ފަލަސްތީނުން އިޒްރޭލަށް ދިން ހިމާޔަތުގެ ހިތި ނަތީޖާ

Loading

Facebook
Twitter
WhatsApp
Israeli police officer stands in position as a stun grenade explodes by the gate to Jerusalem's Old City during clashes, as the Muslim holy fasting month of Ramadan continues, in Jerusalem April 24, 2021. REUTERS/Ammar Awad

އިޒްރޭލު ސިފައިންގެ އަނިޔާ 1948 ވަނަ އަހަރުން ފެށިގެން ލިބެމުންދާ ފަލަސްތީނު ރައްޔިތުންގެ ވާހަކަ އަކީ އަހަރުމެން މުސްލިމުންގެ ކަންފަތްތަކަށް އައު ވާހަކައެއް ނޫނެވެ. ނަމަވެސް މިވާހަކަތަކަކީ ހަގީގަތުގައި ކިހާބޮޑު ވާހަކަތަކެއް ކަމާމެދު ވިސްނާލެވުނީ ކިތައް ފަހަރު ހެއްޔެވެ؟

މިކަމާމެދު ވިސްނާލުމަށްޓަކައި ،އެންމެފުރަމަ ފަލަސްތީން މުސްލިމުންނަށް މުހިންމުވީ ކޮން ސަބަބަކަށްޓަކައި ކަން ބަލާލަމާތޯއެވެ. ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަޤަޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އެއީ ކީރިތި ރަސޫލާ އިސްރާއިން މިޢުރާޖަށް އަރާވަޑައިގެންނެވި ރޭ ހުރިހައި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާ އެކު ނަމާދުކުރެއްވެވި މާތްވެގެންވާ މާލަމެކެވެ. ފަލަސްތީނުގެ ބިމަކީ މާތް އައްލާހް މުސްލިމުންނަށް ރައްކާތެރިކުރައްވާފައިވާ ހުރުމަތްތެރިވެގެންވާ ބިމެކެވެ.

ދެން މި ބިމަށް އިޒުރޭލް ވެރިވެގަންނަން ޖެހުނު ގޮތާމެދު ވިސްނާލަމާތޯއެވެ. މިއީ ދިގު ވާހަކައެކެވެ. ކުރުކޮށް ފޮނިކޮށް މިވާހަކައިގެ ޚުލާޞާ މިސާލެއްގެ އެހީގައި ބުނެދިނުމަށް މަސައްކަތް ކޮށްލާނަމެވެ.

މި ހާދިސާ އަމިއްލަ ޚިޔާލަށް ގެނަސް ވިސްނާލަބަލާށެވެ. ތިބާ އަމިއްލަ ގޭގައި ދިރިއުޅެނިކޮށް ތިބާއަށް ހާލުގައި ޖެހިފައިވާ ނިކަމެތި ފަގީރެއް ދިމާވިއެވެ. ދެން ތިބާ އެމީހާއަށް ހެޔޮކޮށް ހިތައި ތިބާގެ ގޭގައި ވަގުތީގޮތުން އުޅުމަށް އެމީހާއަށް ފުރުސަތު ދިނީމުއެވެ. ނަމަވެސް މި ފުރުސަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި މި މީހާއާ އޭނާގެ އެހެން ރައްޓެހިން ތިބާގެ ގެޔަށް ތިބާގެ ހުއްދައާއި ނުލައި ވައްދައިފިއެވެ. ކޮންމެއަކަސް މި މީހުން މިހާރު ތިބާގެ ގޭގައި ނުހައްގުން ވަޒަންވެރި ވެއްޖެއެވެ. މަޑުމަޑުން ތިބާގެ އަމިއްލަ ގޭގައި ތިބާއަށް ލިބެންޖެހޭ ހައްގުތަކުން ތިބާ މި މީހުންގެ ސަބަބުން މަހުރޫމުވިއެވެ. މި މިސާލަށް ވިސްނާލުމުން ފަލަސްތީނަށް ވީ ގޮތް ކޮންމެވެސް ވަރަކަށް ހިތަށް ސިފަކުރެވޭނެއެވެ.

އެ ގައުމުގައި ވަޒަންވެރިވި ޔަހޫދީން ވަކި ދައުލަތެއް އުފައްދައި މިހާރު ވަނީ ގައުމުގެ ބޮޑު ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އިޒްރޭލު ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށް އެމީހުންގެ ގެދޮރާއި މުދާތައް ފޭރިގަންނަމުންނެވެ. އަދި މަސްޖިދުލް އަޤްޞާއަށާއި އެ މިސްކިތުގައި ނަމާދުކުރަން އެއްވާ މުސްލިމުންނަށް ބިރުދައްކައި ހަމަލާ ދެމުން އެބަގެންދެއެވެ.

