ހުރިހާ ވަގުންނަށް ވެސް އީދު ވެދުން

Loading

Facebook
Twitter
WhatsApp

ލޯބިވާ ޒިޔަތަށް

ފިޠުރު އީދުގެ ހެއުއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

ޒިޔަތުއެވެ! ތިބާގެ އިސްތިއުފާއިން ދޭހަވީ ތިބާގެ ނަން ވަގުކަލޭގެ ލާރިބެހި ލިސްޓުގައި އޮތަސް، މިގައުމުގައި ތެދުވެރިކަމާއި ޑިމޮކްރަސީގެ ހުޅުކޮޅު އަދި މުޅިން ނުނިވޭކަމެވެ.

ކަލާންގެ އިރާދަފުޅާއެކު މި ގައުމުގައި އަދި ހައްގަށް ނަސްރު ލިބޭނެއެވެ.

ޒިޔަތުއެވެ! ތިބާ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އެތައް ބަޔަކަށް ބައްސަވާލެއްވިއިރު އޭގެތެރެއިން ފައިސާތަކެއް ތިބާއަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވުމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ތިބާއަށް ލިބިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުން އާއްމުކުރި ލިސްޓެއްގައި އޮތުމުން ތިބާ ވިދާޅުވީ އެ ފައިސާއަކީ 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި އިރު ކެމްޕޭނަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ. އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ތިބާ މަގާމުން އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން، އެމްއެމްޕީއާރސީގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖްލިހަށް ހިއްސާކޮފައިވާ އެމްއެމްޕީއާރސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓްގައި ތިބާގެ ނަން ހިމަނާފައި އޮތުމުން މަގާމުން އިސްތިއުފާ ދޭން ނިންމެވީ ކަމަށެވެ.

ޒިޔަތުއެވެ! ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ ޢަލީ ޢާޡިމް ހެއްދެވިހެން ލިސްޓުން ތިބާގެ ނަން އުނިކުރަން އެދިވަޑައެއްނުގެންނެވިއެވެ. ތިބާ ގައުމަށާއި ސިޔާސީ ލީޑަރުންނަށާއި މަޖިލިސް މެންބަރުންނަށާއި ގައުމުގެ އިއްޒަތްތެރި ވަގުންނަށް ދެއްކެވީ ވަރަށް ރިވެތި މިސާލެކެވެ. ”މި ގައުމުގެ އަދީބު“ އަތްޕުޅުން ތިބާ މިލިއަނުން މިލިއަނުން ފައިސާ ނަންގަވައި އަނބިކނަބަލުންގެ ގެ ބުރިބުރިއަށް ހެއްދެވި ވާހަކައިގެ އަޑެއްވެސް ނާރައެވެ. އަދި ތިބާ ވ. އަތޮޅުން ރަށެއް ރިސޯޓެއް ހައްދަވަން ހޯއްދަވަން ވެގެން އަދީބު ފަސްފަހަތުން ހިންގެވި ޚަބަރެއްވެސް ފެތުރިގެންނެއް ނުދެއެވެ.

ލޯބިވާ ޒިޔަތުއެވެ! ތިބާއަކީ ނަމޫނާއެކެވެ. ގައުމަށް ބޭނުން ވަނީ ތިޔަފަދަ ތެދުވެރި ހީލަތްތެރިކަމެއް ނެތް ޒުވާނުންނެވެ. ގައުމަށް ބޭނުން ވަނީ ލޮކިމަސް ޖެހި ޒުވާން ވަގުންނެއް ނޫނެވެ.

ތުހުމަތުގެ ލިސްޓްގައި ނަން އޮތުމުން ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް މަނިކުފާނު ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވުމުން މަނިކުފާނުގެ ނަން ޖައްވުގައި ތަރިއެއްގެ ގޮތުގައި ލިޔެވިގެން ހިނގައްޖެއެވެ. މަނިކުފާނަށް ސެލިއުޓު ނެގުން ހައްގެވެ.

ޒިޔަތުއެވެ. ވަގުފައިސާ ލިބިވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ތިބާ ފިޔަވައި އިތުރު އެހެން އެއްވެސް ބޭފުޅަކު މަގާމުން އިސްތިއުފާ ނުދެއްވުމަކީ ތަހުޒީބު މުޖުތަމައަށް އޮތް ބޮޑު ލަދު ހުތުރެކެވެ. މިގައުމުގެ ވެރިކަން ޖުމުހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލުވިޔަސް ވަގުންގެ ވެރިކަމެއްގައި ރައްޔިތުންނަށް ލިބޭނޭ ފޮނި މީރެއް ނޯންނާނެއެވެ.

