އާންމުންނަށް ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގައި ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އެދެފިއެވެ.
އެމްއެފްޑީން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގައި ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުންދާ ކަމަށެވެ.
އެކަން އެއޮތޯރިޓީން ނެގި ސާމްޕަލް ތަކުން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް އެމްއެފްޑީން ބުނެއެވެ.
ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެކެވެ.
އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑުކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަ ފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުސަތު އޮތްކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެހެންކަމުން މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެފްޑީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަދި އެފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބާ ނަންބަރު 7603204 އަށް ފޮޓޯއަކާ އެކު މައުލޫމާތު ހިއްސާ ކުރުމަށްވެސް އެ އޮތޯރިޓީން އެދެއެވެ.