ހޫތީން ޑްރޯން މެދުވެރިކޮށް ދިން ހަމަލާއެއްގައި ތެޔޮ ޓޭންކެއް ގޮވުމުގެ ސަބަބުން 3 މީހަކު ވަނީ މަރުވެފައެވެ. ޔޫއޭއީން ވަނީ މިކަމާ ގުޅިގެން ބަދަލު ހިފާނެކަމަށް ވައުދުވެފައެވެ.
ޔުނައިޓެޑް އަރަބް އެމައިރޭޓްސްއަކީ ހޫތީންނާއި ދެކޮޅަށް ޔަމަނުގެ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި އެހީވުމުގެ ގޮތުން ސައުދީ އިސްވެގެން އުފައްދާފައިވާ އެލައަންސްގެ ބައިވެރިއެކެވެ. މި އެލައަންސްގައި 5 ގައުމު ހިމެނެއެވެ. މިހަނގުރާމާގައި ހޫތީންވަނީ އެކި ފަހަރު މަތިން ބޯޑަރު ހުރަސްކޮށް އަރަބި ގައުމުތަކަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައެވެ.
ޔޫއޭއީން ބުނެފައިވާ ގޮތުގައި ފާއިތުވި ހޯމަ ދުވަހު ހޫތީން ދިން މި ހަމަލާއަކީ ހޫތީން އެ ގައުމަށް ދިން ފުރަތަމަ ކާމިޔާބު ހަމަލާއެވެ. ހޫތީން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ ޑްރޯނާއި ބެލިސްޓިކް މިސައިލްތަކެއް ޔޫއޭއީ އާ ދިމާއަށް ފޮނުވާފައެވެ.
ހޯމަ ދުވަހުގެ ހަމަލާ އަމާޒުވެފައި ވަނީ ޕެޓްރޯލް ރައްކާކުރާ ސަރަހައްދަކަށެވެ. މިހަމަލާގައި ޕެޓްރޯލް ޓޭންކްތައް ގޮވުމާއި ގުޅިގެން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ދެ ރައްޔިތެއްގެ އިތުރުން ޕާކިސްތާނުގެ ރައްޔިތަކު ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން އަބޫދާބީގެ އެއާޕޯޓުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައިވެސް ވަނީ ރޯވެފައެވެ.
ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވާގޮތުގައި އެމަރޭޓްސްގެ މުހިންމު ސަރަހައްދުތަކަކަށް ކާމިޔާބު ކަމާއެކު ވަނީ ހަމަލާދެވިފައެވެ. އޭނާ ވަނީ އެމައިރޭޓްސްގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މުހިންމު ބިނާތައް ކައިރިޔަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ.