އުތުރު ކޮރެއާއިން އަންގާރަ ދުވަހު ބެލެސްޓިކް މިސައިލެއް ޓެސްޓުކޮށްފައިވާކަމުގައި ޖަޕާނާއި ދެކުނު ކޮރެއާއިން ބުނެފިއެވެ. މި މިސައިލް ޓެސްޓް ކޮށްފައި ވަނީ ހައިޕާސޮނިކް މިސައިލެއް ކަމަށް އުތުރު ކޮރެއާއިން ބުނެފައިވާ މިސައިލެއް ޓެސްޓްކުރިތާ ހަފްތާއެއް ވެސް ފާއިތު ނުވަނީހެވެ.
ޖަޕާނުގެ ކޯސްޓް ގާޑުންވެސް ވަނީ މި ޓެސްޓް ފާހަގަކޮށްފައެވެ. ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ އެއްޗެއް އުތުރު ކޮރެއާއިން ފޮނުވާފައިވާ ކަމަށް ޖަޕާނުން ވަނީ ރިޕޯޓްކޮށްފައެވެ. މި މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އެކްސްކްލޫސިވް ޒޯނުގެ ބޭރަށެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކުޝިޑާ ވިދާޅުވިގޮތުގައި އުތުރު ކޮރެއާއިން ގިނަ މިސައިލްތަކެއް ޓެސްޓް ކުރުން ކުރިޔަށް ގެންދިޔުމަކީ ހިތާމަވެރިކަމެކެވެ. ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ އުތުރު ކޮރެއާގެ މި އަމަލުތަކާމެދު ނުރުހުން ފާޅުކޮށްފައެވެ. މި މިސައިލް އުތުރު ކޮރެއާއިން ޓެސްޓްކޮށްފައިވަނީ ހަ ގައުމަކުން އުތުރު ކޮރެއާގެ އަމާންކަމަށް ފުށުއަރާ އަމަލުތައް ހުއްޓުމަށް ގޮވާލާފައިވަނިކޮށްނެވެ.