދި މި ރިޕޯޓިގައި ފަލަސްތީނުގެ އަމަލުތަކުގެ ސަބަބުން އިޒްރޭލަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ހާމަކޮށްފައި ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިޒުރޭލުގެ ސަރުކާރުން ވެސް މި ރިޕޯޓަކީ ގިނަ ދޮގު މައުލޫމާތުތަކެއް އެކުލަވައި ޔަހޫދީންނާ ދެކޮޅަށް ނެރެފައިވާ ރިޕޯޓެއް ކަމަށް ވަނީ ބުނެފައެވެ. އިޒުރޭލުގެ ސަރުކާރުން މިހެން ބުނެފައި ވަނީ އެމްނެސްޓީން މި ރިޕޯޓް ނެރުމުގެވެސް ކުރިންނެވެ.
މި ރިޕޯޓަށް އެމެރިކާގެ ގިނަ ފާޑުކިޔުން އަމާޒުވި ނަމަވެސް ރިޕޯޓުގެ ސައްހަ ކަމާމެދު ޝައްކު އުފެއްދޭ އެއްވެސް ސަބަބެއް އެ ފަރާތްތަކަކަށް ދެއްކިފައެއް ނުވެއެވެ. ގިނަ ފަރާތްތަކުން ހަމައެކަނި ފާހަގަކޮށްފައިވަނީ އެ ރިޕޯޓުގައި ’އެޕާޓައިޑް‘ ބޭނުންކޮށްފައިވާ ގޮތެވެ. އެ ފަރާތްތަކުން ވަނީ އިޒްރޭލަށް ނިސްބަތް ކޮށް ”އެޕާޓައިޑް“އޭ ނުބުނެވޭނެ ކަމަށް ބުނެފައެވެ. އަދި އެ ބަސް އިޒުރޭލަށް ނިސްބަތްކޮށް ބޭނުން ކުރުމަކީ ސައުތު އެފްރިކާގެ ރައްޔިތުން އެޕާޓައިޑް ސަރުކާރެއްގެ ދަށުގައި އުޅުނު ހާލަތުގެ ދަތިކަމަށް އަޅާނުލުން ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ. ނަމަވެސް ސައުތު އެފްރިކާގެ ޑެސްމަންޑް ޓޫޓޫ ފަދަ ގިނަ ވެރިން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ ސައުތު އެފްރިކާގެ އޭރުގެ ހާލަތާ އެއްފަދަ ކޮށްފައެވެ.
މި ރިޕޯޓަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވުމުގެ ސަބަބުން އެމްނެސްޓީ ޔޫއެސްއޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެމީހުން މިބަޔާން ދިފާއުކުރަމުން ބުނެފައި ވަނީ އެމީހުންގެ މަޤުޞަދަކީ އިންސާނީ ހައްގުތަކާ ދެކޮޅަށް ކުރެވޭ އަމަލުތައް، ހިނގި ތަނަކަށް ބެލުމެއް ނެތި ހާމަކުރުމެވެ.
އެމްނެސްޓިން ނެރުނު މި ރިޕޯޓަށް މިހާ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވުމަކީ އިސްރޭލާއި އެމެރިކާގެ މެދުގައި އޮންނަ ގުޅުން ސާފުކޮށް ހާމަކޮށްދޭ ހެއްކެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެމެރިކާއިން ގިނަ އަދަދެއްގެ ފާޑުކިޔުންތަކެއް އެމްނެސްޓިން ނެރުނު މި ރިޕޯޓަށް އަމާޒުވި ނަމަވެސް މި ރިޕޯޓުގެ ސައްހަކަމަށް އެއްވެސް އުނިކަމެއް ނާންނާނެކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.