ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ނިއުޒިލަންޑުން ބަންދުކުރި ބޯޑަރުތައް އަލުން ހުޅުވާނެ ތާރީޚްތައް އާންމުކޮށްފިއެވެ. މިގޮތުން އޮސްޓްރޭރިޔާގައި ތިބި ނިއުޒިލަންޑްގެ ރައްޔިތުން ގެ ތެރޭން ވެކްސިން ޖަހާފައިވާ މީހުން 27 ފެބްރުއަރީ އިން ފެށިގެން ގައުމަށް އެތެރެވެވޭނެއެވެ. އަދި އެހެން ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުންގެ ތެރޭން ވެކްސިން ޖަހާފައިވާ މީހުންނަށް 13 މާޗުން ފެށިގެން އަމިއްލަ ގައުމަށް ދެވޭނެ ކަމަށް ބޮޑުވަޒީރު ޖެސިންދާ އާޑަން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިގޮތަށް ގައުމަށް އެތެރެވާ ފަރާތްތަކުން ދިހަ ދުވަހު ގޭގައި މަޑުކުރަން ޖެހެއެވެ.
ނިއުޒިލަންޑަކީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އެންމެ ހަރުކަށިފިޔަވަޅުތައް އެޅި އެއްގައުމެވެ. އެގައުމުގެ ބޯޑަރު ބަންދުކޮށްފަ އޮންނަތާ މިހާރު ދެއަހަރުވަނީ އެވެ. ފަސް މިލިއަން މީހުންގެ އާބާދީ އެއްއޮންނަ ނިއުޒިލަންޑްގައި ބޯޑަރުތައް ބަންދުކުރުމާއެކުވެސް 17 ހާސް މީހުންނަށް ކޮވިޑް19ޖެހި 53 މީހުން މަރުވެފައި ވެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮވިޑް ރެކޯޑްތަކާއަޅާބަލާއިރު ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ބޯޑަރު މިހާގިނަދުވަހަށް ބަންދު ކޮށްފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އާއިލާގެ މުހިންމު އިވެންޓް ތަކުގައި ބައިވެރިވުމުން މަހްރޫމް ވެފައެވެ. ގިނަ ގައުމުތަކަކުން މިހާރު ކޮވިޑާއެކީ އުޅެން ދަސްކުރަން ފަށާފައިވާއިރު އަދިވެސް އެއްކޮން ބޯޑަރު ހުޅުވާ ނުލާތީ ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ބުރާސްފަތި ދުވަހު ގައުމާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޖެސިންދާ އާޑަން ވިދާޅުވީ މިގޮތަށް ބައިބަޔަށް ގައުމުގެ ރައްޔިތުންނަށް ހުޅުވާލުމުން ވަންނަ މީހުންގެ އަދަދު ބެލެންސް ކުރެވުމާއިއެކު ސިއްހީ ނިޒާމް އޮތީ ކޭސްތައް އިތުރުވާ މިންވަރަށް ތައްޔާރުވެފައިތޯ ދެނެގަނެވޭނެ ކަމުގައެވެ.
ނިއުޒިލަންޑުން ކޮވިޑް އުސޫލްތަކަށް ލުއިދޭން ނިންމި ޕްލޭގެ ތިންވަނަ ފިޔަވަޅެއްގެ ގޮތުން އެޕްރިލް 12 ވަނަ ދުވަހުން ފެށިގެން ފަސްހާސް އިންޓަރނޭޝަނަލް ސްޓޫޑަންޓުންނަށް އެގައުމަށް އެތެރެވެވޭނެއެވެ