ފަލަސްތީނާއި އެއްކޮޅަށް ވަކާލާތު ކުރަން މަސަތްކަތް ކުރި މީސްމީހުންގެ ޕޯސްޓްތައް ފޭސްބުކާއި ޓްވިޓާއިން ބްލޮކް ކުރި މައްސަލަ ވަރަށް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކްޓިވިސްޓުން ވަނީ މި މީސްމީޑިޔާ ކުންފުނިތަކުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަން ކަމަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ.
މި ކަންކަން ދިފާއުކުރުމަށްޓަކައި އެ ކުންފުނިތަކުން ވަނީ އެއީ ސޮފްޓްވެއާ ސިސްޓަމްގެ މައްސަލައެއް ކަމަށް ބުނެފައެވެ. ޓްވިޓާއިން ބުނި ގޮތުގައި އެ ކުންފުނީގެ ސޮފްޓްވެއަރ އަށް ފަލަސްތީނާ ބެހޭ އެހާ ގިނަ ޓްވީޓްތައް އެއްފަހަރާ އަންނަން ފެށުމުން އެއީ ސްޕޭމްއެއްގެ ގޮތުގައި ކަނޑައެޅިފައި ވާކަމަށެވެ. ނަތީޖާއަކަށްވެގެންދިޔައީ އެތައް ސަތޭކަ އެކައުންޓެއް ލޮކްވެގެން ދިޔުމެވެ.
ފޭސްބުކްގެ ކުންފުންޏެއް ކަމުގައިވާ އިންސްޓަގްރާމުންވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ފަލަސްތީނާ ބެހޭ ޕޯސްޓުތައް ބްލޮކް ކުރުމަށް މެދުވެރިވެފައިވަނީ ސޮފްޓްވެއަރ ބަގް އެއްގެ ސަބަބުން ކަމަށް ބުނެފައެވެ. މި ބަގްގެ ސަބަބުން ފަލަސްތީނާއި ބެހޭގޮތުން މީހުން ޝެއާރކޮށްފައިހުރި ހޭޝްޓެގްތައް ޓެރަރިސްޓް ޖަމިއްޔާއަކާއި ގުޅުންހުރިކަމަށް ކަނޑައެޅިއެވެ. އެހެންވެ ސިސްޓަމްއިން އަމިއްލައަށް މިފަދަ ޕޯސްޓްތައް ބްލޮކުރެވެން މެދުވެރިވީކަމަށް އެމީހުން ބުނެފައިވެއެވެ.
ގޫގްލް މެޕްސްގައި ޣައްޒާގެ ސަރަހައްދު ފުސްކޮށްފައިވާކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ދެހާސް ވިހިވަނަ އަހަރު އެމެރިކާގެ ގާނޫނެއްގެ ދަށުން އެ ސަރަހައްދު ޗާޓުގައި ސާފުކޮށް ފެންނާނެހެން ދެއްކުމަށް އަމުރުކޮށްފައިވީ ނަމަވެސް ގޫގްލްއިން މި އަމުރަށް ތަބާވެފައެއް ނުވެއެވެ. ޗާޓުން ޣައްޒާގެ ސަރަހައްދު ސާފުކޮށް ފެންނާނެހެން ހަދައިފިނަމަ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުން ޣައްޒާއަށް ލިބިފައިވާ ގެއްލުންތަކުގެ އަސަރު ވަރަށް ފަސޭހައިން ފެނިގެންދާނެއެވެ. މި ތުހުމަތުތަކާ ގުޅިގެން ގޫގްލްއިން އަދި އެއްވެސް ރައްދެއް ދީފައެއްނުވެއެވެ.