ޖެންޑާ މިނިސްޓްރީގެ ދަށުން މާލެސިޓީ ވިލިގިލީގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފިއެވެ.
ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ނޯޓިސް ދިނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.
ޖެންޑަރ މިނިސްޓްރީން އޭރު ބުނީ ހިޔާގެ މުއައްޒަފުން ވަކިކުރަން ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ މުވައްޒަފުން ބޭނުންނުވާތީކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ހިޔާގައި މަސައްކަތްކުރި 71 މުވައްޒަފަކަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ނޯޓިސް ދީފައިވާކަމަށާއި އަދި ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން 43 މުވައްޒަފަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އަދި ވަޒީފާއިން ވަކިކުރި 21 މުވައްޒަފުން، ވަޒީފާއިން ވަކިކުރަން ނިންމީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުންކަމަށްވެސް ޖެންޑާއިން ބުނެއެވެ.
މުވައްޒަފުން ވަކިކުރަން ދީފައިވާ ނޯޓިސް ބާތިލުކޮށްފައި މިވަނީ މުވައްޒަފުންނަށް ނޯޓިސްދިން މައްސަލައާއި ގުޅިގެން އެ މުއައްޒަފުން ބައެއް އިސްވެރިންނާ ބައްދަލުކޮށްފައި ވަނިކޮށެވެ.