އަދީބު ވަގަށް ނެންގެވި ދިވެހި ދައުލަތުގެ ފައިސާ ބެއްސެވި ލިސްޓުގައި ތިބި މީހުންގެ ނަން ހާމަނުކުރައްވަން އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފު މަޖިލީހުގެ ކޮމިޓީގައި ބާރު އެޅުއްވި ސަބަބު އަރަތަކަށް ވެފައި އޮތުމަށްފަހު ވަރަށް ސާފުކަން ބޮޑު ގޮތަކަށް އެކަން ވަނީ ފަޅާއަރާފައެވެ. މަނިކާ ރޯއްޖާއެވެ! ޙަސަން ލަޠީފު ސިއްރުކުރައްވަން ބާރު އެޅުއްވި ލިސްޓުގައި ”ހަތަރުކަށިމަތި މާލެ“ ޔަޢުނީ ޙަސަން ލަޠީފުގެ ނަންވެސް އޮތެވެ. ލިބިވަޑައިގެންނެވީ މިލިއަނުން މިލިއަނުންނެވެ.

ޕީޖީއަށް 3 މިލިއަން ލިބިވަޑައިގެންނެވި ކަމަށް އަޑު ފެތުރުމުން އެއީ ދޮގު ވާހަކައެއްކަމަށް ޕީޖީ ވިދާޅުވި ގޮތަށް ޙަސަން ލަތީފު ވެސް އެކަމަށް އިންކާރު ކުރެއްވުމުން އެ ނިމުނީތާއެވެ. ލިސްޓުގައި ހިމެނި ވަޑައިގަންނަވާ އެހެން ބޭފުޅުން ވެސް ގެންދަވަނީ އެކި ބަހުރުވައިން އެކަމާ ދެކޮޅުހައްދަވައި އިންކާރު ކުރައްވަމުންނެވެ.

ވަގުންގެ ލިސްޓު ދުވާލު ދެ ދަޅައަށް ނެރެވިދާނެއެވެ. އަދި ރޭވުމުން ލިސްޓަށް އުނި އިތުރު ގެނެވިދާނެއެވެ. ވަގުންގެ ލިސްޓުގައި ބާރުގަދަ އަނގަހުތުރު ސިޔާސީ ލީޑަރުންނާއި ނުފޫޒުގަދަ ނުލަފާ ބޭކަނބަލުންގެ ފިރިން ހިމެނިވަޑައިގަންނަވާނަމަ އެ ބޭފުޅުންނާއި ބޭކަނބަލުންގެ ޢިއްޒަތާއި ޝަރަފަށްޓަކައި ލިސްޓު ބަދަލު ވުމާއި ބަދަލު ކުރުމަކީ ގައުމީ ވާޖިބެކެވެ. އެހެނީ ގައުމުގައި ތިއްބެވި އިސް ބޭކަނބަލުންގެ ފިރިންނާއި ސިޔާސީ ލީޑަރުން ވަގުންގެ ލިސްޓުގައި ހިމެނުމުން ގައުމަށް ހުތުރު އަރާނެއެވެ. ގައުމު ބަދުނާމު ވާނެއެވެ.

އަދީބުގެ ދީލަތިކަން ތުހުމަތުގެ ލިސްޓުން ފެންނަން އޮތް އިރު ލިސްޓުގައި ހިމެނިވަޑައިނުގަންނަވާ ކިތައް ސަތޭކަ ބޭފުޅުން މިގައުމުގައި ތިއްބަވާނެ ތޯއެވެ؟ އެ ބޭފުޅުންނަށް ފްލެޓުތަކާއި ބިންބިމާއި މީޑިއާ ހައުސްތަކާއި ނޫސްތަކާއި އުޅަނދުފަހަރާއި ފުޅަނދު ފަހަރާއި ކުންފުނިތަކާއި ފަޅުރަށްތައް ލިބިވަޑައިގެންފައި ވާނެތޯއެވެ؟ މި ހުރިހާއެއްޗެއް އެތައް ސަތޭކަ ބަޔަކަށް ލިބުނު އިރު އަދީބަށް ލިބިވަޑައިގަތީ ކޯޗެއް ތޯއެވެ؟ އެއްވެސް ލިސްޓަކުން އެކަން އެނގެން ނެތީ ކީއްވެގެން ތޯއެވެ؟ އެކަން ހޯދައި ބެލޭ ވަރުގެ މުއައްސިސާއެއް މިގައުމުގައި ނެތީތޯއެވެ؟ އެމްއެމްޕީއާރުސީގެ މައްސަލަ އިތުރަށް ތަހުގީގު ކުރައްވަން ބޭރުން ބޭފުޅަކު ގެންނަވާ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ އެހެން ވެގެން ކަމަށް ވެސް ވެދާނެއެވެ.

