މޯބައިލް ފޯނުގެ ފައިވް ޖީގެ ޚިދުމަތް ދޭން ފެށުމާއެކު މަތިންދާބޯޓު ދަތުރުތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބުނެ އެމެރިކާގެ އެންމެ ބޮޑު ދިހަ އެއާލައިނަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެފަރާތްތަކުން ބުނާ ގޮތުގައި ފައިވް ޖީގެ ޚިދުމަތާއެކު އެތައް ހާސް ބޯޓެއްގެ ދަތުރު ލަސްކުރަން ޖެހި އަދި ގިނަ އަދަދެއްގެ ބޯޓުތަކަށް އުދުހުމުގެ ފުރުސަތު ނުލިބި
ދިއުން ގާތެވެ.
ފައިވް ޖީގެ ޚިދުމަތަކީ މައިގަޑު ގޮތެއްގައި ރޭޑިއޯ ސިގްނަލްއަށް ބިނާވެގެންވާ ޚިދުމަތަކަށް ވާއިރު މަތިންދާބޯޓު ޖައްސަން ދާއިރު އަދި ފުރާއިރު ބޯޓު ބިމާ ހުރި ދުރުމިންދައްކައިދޭ އާލާތް ކަމަށްވާ އޯލްޓިމީޓަރުވެސް މަސައްކަތް ކުރަނީ ދާދި އެއް ފްރިކުއެންސީ ބޭންޑެއްގެ ތެރޭގައި ކަމަށްވެއެވެ.
އަދި އޯލްޓިމީޓަރ އަކީ ބޯޓުގެ ސޭފްޓީ އަދި ނެވިގޭޝަން ސިސްޓަމް އަށް ވެސް ޑޭޓާ ފޯރުކޮށްދޭ އާލާތެވެ.
އެއާލައިން ތަކުގެ ކަންބޮޑުވުމަކީ ފައިވް ޖީ ޓްރާންސްމިޝަން ތަކުގެ ސަބަބުން ބޯޓުގައި ބޭނުންކުރާ މިފަދަ މުހިންމު އާލާތްތައް އެކަށީގެންވާ ގޮތަށް މަސައްކަތް ނުކޮށް ސަލާމަތީ މައްސަލަތަކެއް ކުރިމަތި ވެދާނެ ކަމަށްބުނެ ފާޅުކުރާ ކަންބޮޑުވުން ތަކެވެ.
މިގޮތުން އޯލްޓިމީޓަރުގެ ބޭނުން ނުކުރެވޭނަމަ ބޯޓު ޖައްސަން އަންނަ ގަޑީގައި ދުވެލި މަޑުކުރަން ޖެހޭ ހިސާބުން މަޑު ކުރަން ނޭގި، ބޯޓު ރަންވޭއިން ކައްސާލައިގެން ގޮސް އެތައްބަޔެއްގެ ފުރާނަޔަށް ނުރައްވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަމަށް އެއާލައިން ތަކުން ބުނެފައިވެއެވެ.