މަސްޖިދުލް އަޤްޞާ ހުންނަނީ ޖެރޫސަލަމްގައެވެ. ކުރީޒަމާނުގައި ޖެރޫސަލަމް ބަހާލެވިފައިވަނީ ހަތަރު ސަރަހައްދަކަށެވެ. އެއީ މުސްލިމް ސަރަހައްދަކާއި، ޔަހޫދީ ސަރަހައްދަކާއި، ނަސާރާއިންގެ ސަރަހައްދަކާއި އާރމީނިއަނުންގެ ސަރަހައްދެކެވެ. މިތަނުން މަސްޖިދުލް އަޤްޞާ ހުންނަނީ ޖެރޫސަލަމްގައި މުސްލިމުންގެ ސަރަހައްދުގައެވެ. ބައިނަލްއަގުވާމީ ޗާޓުތަކުން ދައްކާގޮތުގައި މިހާރު ފަލަސްތީނު ރައްޔިތުންގެ ސަރަހައްދުތަކަކީ ޣައްޒާއާއި ވެސްޓް ބޭންކްސްއެވެ. ޖެރޫސަލަމަކީ ވެސްޓް ބޭންކްސްގެ ސަރަހައްދަކެވެ. ޖެރޫސަލަމް ވަނީ ދެބަޔަކަށް ބަހާލެވިފައެވެ. ޖެރޫސަލަމްގެ ހުޅަނގުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ޗާޓުތަކުގައި ބުނާގޮތުގައި އިޒްރޭލުގެ ސަރަހައްދެކެވެ. ނަމަވެސް އިރުމަތީ ސަރަހައްދަކީ ފަލަސްތީނުގެ ސަރަހައްދެކެވެ. މަސްޖިދުލް އަޤްޞާ ހުންނަނީ ޖެރޫސަލެމްގެ އިރުމަތި ސަރަހައްދުގައެވެ. އެއީ މުސްލިމުންގެ ސަރަހައްދެކެވެ. އެހެންކަމުން ބައިނަލްއަގުވާމީ ގަވައިދުގައިވާ ގޮތުގެ މަތީން މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތަނެކެވެ. ނަމަވެސް 1967 ވަނަ އަހަރު އިޒްރޭލުން ވަނީ މި ސަރަހައްދުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިހާރު މުސްލިމުންނަށް މަސްޖިދުލް އަޤްޞާގައި ނަމާދުކުރުމަށް ދެވެނީ އިޒްރޭލު ސިފައިންގެ ހުއްދައާ އެކުގައެވެ. ގިނަ ފަހަރަށް މި ހުއްދައަކީ ލިބޭއެއްޗެއް ނޫނެވެ. ގަވައިދާއި ޚިލާފަށް ފަލަސްތީނު ރައްޔިތުންގެ ބިމަށް އަތްގަދަކޮށް އިޒްރޭލުން ދަނީ ފަލަސްތީނު ރައްޔިތުން މަސްޖިދުލް އަޤްޞާއަށް ދިޔުން މަނާ ކުރަމުންނެވެ.

ރަމަޟާން މަހުގެ 27 ވަނަ ރޭ މުސްލިމުން ނަމާދުކުރުމަށް ޖަމާއަތުގައި އެއްވެފައި ވަނިކޮށް އިޒްރޭލު ސިފައިން ވަނީ މި ސަރަހައްދަށް އެއްވެ އެމީހުންނާ ދިމާއަށް ސްޓަން ގްރެނޭޑް އުކައި އެމީހުނާ ދިމާއަށް ރަބަރު އަދި ދަގަނޑު އުންޑަ ޖަހާފައެވެ. އެއަށްފަހު މިސްކިތުގެ އެތެރެޔަށް ބާރުގެ ބޭނުންކޮށް ވަދެގަނެ ދޮރުތައް ބަނދުކުރުމަށް ފަހު މިސްކިތުގެ ތެރެއަށްވެސް އެމީހުންވަނީ ސްޓަން ގްރެނޭޑް އުކާފައެވެ. މި ހަމަލާގައި އެތައް ބަޔަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މި ހަމަލާއަށްފަހު އިޒްރޭލުސިފައިން ވަނީ އެ ސަރަހައްދުގައި ހުރި ސިއްޙީ ޚިދުމަތްދޭ ޓެންޓު ތަކަށްވެސް ގްރެނޭޑް އުކާފައެވެ. ސިއްހީ ޚިދުމަތާއި ބޭސްފަރުވާދެވޭނެ އެއްވެސް ގޮތެއް އެސަރަހައްދުގެ ފަލަސްތީނު ރައްޔިތުންނަކަށް މިވަގުތަކު ނެތެވެ.

