ގްރީސްގެ ނޫސްވެރިއެއްގެ ގެޔަށާއި ޔުނިއަނިސްޓެއްގެ ގެޔަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި

Loading

Facebook
Twitter
WhatsApp

ގްރީސްގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ ވެރި ރަށް، އެތެންސްގައި ޔުނިއަނިސްޓެއްގެ ގެޔަށާއި ނޫސްވެރިއެއްގެ ގެޔަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއްވަނީ ދީފިއެވެ. މިހަމަލާ ދީފައިވަނީ ގްރީސްގެ ނޫސްވެރިއެއް ކަމަށްވާ ޑިމިޓްރިސް ކޭމްބުރަކިސްގެ ގެޔަށާއި ގްރީސްގެ ޕޮލިސް ޔުނިއަނުގެ ލީޑަރު ވަސިލިސް ޑޯމަސްގެ ގެޔަށެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން މިހަމަލާ ދީފައި ވަނީ ބަޔަކު ބޮންތަކެއް މި ތަންތާ ބަހައްޓައިގެންނެވެ. ބޮން ބެހެއްޓި މީހުން މޫނު ފޮރުވައިގެން ތިބުމާ ގުޅިގެން މި ހަމަލާ ދީފައި ވަނީ ކޮންބަޔެއްކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. މޫނު ފޮރުވައިގެން ހުރި މީހަކު ގޭސް ފުޅިއަކުން ހަދާފައިވާ ބޮމެއް މި ދެ ގޭގެ ކުރިމަތީގައި ދަންވަރު ގަޑީގައި ބާއްވާތަން ސީސީ ކެމެރާތަކަށް ވަނީ ރެކޯޑް ކުރެވިފައެވެ. ނޫސްވެރިޔާ ކޭމްބުރަކިސް ބުނި ގޮތުގައި އޭނާގެ ގޭގެ ކުރިމަތީގައި ބާއްވާފައިވާ ބޮން ގޮވާފައި ވަނީ އޭނާ ނިދާފައި އޮއްވައެވެ. އަދި ބޮން ގޮވި އަޑަށް ނިކުން އިރު އޭނާގެ ގޭގެ ދޮރުގައި ވަނީ އަލިފާން ރޯވެފައިކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ. ހަމަ އެ ވަގުތު ޑޯމަސްގެ ގޭގެ ކުރިމަތީގައި އޮތް ބޮން ވެސް ވަނީ ގޮވާފައެވެ.

ޑޯމަސް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މި ހަމަލާ ދީފައި ވަނީ އޭނާގެ ފިކުރުތަކާ ދެކޮޅު ފަރާތްތަކުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހަމަލާ ދިނުމަކުން އޭނާގެ ފިކުރު ބަދަލު ނުވާނެ ކަމަށްވެސް ޑޯމަސް ވަނީ ބުނެފައެވެ.

ބޮމުގެ މި ހަމަލާ ތަކުގައި ވަށައިގެން ހުރި ގިނަ ގެތަކަކަށް ވަނީ ގެއްލުން ވެފައެވެ. އެތެންސްގެ ފުލުހުން ވަނީ މި ހަމަލަ ތަހުގީގު ކުރަން ފައްޓާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް