ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 56 ފުލުހުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން މިއަދު ބޭއްވި ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ހިޔާ ފްލެޓްގެ 16 ޓަވަރުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނެކަމަށް ލަފާކުރައްވާ ކަމަށާ، އެ ސަރަހައްދުގެ އަމަން އަމާންކަން ބެލެހެއްޓުން ފުރިހަމަ ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އަޅުގަނޑުމެން އަންދާޒާކޮށްފައިވަނީ ގާތްގަނޑަކަށް 56 ފުލުހަކު ހަމަ އެކަނި މި 35،000 މީހުންގެ އާބާދީ އޮންނަ މި 16 ޓަވަރުގެ ސަރަހައްދަށް ބޭނުންވާނެ ކަމަށް،“ ސީޕީ ހަމީދު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭނެ ކަމަށް ލަފާކުރާ އާބާދީއަށް ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާނެ ފުލުހުންނާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
”ހަތަރު ވަނަ ޓަވަރުން ޖާގަ ލިބިފައިވަނީ އެ ތަނުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް. އެ މަސައްކަތް ވަނީ ފަށާފައި“ ހަމީދު ވިދާޅުވި އެވެ.
އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ހުޅުމާލެ ފުލުހުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ހިޔާ އެ ސަރަހައްދުގައި ކުރިމަތިވެދާނެ މައްސަލަތަކާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމައި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
“ ފްލެޓުތަކުގައި ކުރެހުމާއި އެ ސަރަހައްދުން ވައްކަން ކުރުން ފަދަ ކަންކަން މިހާރު ވެސް ދިމާވޭ. ހުޅުމާލެ ޕޮލިހާ ގުޅިގެން އެފަދަ ކަންކަން ބަލައި ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދެމުން ދަނީ.“ ސީޕީ ހަމީދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ޕޮލިސްގެ ހެޑް، ޗީފް ސްޕްރިޑެންޓް މުހައްމަދު ރަޝީދު ވިދާޅުވީ، ފްލެޓް ސަރަހައްދުގައި މިހާރު ވެސް 24 ގަޑިއިރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.