ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަކިކޮށްފައިވަނީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައުމީ ޔުނިވާސިޓީން އިޔާޒް އާ މެދު އެޅި ފިޔަވަޅަކީ އެފަދަ މަގާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު އަދުލުވެރި އިޖުރާއާތެއް ނެތި ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
”އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭ ގޮތުގައި، ޑރ. މުހައްމަދު އިޔާޒްއާ މެދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެކެވެ.“ އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.
އަދާލަތުން ބުނީ އިޔާޒު ވަކިކުރުމުން ދޭހަވަނީ އެ ޔުނިވާސިޓީއަށް ނާޖާއިޒް ނުފޫޒު ފޯރާފައި އޮތް މިންވަރުކަމަށެވެ.
“ މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރެވެ. އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުއީ މައްސަލައަކާމެދު ޑރ. މުހައްމަދު އިޔާޒް ފާޅުކުރެއްވި ޝުއޫރެއް ނޫނެވެ. މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭ ބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެކެވެ،“ އަދާލަތުން ބުނެފައިވެއެވެ.
އަދި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެފަދަ ސަބަބެއްވެސް އަދި ހާލަތެއްވެސް ނެތި ފިޔަވަޅު އެޅުމަކީ ދީނީ އިލްމުވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.
ޑރ. މުހައްމަދު އިޔާޒް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ހާލު އެ ނިންމުން ބާތިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަގާމަށް އަނބުރާ އިއާދަކުރުމަށް ވެސް އަދާލަތުން ވަނީ ގޮލައްވާފައެވެ.
އަދާލަތުން ބުނީ މިއިން ޒަމާނަކުވެސް ދިވެހިރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި މިނިވަންކަމާއެކު ފިކުރުކޮށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ހިޔާލުތައް އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ދުލާއި ގަލަމުން ފާޅުކުރުމަކީ އަސާސީ ހައްގުއް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާއިން އިލްމުވެރިން ދައްކަވާ އިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޑރ. އިޔާޒު ގައުމީ ޔުނިވާސިޓީގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާތީ ގިނަ އިލްމުވެރިންތަކެއް އަންނަނީ މި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.