އިޒްރޭލުގެ ޒައެނިސްޓުން 1967 ގައި އިރުމަތީ ޖަރޫސަލަމްއަށް ވެރިވެގަތުމަށް ފަހު ކޮންމެ އަހަރަކުވެސް އެމީހުން ދަނީ ފަލަސްތީނު ރައްޔިތުން މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރުމަށް ހުރަސް އަޅަމުންނެވެ. މަސްޖިދުލް އަޤްޞާއަކީ ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ މުސްލިމުންނަށް މާތް މިސްކިތެކެވެ. އެހެންކަމުން އިޒްރޭލު ސިފައިން މަސްޖިދުލް އަޤްޞާ ބޭނުންކުރަނީ ފަލަސްތީނު މުސްލިމުންނަށް ބިރުދައްކައި އެމީހުން ނިކަމެތި ކުރާ ވަސީލަތެއްގެ ގޮތުގައެވެ. އިޒްރޭލު ސިފައިންނާއި ކަމަކާ ދެކޮޅުހަދައިފިނަމަ އެމީހުން މަސްޖިދުލް އަޤްޞާއަށް ހަމަލާދެއެވެ. މީގެ ދެދުވަސް ކުރިން ސިފައިން މަސްޖިދުލް އަޤްޞާއަށް ހަމަލާދީފައިވަނީ ހަމަ މިފަދަ ކަމަކާއި ގުޅުވައިގެންނެވެ. އެއީ ޝޭޚް ޒައްރާގައި ހިންގި ހާދިސާއެކެވެ.

ޝޭޚް ޒައްރާ އަކީ އިރުމަތީ ޖެރޫސަލެމްގައި ފަލަސްތީނުގެ ގިނަ ރައްޔިތުން ވަޒަންވެރިވެފައިވާ އަވަށެކެވެ. އިޒްރޭލުގެ ރައްޔިތުން އެމީހުންގެ ބާރާއި ނާއިންސާފުވެރި ގާނޫނުތަކުގެ އެހީގައި ދަނީ ޝޭޚް ޒައްރާގައި ދިރިއުޅެމުންދާ ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ނެރެ ނިކަމެތި ކުރަމުންނެވެ. މިކަން މިހެން ކުރަމުން ދަނީ އިޒްރޭލު ސިފައިންނެވެ. ޝޭޚް ޒައްރާގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ނިކުތުމަށް އިންކާރުކުރުމުން އިޒްރޭލު ސިފައިންވަނީ ބަޑިން ބިރުދައްކައި އަނިޔާދީ އެމީހުންގެ ގެތައް ފޭރިގަނެފައެވެ. 2009 ވަނަ އަހަރު އެކަނިވެސް އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ 67 ގެއެއް ފޭރިގަނެ އެތަނުގައި އިޒުރޭލް މީހުން ނުހައްގުން ވަޒަންވެރިކޮށްފައެވެ. އެމީހުންގެ އަމާޒަކީ ޝޭޚް ޒައްރާގައި ދިރިއުޅެމުންދާ ފަލަސްތީނު ހުރިހާ ރައްޔިތުން އެތަނުން ބޭރުކޮށްލުމެވެ.

މިކަމާގުޅިގެން ފަލަސްތީނު ރައްޔިތުން ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށްޓަކައި އެސަރަހައްދަށް އެއްވިއެވެ. އަދި އެމީހުން ރޯދަ ވީއްލުމަށް އެއްވެފައި ވަނިކޮށް އެސަރަހައްދުގައި އުޅޭ އިޒްރޭލު ރައްޔިތުން ވަނީ އެމީހުންނާ ދިމާލަށް ގާއުކައި ހަމަލާދީފައެވެ. އަދި އޭގެ ކުޑަ އިރުކޮޅެއްފަހުން އެ ސަރަހައްދަށް އިޒްރޭލު ސިފައިން އެއްވެ ފަލަސްތީނު ރައްޔިތުންނާ ދިމާލަށް ސްޓަން ގްރެނޭޑާއި ސަކްންކްވޯޓާރ ވަނީ އުކާފައެވެ. ސްކަންކްވޯޓާ އަކީ ކެމިކަލާއި އެއްކޮށްފައި ހުންނަ ފާހާނާ ޖަންކުޝަން ފެނެވެ. އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންނާ ކުރިމަތި ލަނީ ފުލް ބޮޑީ ސޫޓާއި ހަތިޔާރާ އެކުއެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުމީހާގެ އަތުގައި އޮންނަނީ ގާބުރިއެއް އެކަންޏެވެ. އިޒްރޭލު ސިފައިންނަށް ކޮންމެ އަހަރަކު އެމެރިކާއިން 3.8 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެނަސް އަމިއްލަ ގެއިން ނެރެލައި މަގުމަތި ކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެއްވެސް ފަރާތެއް ނެތެވެ. މިއީ މުސްލިމް އުންމަތް މިއަދު ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ.

ޝޭޚް ޒައްރާއާއި މަސްޖިދުލް އަޤްޞާއަށް އިޒްރޭލު ސިފައިން ހަމަލާދިނުމާ އެކު މުޅި އެ ސަރަހައްދުގައި ދިރިއުޅުނު ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަސްޖިދުލް އަޤްޞާއާ ދިމާލަށް ދަތުރުފެށިއެވެ. އަދި ހައިވޭ ގައި ފަލަސްތީނު ރައްޔިތުން މިސްކިތާދިމާލަށް ދިޔުން އިޒްރޭލު ސިފައިން މަނާކުރުމުން އެމީހުން ކާރުތަކުން ފައިބައި ފައިމަގުގައި އެދިމާލަށް ދިޔައެވެ. އަލް އަޤްޞާގައި އެވަގުތު ތިބި ފަލަސްތީނު ރައްޔިތުން އެމީހުންގެ ކާރުތަކުގައި ގޮސް ފައިމަގުގައި ހިނގާފައި އެތަނަށް އައުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މުޅި އެސަރަހައްދުން ފެނިގެން ދިޔައީ ފަލަސްތީނު ރައްޔިތުންނެވެ. މިއީ މުސްލިމުންގެ އަޚްވަންތަކަމުގެ ކޮންފަދަ މަތިވެރި މިސާލެއްތޯއެވެ. އެމީހުންގެ ހިތްތަކުގައިވާ ކެތްތެރިކަމާއި އީމާންތެރިކަމާމެދު ނިކަން ވިސްނާލަބަލާށެވެ. ފަލަސްތީނު ރައްޔިތުންގެ ހަމައެކަނި ހަތިޔާރަކީ އެމީހުންގެ ހިތްތަކުގައިވާ އީމާންތެރިކަމެވެ. އެމީހުންގެ ހަމައެކަނި އެދުމަކީ އަމިއްލަ ބިމުގައި މިނިވަންކަމާއި ރައްކާތެރިކަން ލިބުމެވެ. ބާރުގަދަ އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ މަރަމުންދާއިރުވެސް އެމީހުންގެ ބިން ދިފާއު ކުރުމަށް އެންމެ ހިނދުކޮޅަކަށްވެސް ފަހެއްނުޖެހެއެވެ. މަރާއި ކުރިމަތިލާން އެމީހުން ބިރެއްނުގަނެއެވެ.

ނަމަވެސް ފަލަސްތީނު ރައްޔިތުން އިޒްރޭލު ސިފައިންނާއި މިފަދައިން ކުރިމަތިލާ ކޮންމެ ފަހަރަކު އެތައް ބަޔެއްގެ ފުރާނަ ގެއްލެއެވެ. އެތައް ބަޔަކު ޒަޚަމްވެއެވެ. މުސްލިމުން މިފަދައިން ހިތްވަރާއިއެކު ސިފައިންނާއި ކުރިމަތިލުމުން އޭގެ އަނެއްދުވަހު ލިބިގެން ދިޔައީ އަނެއްކާވެސް އެހެން ހިތާމަވެރި ޚަބަރެކެވެ. އެއީ ޣައްޒާއަށް އިޒްރޭލު ސިފައިން ދިން ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެ 90 އަށްވުރެ ގިނަ މީހުން ޒަހަމްވި ޚަބަރެވެ. އޭގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ. މިފަދަ ލާއިންސާނީ އެތައް އަމަލެއް އިޒްރޭލުން ހިންގަމުން ދާއިރު މުސްލިމް ގައުމުތަކު ލީޑަރުން ކޮބައި ހެއްޔެވެ؟ އިސްލާމީ އުންމަތް ފަލަސްތީނު ރައްޔިތުންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެނީ ކީއްވެގެން ހެއްޔެވެ؟

 

Loading

One Response

  1. ”ފަލަސްތީނުގެ ބިމަކީ މާތް އައްލާހް..“ ނަޣޫޒު ބިﷲ..! ދީނީ ބޮޑެތި ސުރުޚީތަކަށް ލިޔާ މީހުންގެ ފެންވަރު..!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް