އިޒްރާއިލްގެ ރައީސަކު ޔޫއޭއީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް އައިސަކް ހަރްޒޯގް ޔޫއޭއީ އަށް ވަޑައިގެންގެންފިއެވެ.
މިއީ އެދެގައުމުދެމެދު ޑިޕްލޮމެޓިކްގުޅުން ގާއިމް ކުރަން ޔޫއޭއީ އިން ނިންމިތާ އެގާ މަސް ފަހުން ހަމަޖެހިގެން ދިޔަ ދަތުރު ފުޅެކެވެ. މިދަތުރުފުޅުގައި ރައީސް ހަރްޒޯގް ޔޫއޭއީގެ އެންމެ އިސް ވެރިންނާބައްދަލް ކުރައްވާނެއެވެ. މިވާހަކަފުޅުތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އެމެރިކާއިން މެދުވެރިވެގެން މިހާރުފައްޓާފައިވާ ”އެބްރެހަމް އެކޯޑް“ ކާމިޔާބް ކުރެވޭނެ ގޮތްތަކާބެހޭ މަޝްވަރާތަކެވެ.މިއެކޯޑްގެ ދަށުން އަރަބި އެހެން ތިންގައުމުކަމަށްވާ ބަހްރެއިން ސޫދާން އަދި މޮރޮކޯއިންވެސް ވަނީ އިޒްރާއިލްއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި އިޒްރާއިލްގެ ރައީސްގެ ދަތުރުފުޅާ ދިމާކޮށް ޔޫއޭއީ އަށް ހޯމަދުވަހު ދެވުނު ބެލިސްޓިކް މިސައިލް ހަމަލާއެއް އެގައުމުން މަތަކޮށް މިސައިލް ނައްތާލައިފިއެވެ. ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސުން މައުލޫމާތު ދިން ގޮތުގައި މިހަމަލާގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއްނުވެއެވެ. އަދި ހަލާކުކޮށްލެވުނު މިސައިލްގެ ބައިތައް ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ހިސާބާ ދުރަށް ކަމުގައެވެ.
އީރާންގެ މަދަދާއެކު ހަގުރާމަކުރަމުންގެންދާ ޔަމަނުގެ ހޫތީން މިމަހުވަނީ ޔޫއޭއީ އަށް މިފަދަ އެތައް ހަމަލާއެއްދީފައެވެ. މިގޮތުން ޖަނަވަރީ 17 ވަނަ ދުވަހު ޔޫއޭއީގެ ވެރިރަށް އަބޫދަބީ އަށް ދިން ޑްރޯން ހަމަލާތަކެއްގައި ތިން މީހުން މަރުވެފައިވެއެވެ.ރައްދުގައި ސައޫދީއަރޭބިޔާގެ ފައުޖެއް އިސްވެއޮވެ ހޫތީންނާ ހަގުރާމަ ކުރަމުން ގެންދާ ގުޅިފައިވާ ފައުޖުން ޔަމަންގެ ވެރިރަށަށް ދިންހަމަލާގައި ބާރަ މީހުން މަރުވެފައިވެއެވެ.
މިއަދު ޔޫއޭއީއަށް އަމާޒުކޮށް ދޭން މަސައްކަތް ކުރި މިސައިލް ހަމަލާޔާ ގުޅިގެން އިޒްރާއިލްގެ ރައީސްގެ ދަތުރުފުޅު ކުރު ނުކުރައްވާނެ ކަމަށާ ހަމަޖެހިފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށް އިޒްރާއިލްގެ ރިޔާސީ ތަރުޖަމާންބުނެފައިވެއެވެ.
އާދީއްތަ ދުވަހު ރައީސް ހަރްޒޯގްވަނީ އަބޫދަބީގެ ވަލީ އަހްދު ޝައިޚް މުހައްމަދް ބިން ޒައިދު އަލް ނަޚްޔާންއާ ބައްދަލް ކުރައްވާފައެވެ. އަދި މިއަދު ދަތުރުފުޅު ނިންމަވާލައްވާނީ ދުބާއީ އެކްސްޕޯ ބައްލަވާލެއްވުމަށް ފަހުއެވެ.