ބޮޑު ޚިޔާނާތުގެ ލިސްޓުގައި މަޖިލީހުގެ ކުރީގެ 38 މެންބަރުންނާއި މިހާރުގެ މަޖިލީހުގައި ތިއްބެވި 16 މެންބަރުން ހިމެނެއެވެ. އެ ބޭފުޅުން ވިދާޅުވަނީ ލިސްޓުގައި ހިމެނުނަސް ލާރި ލިބުނު ވާހަކައަކީ ބުހުތާން ދޮގެއްކަމަށެވެ. މިލިއަނުން މިލިއަނުން ލާރި ގެންގޮސް ދިންކަމަށް މީހަކު ބުންޏަސް އެކަން ސާބިތުކޮށްދެވޭ ވަރުގެ ހަރުދަނާ ހެއްކެއް ދެއްކޭކަށް ނެތެވެ. ދެން އުފެދޭ ސުއާލަކީ މަރުމަތީގައި ތިބެ މައްސަލަ ބަލާނެ ކަމަށް ބުނާ މީހުން އެ މައްސަލަ ބަލައި ސާބިތުކުރާނީ ކިހިނެއްކަން ނޭނގުމެވެ. އަޑަށް ބާރުލާފައި ކަރުން ނާރުފުއްޕާ ވަރަށް ބާރަށް އެ ވާހަކަ ދެއްކިޔަސް ވަގުކަލޭގެ ބެހި ފައިސާ ދިން އެންމެންނަށް އެ ފައިސާ ލިބުނުކަން ސާބިތުކޮށްދޭނެ ގޮތެއް ނެތެވެ. މައްސަލައަށް ބަލައިގެން މަރުވަންދެން ތިބެވިދާނެއެވެ. މައްސަލަ ބަލާނީ ކިހިނެއް ހެއްޔެވެ؟

ލޯބިވާ ޒިޔަތެވެ. ރައީސް ނަޝީދުގެ އޯގާވެރި ވެރިކަމުގެ ތިން އަހަރު ހިންގާފައިވާ ބޮޑެތި ވައްކަންތަކުގެ މައްސަލަތަކާއި ގާނޫނާ ޚިލާފު މައްސަލަތައް ވެސް އެބަހުއްޓެއްނޫންތޯއެވެ؟ އެކަންތައްތަކުން އެ މަނިކުފާނު ބަރީއަވެވަޑައިގަންނަވާނެ ފުރުސަތު ތިޔަ ބޭފުޅުން އެމަނިކުފާނަށް ދެއްވީ ކީއްވެގެންތޯޢެވެ؟ ޖިއެމްއާރު، އައްޑޫ ކޮންވެންޝަން ސެންޓަރ، އައްޑޫ ބައިވޯޓަރ މަޝްރޫޢު ފަދަ އެތައް މައްސަލަތަކުގައި ކޮރަޕްޝަނާއި ވައްކަން އެކުލެވިގެންވެއެވެ. އެކަންތައްތައް ވެސް ބަލައި ކުށްވެރިންނަށް ހައްގު އަދަބު ލިބޭތަން ދެކެން މަރުވުމުގެ ކުރިން ބޭނުން އެތައް ހާސް ބަޔަކު މިގައުމުގައި އެބަތިއްބެވެ. އެކަން ކުރެވޭނޭތޯއެވެ؟

ޒިޔަތެވެ. ތިގޭ އަނެއް ޒިޔަތަށް ވެސް އަޅުގަނޑުގެ ވެދުން ދަންނަވާށެވެ. އަދި މުޅި އުމުރު ދުވަހު ވަގުންނާއެކު އުޅުއްވުމުގެ ބަދަލުގައި ރީތި ޞާލިޙު ދިރިއުޅުއްވުމެއް ޚިޔާރުކުރައްވަން ވެސް ދަންނަވާށެވެ. ވަގުންނާއި ވަގުންގެ ޕާޓީއާއެކު ތާއަބަދު ދަތުރުކޮށްގެން ތާހިރު އަމާން ދިރިއުޅުމެއް ނުލިބޭނެއެވެ.

ޒިޔަތުއެވެ! ކެނެރީގޭ ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާ އަކީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާކަމަށް ބައެއް ބޭފުޅުން އެބަ ވިދާޅުވެއެވެ. އެކަމަކު އެ ބާރުގަދަ ރޭޒާ ބޮން ގޮއްވާލި ތަނާ ދެތިން ފޫޓު ކައިރީގައި ހުރި ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެނެއް ނިދިޔައެވެ. އެ ބިއްލޫރިގަނޑަށް ގެއްލުމެއް ނުލިބުނު އިރު އެ ބިއްލޫރި ގަނޑުގައި ކޫރުމެއް ވެސް ނޭޅުނު ސަބަބެއް އޮޑިޓެއް ކުރައްވައިގެން ނަމަވެސް ބައްލަވައި އަޅުގަނޑަށް އެކަން އަންގަވާލަދެއްވިދާނެ ތޯއެވެ؟

އަޅުގަނޑަށް ފެންނަ ފެނުމުގައި ވަގުންގެ މުސްތަގުބަލު ރާއްޖޭގައި އަދި ފެންނަނީ ވަރަށް އުޖާލާކޮށެވެ. ވަގުން ތިބީ ޖަލު ބަންދެއްގައެއްނޫނެވެ. ވަގުން ތިބީ ރަސްކަމުގައެވެ. ވަގުން ރަސްކަން ކުރައްވަމުން އެބަގެންދެއެވެ. ވަގުންގެ ހައްގުގައި ތިބި ވަގު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވަގުން ކެބިނެޓުގައި ވެސް ތިއްބަވާފާނެއެވެ. ވަގަކު ޕްލޭނިން މިނިސްޓްރީގައި ވެސް ހުންނަވާފާނެއެވެ. ވަގު ބޭފުޅަކު އޭޑީކޭއިން ވައްކަން ކުރެއްވުމުގެ އިތުރަށް މުސްޠަފާ ބޭވެސް ލޫޓުވާ ލައްވަފާނެއެވެ. މިބުނީ މުސްޠަފާބޭ ވަކި ރަނގަޅު ވާހަކައެއް ނޫނެވެ.

ގޮނޑުހޮވައިގެން ކައިބޮއި އުޅޭ ރައްޔިތުންނަށާއި ކޮރޯނާގައި ވަޒީފާ ގެއްލުނު ރައްޔިތުންނަށާއި ވަޒީފާއެއް ނުލިބި ތިބި ރައްޔިތުންނަށާއި ކޮވިޑާއި ހެދި ކޮނޑާއި ކޮނޑު ޖެހޭ ގޮތަށް ސަފު ނެހެދިގެން ފުއްޕާފައި ތިބި ރައްޔިތުންނަށާއި ހަރުކަށި ރައްޔިތުންނަށާއި ނިދި މަޑުވެފައި ތިބި ރައްޔިތުންނަށާއި އެހެން ދިވެހި ރައްޔިތުންނަށް ވެސް އީދު މުބާރަކު ކިޔަމެވެ. އަދި ބުނަމެވެ. ތިޔަބައި މީހުން ކިތަންމެ ވަރަކަށް ފުއްޕިޔަސް މިގައުމުގައި ވަގުންނަށް އޮތީ އުޖާލާ ރަށްވެހި ފަތިހެކެވެ. ކިޔަވައިގެން ތިބި ޒުވާނުންނާއި ތެދުވެރި ރައްޔިތުންނަށް އޮތީ ބަނަ، ކުރިމަގެކެވެ.

 

Loading

3 Responses

  1. މިއީ ތާކުންތާކުޖެހޭ ލިޔުމެއްނޫން ! މިއީ ރައީސް ނަޝީދަށް ޖެއްސުން ކޮށްފައިވާ ލިޔުމެއް! ކަލޭމެން ބޮންގޮއްވައިގެން ބިލްލޫރި ގަނޑު ނުތެޅުނުވާހަކަ ދެއްކި އިރު ކަލޭމެން މީހަކަށް މިކަހަލަ ހަމަލައެއް ދިމާވުމުން ހޭއަރާނީ!

  2. އެންމެނަކީ ގޮތެއް ފޮތެއް ނެތް އެ އޮންނަ ސަރުކާރަކަށް ސަލާމް ޖަހައިގެން ކޮންމެގޮތަކުންވެސް ވަޒީފާގަނޑެއް ހޯދައިގެން އުޅޭނެ މީހުނެއް ނޫންކަން އެގިއްޖެތާއެވެ. މަދު މަދުން ތިވައްތަރު އެބަފެނެއެވެ. ނަމަވެސް ގިނައީ ހަމަ ހުސްބުޅީގައިވެސް ގަންނަ އެއްޗެއްސެވެ. އެހެންވެ މިގައުމުގެ ނޭއްގާނީ ޙާލަތު މިހާދަށަށް މިދަނީ. ޝުކުރިއްޔާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް