ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް އަޔަލަންޑްގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް ހޮނިހިރު ދުވަހު އުވާލާނެ ކަމަށް ޚަބަރުލިބެއެވެ.
ޓީވީ މެދުވެރި ކުރައްވައި ގައުމާ މުޚާޠަބް ކުރައްވަމުން ބޮޑުވަޒީރު މައިކަލް މާޓިން ހުކުރު ދުވަހު ވިދާޅުވީ ގައުމުގެ އާބާދީގެ ބޮޑު އިންސައްތަ މިހާރު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައި ވުމާއެކު އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ސީރިއަސްކޮށް ބަލިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށް ކުރެވުނު ކަމަށާއި އަޔަލަންޑަށް މިހާރު މިވަނީ ތޫފާނުގެ ގަދަ ހިސާބު ހުރަސް ކުރެވިފައި ކަމަށެވެ. އެހެން ކަމުން ސިއްހީ މާހިރުންގެ ލަފަޔާއެކު މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފުތާއާ ހަމަޔަށް ވެސް ބަލިޖެހޭ މީހުންގެ ނިސްބަތް މުޅި ޔޫރަޕުންވެސް ދެވަނަޔަށް އެންމެ މަތީ އަޔަލަންޑް ގައެވެ. ނަމަވެސް ބޫސްޓް ބޫސްޓަރޑޯޒް އެންމެ ގިނަ މީހުންނަށް ޖަހާފައިވާ ގައުމަކީ އަޔަލަންޑެވެ.
އެގައުމުގައި މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން ބާތަކާއި ރެސްޓޯރަންޓް ފަދަ ތަންތަން ރޭގަޑު އަށެއްޖަހާއިރު ބަންދު ކުރާކަށް ނުޖެހޭނެއެވެ. އަދި ޕާޓީތަކާ އެހެން އެއްވުންތައް ވެސް ގިނަބަޔަކާ އެކު ބޭއްވިދާނެއެވެ.
ނަމަވެސް ފެބްރުއަރީ މަހުގެ ނިޔަލަށް އާންމު ތަންތަނާ ރޭލު ބަސްފަދަ ދަތުރު ފަތުރުގައި މާސްކު ބޭނުން ކުރަން ޖެހެއެވެ.
އަޔަލަންޑްގެ ކުރިން އިގިރޭސި ވިލާތުން ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް ބާތިލު ކޮށްފައެވެ.