ނިއުކްލިއާ ހަތިޔާރާއި އެމެރިކާގެ ވާހަކަތަކުގެ ބަދަލުގައި ޓްރެކްޓާރ ފެކްޓަރީތަކާއި ސްކޫލް ޔުނިފޯމުގެ ވާހަކަތަކާ އެކު އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންގެ ވެރިކަމުގެ 10ވަނަ އަހަރު އޭނާ ފައްޓަވައިފިއެވެ.
ހޯމަ ދުވަހު ފެށުނު އުތުރު ކޮރެއާގެ ވޯކާރސް ޕާޓީގެ 8ވަނަ ސެންޓްރަލް ކޮމިޓީގެ 4 ވަނަ ޕްލެނަރީ މީޓީންގްގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވި ގޮތުގައި 2022ވަނަ އަހަރަށް އުތުރު ކޮރެއާގެ މައިގަނޑު އަޒުމަކަށް ވާނީ އިޤްތިޞާދު ކުރިއެރުވުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކު ރުމެވ
މި ބައްދަލުވުމުގައި ވަނީ ކިމް ވެރިކަމަށް ވަޑައިގެންނެވިތާ 10 އަހަރު ފުރޭ ދުވަސްވެސް ފާހަގަ ކޮށްފައެވެ. ކިމް ވެރިކަމަށް ވަޑައިގަތީ 2011ވަނަ އަހަރު އޭނާގެ ބައްޕަ އަވަހާރަވުމުންނެވެ.
އައު އަހަރާ ދިމާކޮށް ކުރިން ދީފައިވާ ސްޕީޗްތަކުގައި ވަނީ ގިނަ އަދަދެއްގެ ބަދަލުތަކެއް ޕޮލިސީތަކަށް ގެންނަވާފައެވެ. މީގެ އިތުރުން އެމެރިކާ އަދި ދެކުނު ކޮރެއާއާއެކު ޑިޕްލޮމެޓިކް ބައްދަލުވުންތަކެއް ވެސް އިއުލާން ކޮށްފައިވެއެވެ.
ނަމަވެސް މީޑިއާގައި ހިއްސާ ކުރެވިފައިވާ ކިމް ދެއްވާފައިވާ ސްޕީޗްގެ ހުލާސާތަކުގައި އެމެރިކާގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާފައެއް ނުވެއެވެ. އެ ހުލާސާ ތަކުގައި ހަމައެކަނި ލިޔެވިފައިވަނީ އިންޓަ-ކޮރިއަން ރިލޭޝަންތަކާބެހޭ ގޮތުން ބޭއްވިފައިވާ ބައްދަލުވުންތަކުގެ ވާހަކަތަކާއި ބައިނަލްއަޤުވާމީ ދުނިޔެއާބެހޭ މަދު ވާހަކަތަކެކެވެ.
ކިމް ދައްކަވާފައިވާ ވާހަކަތަކުގައިވަނީ ކޮވިޑް-19 ލޮކްޑައުންތަކުގެ ސަބަބުން އުތުރު ކޮރެއާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. މި ލޮކްޑައިންތަކުގެ ސަބަބުން ކޮރެއާ ވަނީ ކުރިޔަށްވުރެވެސް ބޮޑަށް ބައިނަލްއަޤުވާމީ ދުނިޔެއާ އެކަހެރި ވެފައެވެ.
”ކުރިޔަށް އޮތް އަހަރުގައި ސަރުކާރާއި ރައްޔިތުންގެ އަމާޒަކަށް ވާން ވާނީ ފަސް އަހަރުގެ ޕްލޭން އިމްޕްލިމެންޓްކޮށް މީހުންގެ އުޅުމަށާއި އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.“ ކިމް ވިދާޅުވެފައިވެއެވވެ.
ކިމްގެ މި ވާހަކަފުޅުގެ ބޮޑު ބައެއް ހޭދަކުރައްވާފައި ވަނީ އުތުރު ކޮރެއާގެ ގައުމީ މައްސަލަތަކަށް އަލިއަޅުވާލެއްވުމުގައެވެ. އޭނާ ދައްކަވާފައިވާ ވާހަކަތަކުގެ ތެރޭގައި ސޯޝަލިޒަމާއި، އިދިކޮޅު ފިކުރު ނައްތާލުމުގެ މުހިއްމުކަމުގެ ވާހަކަވެސް އޭނާ ވަނީ ދައްކާފައެވެ. އޭނާ ވަނީ ފާއިތުވި އަހަރު ހޯދާފައިވާ އަސްކަރީ ކުރިއެރުމަކީ އުތުރު ކޮރެއާއިން ހޯދާފައިވާ ކާމިޔާބީ ތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް އަހަރުގައި ކުރިޔަށް ގެންދާނެ އަސްކަރީ ޕްރޮޖެކްޓްތަކަށް ވެސް ކިމް ވަނީ އަލިއަޅުވާލައްވާފައެވެ.