އަލިފާން ފަރުބަދައެއް ގޮވައި އެމެރިކާއިން ސުނާމީ އަރާނެކަމުގެ ބިރު އޮތް ކަމަށް ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

މޫދު އަޑިގައި ހުރި ބޮޑު އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ޓޮންގާއަށް ސުނާމީ އަރައި ކައިރި އެހެން ގައުމުތަކަށް ސުނާމީގެ ނުރައްކާ ވަނީ ނެރެފައެވެ. މި އަލިފާން ފަރުބަދަ ގޮވި މަންޒަރު ވަނީ ޖައްވުގައި ހުރި ސެޓަލައިޓްތަކަށް ވެސް ފެނިފައެވެ. އަދި މި ފަރުބަދަ ގޮވި އަޑު 800 ކިލޯމީޓަރު ދުރަށް ވެސް އިވުނެވެ.

ފަރުބަދަ ގޮވާފައި ވަނީ ޓޮންގާގެ މައި ރަށް ކަމަށްވާ ޓޮންގަޓަޕޫގެ 65 ކިލޯމީޓަރު ދުރުގައި ހުންނަ ހުންގަ ޓޮންގަ ހުންގަ ހާޕީ އަލިފާން ފަރުބަދައެވެ.

ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާ ވިޑިއޯތަކުން އެ ފަރުބަދަ ގޮވައި، ޖައްވުގެ ތެރެއަށް އަޅިތައް އަރާތަން ފެނިގެންދެއެވެ. ޓޮންގާ ޖިއޮލޮޖިކަލް ސާވިސްތަކުން ހާމަކޮށްފައިވާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އަޅިތައްވަނީ 20 ކިލޯމީޓަރު މައްޗަށް އަރާފައެވެ. އަދި 700 ކިލޯމީޓަރުގެ ސަރަހައަދަކަށް އަޅިތައް ފެތުރިފައިވެއެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އަޅިތައް ވަނީ ޓޮންގާގެ ވެރިރަށް ނުކުލޯފާއަށް ވެސް ފެތުރިފައެވެ. އަދި ގޮވުމުގެ އަޑު ޕެސިފިކް ކަނޑުގެ ބޮޑު ސަރަހައްދަކަށް އިވިފައިވެއެވެ. ފީޖީއާ ހިސާބަށްވެސް އަޑު ފޯރާފައިވާކަމަށް ނޫސް ރިޕޯޓްތަކުން ހާމަވެގެންދެއެވެ. އަދި އަލިފާން ފަރުބަދަ ހުރި ސަރަހައްދުގެ 2،300 ކިލޯމީޓަރު ދުރުގައި އޮންނަ ނިއުޒީލޭންޑްގެ ރައްޔިތުންނަށް ވެސް ބާރުގަދަ ގޮވުމެއްގެ އަޑު އިވުނުކަމަށް ރިޕޯޓް ކުރެވިފައިވެއެވެ.

ޓޮންގާގެ އިތުރުން ފީޖީ އަދި ވަނައިޓޫވެސް ވަނީ ސުނާމީ އެލާޓް ނެރެފައެވެ. އެމެރިކާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހަށްދަށް ވެސް ވަނީ ސުނާމީގެ އެލާޓް ނެރެފައެވެ.

ނިއުޒީލޭންޑްގެ ނެޝަނަލް އެމާޖެންސީ މެނޭޖްމެންޓް އޭޖެންސީއިން ބުނި ގޮތުގައި އެގައުމުގެ ނޯތު އައިލެންޑްގެ ދެކުނު އަދި އިރުމަތީ ގޮނޑުދޮށްތަކުން އާދަޔާ ޚިލާފު ދިޔަވަރު ފެންނާނެކަމަށް ލަފާކުރެވެއެވެ. އަދި މޫދާ ވިހާސް ދުރަށް ދިޔުމަށް ރައްޔިތުންނަށް ވަނީ އަންގާފައެވެ.

ޓޮންގާއަށް ސުނާމީ އަރައި އެ ސަރަހައްދުގައި ހުރި ފައްޅިއެއްގައި ފެންބޮޑުވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެފައެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ޚަބަރު އަދި ލިބިފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް