ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވެ، ބައްޔަށް ފައްސިވެގެން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރާ އަދަދު އެއް މިލިޔަނަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ މި ބަލި ފެނުނު ފަހުން ފައްސިވާ އަދަދު އެންމެ މައްޗަށް ދިޔަ ފަހަރު ކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.
އަލަށް ފެނުނު އޮމިކްރޯން ވޭރިއަންޓް ހިމެނޭ ގޮތުން މިހާރު އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
ކޮންޓެކްޓް ޓްރޭސިން އާއި ކޮވިޑް ނަވާރައިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުޔެއް ދިންފަހުން އޮސްޓްރޭލިޔާއިން ވެސް ފައްސިވާ އަދަދު ރެކޯޑް އަދަދަކަށް އިތުރު ވެފައި ވާކަމުގައި މިދިޔަ ބުރާސްފަތި ދުވަހު މަޢުލޫމާތު ލިބިފައި ވެއެވެ.
ކަންމިހެން އޮތުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އިން ވަނީ އޮމިކްރޯން އަދި ޑެލްޓާ ވޭރިއަންޓްގެ ”ސުނާމީއެއް“ އަރައި، ސިއްހީ ނިޒާމުތަކަށް ނުކަތާވަރުގެ ލޮޅުމެއް އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.
ކޮވިޑް-19ގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދާތީ ވަރަށް ގިނަ ގައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުންނެވެ.