ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެ މީހާގެ މަށްޗަށް ހުރި ވަބާއެއްކަމަށް މިއަހުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ބުއްދީގެ ނިއުމަތުގެ މަށްޗަށް ހާއްސަކޮށްގެން މިއަދު އިއްވި ހުތުބާގައި ބުނީ ބުއްދި ވެރިކަމާ ނުލާ ދީންވެރިކަމެއްނުވާކަމަށާ އަދި ދީންވެރިކަމާ ނުލާ ލަދުވެރި ކަމެއްވެސް ނެތްކަމަށެވެ. އަދި ބުއްދި ވެރިކަމެއް ނެތް މީހާ އާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ އެތަށް ކަމެއް އުނިވެގެންވާކަމަށެވެ.
“ މާތްﷲގެ ވަހީކުރެއްވިއެވެ.ހަމަކަށަވަރުން ދިރޭތަކެތީގެ ތެރެއިން ﷲގެ ހަޟުރަތުގައި އެންމެ ނުބައިކަންބޮޑު ބަޔަކީ ބީރު، މަންމަނުން. އެއުރެންނީ ނުވިސްނާ ބަޔެއް. އެބަހީ ހައްގުބަސް ބުނާ އޭގެ އަޑުނާހާ އައްގާއި ބާތިލް ވަކިކުރުމަށް ވިސްނުމުގެ ބޭނުންނުކުރާ މީހުން.“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އެ މީހެއްގެ މަށްޗަށް ދުނިޔޭގެ އެދުމާއި ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިއްޖެ ކަމަށެވެ.
އަދި ޝައިތާނާއަށް އެންމެ އުދަގޫކަމަކީ ބުއްދިވެރި މުއުމިނަކު މަގުފުރެއްދުންކަމަށާ ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަސްވުރެ ސަތޭކަ ޖާހިލުން މަގުފުރެއްދުން ޝައިތާނާއަށް ފަސޭހަ ވެގެންދާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބުއްދިވެރި ކޮންމެ މުސްލިމަކު ވެސް ދުނިޔޭގެ ހަޔާތް ވޭތުކުރާނީ އުހްރަވީ ހަޔާތް ބާއްޖަވެރިވާނެ ގޮތަށްކަމަށް ވެސް ހުތުބާގައިބުނެފައިވެއެވެ.
”ރަސޫލާ ހަދީސް ކުރައްވާފައިވޭ ބުއްދިވެރިޔަކީ ތިމާގެ އަމިއްލަ ނަފްސުގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށް ފަހު އަންނަން އޮތް ދުވަސްތަކަށްޓަކައި ހެޔޮއަމަލު ކުރާ މީހާ. އަދި ނުކުޅެދުންތެރިއަކީ ތިމާގެ އަމިއްލަ ނަފްސުގެ ލަގަން ހިތް އެދޭހާ ގޮތަކަށް ދޫކޮށްލައިގެން ހުރެ ﷲގެ ހަޟްރަތުން އުއްމީދުއައް ކުރާ މީހާ.“
އަދި މިކަމަށް ބާރުލިބޭ މާތްﷲ ވަހީކުރެއްވި ބަސްފުޅުތައްވެސް ހުތުބާގައި އިއްވެވިއެވެ. “ ނުވަތަ އޭގެތެރެއިން ގިނަ މީހުން އަހާކަށް ނުވަތަ ވިސްނާ ކަމށް ކަލޭގެފާނު ހީފުޅުކުރައްވަމުތޯ؟ ޖަނަވާރުތަކެއް ފަދައިން މެނުވި އެއުރެން ނުވެތެވެ. އަދި ކިއެއްތަ އެއައްވުރެވެސް އެއުރެންމަގުފުރެދުން ބޮޑެވެ.“
މާތްﷲ ވަހީކުރައްވާފައިވެއެވެ. “ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީންގެ ތެރެއިން ގިނަ ބަޔަކު ނަރަކައަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން ހައްގުގޮތް ނުވިސްނޭ ހިތްތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ލޯތަކުން ހައްގު މަގު ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން ހައްގު އަޑު ނާހާ ކަންފަތްތަކެއް ވެސް އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލުފަދައެވެ. އަދި ކިއެއްތަ އެތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނީ ހަމަޣާފިލުވެގެންވާ ބަޔެކެވެ.“
ހުތުބާގައި ބުނީ އިސްލާމްދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ނުވަތަ މިޒމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރުކުރެވޭނެ ކަންކަމެއް ނޫންކަމަށެވެ.
“ ﷲ ތަޢާލާ އެ ކަލާނގެ ނަބީންނާއި ރަސޫލުންނަށް ދެއްވި ބައެއް މުއުޖިޒާތްތަކަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ގުދުރަތީ އާދަ ފޫ ވައްޓާލައިފަނިވި ކަންކަން. އެ ފަދ އެއްވެސް ކަމެއް ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއްނުކުރެވޭނެ. ހަމަ އެއާއެކު ޝަރީއަތުގެ ބައެއް ހުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެކަމެއްނޫން. މިގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެގޮތަށް ގަބޫލުކޮށް އަމަލުކުރަންޖެހޭ ކަންކަން“ ހުތުބާގައި ބުންޏެވެ.
”މާތްﷲ ރުއްސުންލެއްވި އަލީގެ ފާނު ވިދާޅުވެފައިވާ މަޝްހޫރު ބަސްފުޅެއްގައި ވޭ، ދީނުގެ ކަންކަން ބިނާވެގެން ވަނީ ބުއްދީގެ މައްޗަށް ކަމުގައި ވީނަމަ، ޚުއްފުގެ ދަށުގައި ފެން ފުހުން އޭގެ މަތީގައި ފެން ފުހުމަށް ވުރެ އައުލާކަން ބޮޑެވެ.“ހުތުބާގައިބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ދުނިޔޭގެ އެއްވެސް އެދުމެއްނެތް ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް ﷲ ދެއްވާފައި ވާކަމަށާ އަދި ބުއްދިވެރިކަމާނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވާކަމަށެވެ. ނަމަވެސް މި ދެ ބައި ވެސް އިންސާނާ އަށް ދެއްވާފައިވާކަމަށެވެ.
ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހޭދާކުރާނެކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ. އެއީ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަފްސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިއުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެއަހުންނާ އެކު ހޭދަކުރާ ވަގުތެވެ. މި ކަންކަމަކީ ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަމަށް އިންސާނާ އަށް މަގުދައްކައިދޭނޭ ކަންކަމެވެ.