ހޫތީން ޔޫއޭއީއަށް ދިން ހަމަލާ ހުއްޓުވުމުގެ ގޮތުން އެމެރިކާއިން އިންޓާސެޕްޓާ މިސައިލް ބޭނުންކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ހޫތީން ޔޫއޭއީއަށް އަމާޒުކޮށް ފޮނުވި ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ޔޫއޭއީން ހޯމަ ދުވަހު ވަނީ ބުނެފައެވެ. މި ހަމަލާ ދީފައި ވަނީ އިސްރޭލުގެ ރައީސް އިސާކް ހާރޒޮގް ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެ ހަފްތާ ތެރޭގައި 2 ހަމަލާއެއް ހޫތީން ވަނީ ޔޫއޭއީއަށް ދީފައެވެ. މި ހަމަލާތަކުގައި 3 މީހަކު ވަނީ މަރުވެފައެވެ.
ހޫތީން ޔޫއޭއީ އަށް ފޮނުވާލި ބެލެސްޓިކް މިސައިލް ހުއްޓުވުމުގައި އެމެރިކާއިން ބައިވެރިވެފައިވާކަމެއް ނުވަތަ ނޫންކަމެއް ހާމަކޮށްފައެއް ނުވެއެވެ. ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވަނީ އެމެރިކާއިން ކޮށްފައިވާ މަސައްކަތަކީ ޔޫއޭއީއަށް އެހީވުން ކަމަށް ބުނެފައެވެ. ޕެންޓަގަނުން ބުނެފައިވާ ގޮތުގައި ހޫތީން ފޮނުވި މިސައިލް ވައްޓާލާފައި ވަނީ ޔޫއޭއީގެ މިސައިލް އިންޓަސެޕްޓަރުތައް ބޭނުންކޮށްގެނެވެ.
އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ ނުފޫޒު އަންނަނީ އިތުރުވަމުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ޔަމަނުގެ ހޫތީންނާއި ސައުދީގެ ދަށުގައިވާ ކޯލިޝަނާ މެދު ހަނގުރާމަ ހިނގަމުން ދާތާ 7 އަހަރުވަނީ ވެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ހޫތީން ޔޫއޭއީއަށްދޭން މަސައްކަތްކޮށްފައިވާ މި ހަމަލާއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެމެރިކާގެ އެކުވެރި ގައުމުތަކާ އެކު އެމެރިކާ މަސައްކަތް ކުރާނެ ކަމަށް ވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
ފަހަކަށްއައިސް ހޫތީން ދެމުން އައިސްފައިވާ ހަމަލާތައް އިތުރުވުމާ ގުޅިގެން ސައުދީ-ކޯލިޝަނުން ވަނީ ހޫތީންގެ ސަރަހައްދަށް ދޭ ހަމަކާތައް އިތުރު ކޮށްފައެވެ. މި ހަމަލާ ތަކުގައި ގިނަ އަދަދެއްގެ ޔަމަނުގެ ރައްޔިތުން ވެސް ވަނީ މަރުވެފައެވެ.
އެމްނެސްޓީ އިންޓަނޭޝަލުން ބުނެފައިވާ ގޮތުގައި ސައުދީން ދިން ހަމަލާއެއްގައި ޑިޓެންޝަން ސެންޓަރެއް ހަލާކުވެ 91 ރައްޔިތުންވަނީ މަރުވެފައެވެ.
ޔޫއެންއިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ހޫތީންގެ ޖަމާޢަތާ ގުޅުނު 2،000 އާ ގާތްކުރާ އަދަދެއްގެ ކުޑަކުދިން ވަނީ މި ހަނގުރާމައިގާ މަރުވެފައެވެ.
ޔަމަނުގައި ހިނގަމުންދާ މި ހަނގުރާމައަކީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.