އިންޑިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ ވައްތަރު 50 ގައުމެއްގައި ފެތުރުމުގެ ބިރު

Loading

Facebook
Twitter
WhatsApp

އިންޑިއާގައި ކޮރޯނާ ވައިރަހުގެ ވަރަށް ނުރައްކާތެރި ވައްތަރެއް ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން އިންޑިއާގައި ދުވާލެއްގެ މައްޗަށް ލައްކައިން ލައްކައިން މީހުންނަށް ބަލި ޖެހި ދުވާލެއްގެ މައްޗަށް ދެހާހުން ތިން ހާހުން ހަތަރު ހާހުން މީހުން ދަނީ މަރުވަމުންނެވެ.

އާބާދީގެ ގޮތުން މުޅިދުނިޔެއިން ދެވަނަ ގައުމު އިންޑިއާގައި ކޮރޯނާ ވައިރަސް ހައްދެއްނެތި ފެތުރެމުން ދިއުމުގެ ނަތީޖާއަކަށް ވެފައި ވަނީ މަރުވާ ހިންދޫން އަންދާނުލެވި ކޯރުތަކަށް އުކާލަންޖެހުމެވެ. އަންދާލާނެ އިންތިޒާމެއް ނުކުރެވެއެވެ. އަންދާނެ ދަރު ނުލިބުމެވެ. މުސް ލިމުން ތިބީ މަރުވާ މީހުން ވަޅުލާނެ ބިންކޮޅެއް ނުލިބިފައެވެ. ބަލި މީހުންނަށް ބޭސްފަރުވާ ކުރާނެ ޑޮކްޓަރުންނެއް، ނަރުހުންނެއް ނެތެވެ. އެނދުމަތި ކުރާނެ އެނދެއް ނެތެވެ. ބަލިމީހުން އުފުލާނެ އެމްބިއުލެންސެއް ނެތެވެ. ބަލި މީހުން ގުޅާނެ ވެންޓިލޭޓަރެއްނެތެވެ. ބަލި މީހުން ގުޅަން އޮކްސިޖަނެއް ނެތެވެ. އިންޑިއާގެ ސިއްހީ ނިޒާމު އޮތީ ފާލުން ނެއްޓި، ބޭރުގެ އެހީއަށް އެދި ގައުމު އޮތީ އަތް ދިއްކޮށްގެންނެވެ. އަވަށްޓެރި އަދި ވާދަވެރި ހަތުރުވެރިޔާ ޗައިނާއިން ދޭ އެހީ ވެސް ހިތާ ދެކޮޅަށް ނަމަވެސް ދަނީ ގަބޫލުކުރަމުންނެވެ. ގައުމުގެ ރައްޔިތުންނާއި މަޝްހޫރު ފަންނާނުން ދަނީ ބޭރުގެ އެހީއަށް އެދި ގޮވަމުންނެވެ.

ސިއްހީ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހާމަކުރާ އަދަދަށްވުރެ މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު މާގިނައެވެ. އެއީ ރަސްމީ ގޮތުން ޓެސްޓު ކުރާމީހުންގެ އަދަދު ސަރުކާރުން ހާމަކުރަމުންދާއިރު، ބަލި ޖެހިފައި ތިބި އެތައް ހާސް ބަޔަކު ބައްޔަށް ޓެސްޓު ނުކޮށް ފަރުވާ ހޯދަމުން ދާތީއެވެ.

އިންޑިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ ވައްތަރު މިހާރު އިންޑިއާގެ އިތުރަށް އެހެން 50 ގައުމުން ވެސް ވަނީ ފެނިފައެވެ. އަދި އެގައުމުތަކަށް ބަލި ހިފެހެއްޓުމެއް ނެތި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޯމަތިވެފައެވެ.

އިންޑިއާއިން އެ ނުރައްކާތެރި ވައްތަރު ފެނުމުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ އިންޑިއާގެ ނުރައްކާ ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ފޯރަފާނެ ކަމުގެ އިންޒާރު ދީފައެވެ.

އިންޑިއާއިން ފެނިފައިވާ ވައިރަހުގެ ނުރައްކާތެރި ވައްތަރަށް ސައިންސް ވެރިން ދީފައި ވާނަމަކީ ބީ. 1-617 އެވެ. އެ ވައްތަރު އިންޑިއާގައި ފެތުރެން ފެށިފަހުން 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 4200 މީހުން މަރުވެފައި ވެއެވެ.

އިންޓަނެޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސްއިން ކަން ބޮޑުވުމާއެކު ހާމަކުރި ގޮތުގައި ފާއިތުވި ދެހަފުތާގައި އޭޝިއާއިން ޚާއްޞަކޮށް އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ އަދަދުން ދައްކައި ދެނީ ނުރައްކަލާއި ބިރުވެރިކަން ފެތުރިފައިވާ މިންވަރެވެ.

އެންމެ ދެ ހަފުތާ ތެރޭގައި އޭޝިޔާ ސަރަހައްދުގެ 59 ލައްކައަށް ވުރެ ގިނަ މީހުން ވައިރަހުގެ ޝިކާރައަކަށް ވެފައިވެއެވެ. އެއީ އެ މުއްދަތުގައި އެމެރިކާ ބައްރާއި ޔޫރަޕާއި އެފުރީކާގެ ސަރަހައްދުގެ ގައުތަކުގެ މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނު އަދަދަށް ވަރަށް ވުރެ މާ ބޮޑު އަދަދެކެވެ.

އިންޓަނެޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސްގެ ޑައިރެކްޓަރ އެލެގްޒެންޑަރ މެތިއު މުޅި ދުނިޔެއަށް އިލްތިމާސް ކުރައްވާފައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ވަބާއިން އޭޝިއާ ޕެސިފިކްގެ ގައުމުތައް ސަލާމަތް ކުރުމަށް މުޅި ދުނިޔެ ގުޅިގެން އެހީތެރިވެ ދެއްވުމަށެވެ. އޭޝިއާ ސަރަހައްދުގެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ސާމާނާއި ބޭހާއި ވެކްސިނާއި މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އޭނާ ވަނީ ގޮވާ ލައްވާފައެވެ.

މެތިއު ވިދާޅުވި ގޮތުގައި ”ތިމާއަށް“ ރައްކާތެރިކަން ލިބޭނީ އެންމެންނަށް ރައްކާތެރިކަން ލިބިގެންކަން އެންމެން ވެސް ހަނދާން ބަހައްޓަން ޖެހެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް