ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ހުއްދަނަގައިގެން ދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ވެކްސިން ޖަހަން ދެވޭނެކަމަށާ ނަމަވެސް ވެކްސިން ޖަހަން ދެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށެވެ.
އަދި ހުއްދައަށް އެދޭއިރު، ”މެޑިކަލް – ނޮން އިމަރޖެންސީ“ ކެޓެގަރީ ޚިޔާރުކޮށް، ވެކްސިން ޖަހަންދާ މަރުކަޒެއް ޖެހުމަށްފަހު، ސަބަބަކަށް “ ވެކްސިނޭޝަން“ ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ގްރޭޓަރ މާލޭ ސަރަޙައްދުގައި މިވަގުތު އާއްމުކޮށް ހުޅުވާލައިގެން ޖަހަމުންދަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒެވެ.
އެޗް.ޕީ.އޭއިން ބުނީ މާލޭ ސަރަހައްދުގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ދިނުން ކުރިއަށްދާނީ ހެނދުނު 9 އިން 11 ޖެހުމާހަމައަށްކަމަށެވެ.
ނެޝެނަލް އާރޓް ގެލަރީ، ވިލިމާލޭ ޔޫތު ސެންޓަރު އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ސިނޯފާމް ވެކްސިން ޖެހޭނެއެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ ތިން ހަފްތާވެފައިވާ ފަރާތްތަކަށް މި ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެއެވެ.