ކްލައިމެޓް އިމަރޖެންސީ ބިލު ތަސްދީގު ކުރައްވައްވައިފި

Loading

Facebook
Twitter
WhatsApp

 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކްލައިމެޓް އިމަރޖަންސީ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ މަހު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ގެޒެޓް ކޮށްފައެވެ.

ކްލައިމެޓް އިމަރޖަންސީ ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒު ކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން އުފެއްދި ގާނޫނެކެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުންތެރިކުރުމަށް އިސްނަގައި ވަކާލާތުކުރާ ބަޔަކަށް ދިވެހިރާއްޖެ ހެދުމަށް ބާރުއެޅުން ހިމެނެއެވެ. އަދި ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބޭނުންވާ ގާބިލުކަން އިތުރުކުރުމަށާއި އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރުން ވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިޤާނޫނުގެ ދަށުން  2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ.

ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ މީލާދީ އަހަރަކަށް ބޭރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެ ކަމަށް މި ގާނޫނުގައި ބުނެފައިވެއެވެ.

އަދި ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ތިން ކުރިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް ވެސް މި ޤާނޫނުގައިވެއެވެ.

މޫސުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން އިސްވެ ކުރުމަށް ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ އިދާރާއެއް މިނިސްޓްރީގެ ދަށުން އުފެއްދުމަށް ވެސް މިގާނޫނުން ލާޒިމްކޮށްފައެވެ.

މި ގާނޫނުގައިވާގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ”ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް“ ގެ ނަމުގައި ސަފީރު ފެންވަރުގައި މަގާމެއް އުފައްދައި، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅެއް އައްޔަންކުރަންޖެހެއެވެ.

އެ މަގާމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުމަށް އައްޔަންކުރާ މަގާމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް