ހަތިޔާރުއެޅި އެމެރިކާ މީހުން ޔޫކްރޭނުގައި ހަރަކާތްތެރިވުމުގެ ބޭނުމަކީ ކޮބާ؟

Loading

Facebook
Twitter
WhatsApp

ޔޫކްރޭނަށް ރަޝިއާ އަރާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރޭނަށް އެހީގެ ގޮތުގައި ގިނަ ހަތިޔާރުތަކެއް ފޮނުވާފައެވެ. މި ގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތުން ޔޫކްރޭނަށް 100 ޓަނުގެ ހަތިޔާރު ފޮނުވާފައިވާކަމަށް ޔޫކްރޭނުގެ ވެރިރަށް ކިއެވްގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ހާމަކޮށްފައެވެ. ރަޝިއާއިން ގިނަ އަދަދެއްގެ ސިފައިން ޔޫކްރޭނުގެ ބޯޑަރު ކައިރިއަށް ޖަމާކުރުމާ ގުޅިގެން ޔޫކްރޭނުގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އެކަމާމެދު ނުތަނަވަސްކަން ފާޅުކޮށްފައެވެ. އަދި ރަޝިއާއިން ޔޫކްރޭނަށް އަރަން ރާވާކަމުގެ ވާހަކަތައް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ނަމަވެސް ރަޝިއާއިން އަދިވެސް އަންނަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.

މިފަދަ ހާލަތެއްގައި އެމެރިކާއަށް ނިސްބަތްވާ ސިފައިން ޔޫކްރޭނުގެ ސަރަހައްދުގައި ހަރަކާތްތެރި ވާތަން ފެނުމުން އެންމެންގެ ނަޒަރު ވަނީ އެކަމަށް ހުއްޓިފައެވެ.

ހަތިޔާރާއެކު ކޮމްބެޓް ގިޔަރުގައި އެމެރިކާ ސިފައިންތަކެއް ތިބި ފޮޓޯތަކެއް ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މި ފޮޓޯތައް ނަގާފައި ވަނީ ޔޫކްރޭނުގެ ހަމަނުޖެހުންތައް ގިނަ ޑޮންބަސް ސަރަހައްދުގައެވެ. ޑޮންބަސް ސަރަހައްދަކީ ޔޫކްރޭނުގެ ސަރުކާރު 2014 ވަނަ އަހަރު ބަދަލުވުމާއެކު ސަރުކާރުގެ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާ ސަރަހައްދެކެވެ. އަސްކަރީ ހަރަކާތްތަކާ ބެހޭގޮތުން ރިޕޯޓް ކުރާ ރަޝިއާގެ ގިނަ ސޯޝަލް މީޑިއާ ސައިޓް ތަކެއްގެ އަމާޒު މިއަދު ހުއްޓިފައި ވަނީ ފޯރވާޑް އޮބްސަވޭޝަންސް ނަމަކަށް ކިޔާ މި ގްރޫޕަކަށެވެ. ފޯރވާޑް އޮބްސަވޭޝަންސްއިން ވަނީ ޔޫކްރޭނުގެ ގިނަ ހަމަނުޖެހުންތައް ހިނގާ ބައެއް ސަރަހައްދުތަކަށް ގޮސް އެމީހުންގެ ދަތުރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ޔޫކްރޭނުގެ ސިފައިންގެ ހާލަތާ ބެހޭ ގޮތުން ގިނަ ހިޔާލުތަކެއް އެމީހުން ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ. އެމެރިކާއަށް ނިސްބަތްވާ ކަމަށް ލަފާ ކުރެވޭ ބަޔަކު ޔޫކްރޭނުގެ ސެވެރޮޑްވިންސްކް ސަރަހައްދަށް ގޮސް އެމެރިކާގެ ދިދައާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް އެމީހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުކުރުވަން ފަށާފައެވެ. މި ސަރަހައްދަކީ ޔޫކްރޭނުގެ ކުރީގެ އައިޑަރ ބެޓަލިއަންއަށް ނިސްބަތްވާ ގިނަ ސިފައިންތަކެއް ގާއިމުވެ ތިބި ސަރަހައްދެވެ. އައިޑަރ ބެޓަލިއަނަކީ ރައިޓް-ވިންގް ފިކުރު ހުންނަ ކަމަށް މަޝްހޫރު ވެފައިވާ ބެޓަލިއަނެކެވެ.

އެމެރިކާގެ ސިފައިން ޔޫކްރޭނުން ފެނުމާ ގުޅިގެން ގިނަ ބަޔަކު ލަފާ ކޮށްފައިވަނީ އެއީ ކުލީ ސިފައިންކަމަށެވެ. އަމިއްލައަށް އުފައްދައިގެން އުޅޭ ޖަމާއަތެއް ކަމަށްވާ ޑޮނެސް ޕީޕަލްސް ރިޕަބްލިކްގެ ވެރިޔާ އެމެރިކާގެ ކުލީ ސިފައިން ޔޫކްރޭނުގައި ހަރަކާތްތެރިވާކަމަށް ބުނެފައިވާ ބުނުމުގެ ސަބަބުން މި ބުނުންތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. އޭނާ ވަނީ އަދި މިކަން ޔަގީން ނުވާކަމަށްވެސް ބުނެފައެވެ. ފޯރވާޑް އޮބްސަވޭޝަންސްއިން ކޮށްފައިވާ ޕޯސްޓެއްގައި އެމީހުން ސީދާ ތިބި ތަން ހާމަކޮށްފައިވުމަކީ އަސްލު ކުލީ ސިފައިން އާއްމުގޮތެއްގައި ނުކުރާކަހަލަ ކަމެކެވެ. އެހެންކަމުން އެމީހުންނަކީ ކުލީސިފައިން ކަމަށްބުނާ ބުނުމާމެދު ޝައްކު އުފެދެއެވެ.

ފޯރވާޑް އޮބްސާވޭޝަންސްގެ ވެބްސްއިޓްގައި އެމީހުންނަކީ ކޮން ބައެއްކަމާއި އެމީހުންގެ މަގުސަދަކީ ކޮބައިކަންވެސް ހާމަކޮށްފައެއް ނުވެއެވެ. ވެބްސައިޓުން ފެންނަނީ ހަމައެކަނީ ޓްރޯމާ ޕައުޗެއް ( ސިފައިން ގެންގުޅާކަހަލަ ކިޓެއް ) ވިއްކަން ލާފައިވާ ތަނެވެ. ގޫގުލްގައި ސާޗް ކުރުމުން އެމީހުންނަކީ ޓެކްޓިކަލް ޓްރެއިނިންގް ފޯރުކޮށްދޭ ބައެއްކަން އެނގިގެން ދެއެވެ. މި ގްރޫޕްގެ ލީޑަރު ޑެރިކް ބޭލްސް ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ޔޫކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށް ސޯޝަލްމީޑިއާގައި މަޝްހޫރުވާން އުޅުމުގެ ސަބަބުން ފާޑު ކިޔުން އަމާޒުވެފައެވެ. އަދި އޭނާ އޭރު ކުރި ބައެއް ޕޯސްޓްތަކުގައި މަޝްހޫރު ނިއޮ-ނާޒީ ފިކުރުގެ މީހެއް ކަމައްވާ ބެލެކް ޓެގް ކުރުމާއި ގުޅިގެންވެސް އޭނާއަށްވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ހުޅަނގުގެ ސިޔާސީ ކަންކަމާ ބެހޭ ޚަބަރު ހިއްސާ ކުރާ ޓެލެގްރާމް ޗެނެލެއްގައި ހަނގުރާމަ ހިނގަމުންދާ ތަންތަނުގެ ބޭނުންހިފައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާކަމަށް ބުނެ ފޯރވާޑް އޮބްސަވޭޝަންސްއަށް ވަނީ ފާޑުކިޔާފައެވެ. ފޯރވާޑް އޮބްސަވޭޝަންސްއިން އެގްރޫޕު ޕްރޮމޯޓް ކުރުމުގެ ގޮތުން ޓީޝާޓުފަދަ އެއްޗެތި ވެސް ވިއްކައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ފޯރވާޑް އޮބްސަވޭޝަންސްއަކީ ކުރީގައި މިލިޓަރީގައި މަސައްކަތް ކުރި ބަޔަކު އެކުވެގެން ހަދާފައިވާ ޖަމިއްޔާއެކެވެ.

ފޯރވާޑް އޮބްސަވޭޝަންސް ޔޫކްރޭނުގައި މިވަގުތު ކުރަމުންދާ ކަމަކީ އެމީހުންގެ ބްރޭންޑް އިޝްތިހާރު ކުރުމުގެ މަސައްކަތްކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. ހުޅަނގުގެ ކުލީސިފައިން ފޮނުވާ ޖަމާޢައްތަކުން ބުނެފައިވާގޮތުގައި ޔޫކްރޭނަކަށް ކުލީ ސިފައިންނެއް ނުގަނެވޭނެއެވެ. ސަބަބަކީ 100 މީހުންގެ އާދައިގެ ކުލީސިފައިންގެ ޓްރޫޕެއްގެ އަގަކީ ޔޫކްރޭނުގެ އަހަރީ ދިފާއީ ބަޖެޓްގެ 2 ގުނަ ބޮޑު އަގަކަށް ވާތީއެވެ. އަދި ކުލީސިފައިން ފޮނުވުމުން އެއްވެސް ފައިދާއެއް ވެސް ނުކުރާނެކަމަށް ވެސް ކުލީ ސިފައިންގެ ގްރޫޕްތައް ހިންގާ މީހުން ވަނީ ބުނެފައެވެ. އަދި މި ފަރާތްތަކުން ބުނެފައިވާ ގޮތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަކީ ކުލީސިފައިންނެއް ނޫނެވެ.

ފާއިތުވި ހަފްތާގައި ރަޝިއާގެ ޑިފެންސް މިނިސްޓަރު ބޭއްވި ބައްދަލުވުމެއްގައި ހިއްސާ ކޮށްފައިވާ ގޮތުގައި އެމެރިކާއަށް ނިސްބަތްވާ 120 ކުލީ ސިފައިން ޔުކުރޭންގައި އުޅޭކަން ފާހަގަކުރެވިފައިވެއެވެ. މިއީ އެމެރިކާއިން އާއްމުގޮތެއްގައި ހަދާ ގޮތަށް މައްސަލަ ބޮޑުކުރަން ހިންގާ ހަރާކާތްތައް ކުރިޔަށް ގެންދިޔުމަށް ކުރާކަމެއް ކަމަށްވެސް އޭނާވަނީ ބުނެފައެވެ. ޔަހޫ ނޫހުން ޖެނުއަރީ މަހު ލިޔުނު ހަބަރެއްގައި ވަނީ އެމެރިކާގެ ސީއައިއޭއިން ޔޫކްރޭނުގެ ސިފައިން ތަމްރީން ކުރުމުގެ ހަރަކާތްތަކެއް ކުރިޔައްގެންދާކަމަށް ބުނެފައެވެ. ނަމަވެސް ސީއައިއޭއިން ވަނީ އެ ވާހަކަ ދޮގު ކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް