އެމްއެމްޕީއާރުސީގެ މައްސަލަ: އެމްޑީޕީގެ ނަގޫ ފިތެނީ

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީނުގެ ސިޔާސީހަޔާތްޕުޅަށް ކުރިމަތިވި ސިޔާސީ ސުނާމީއަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން (އެމްއެމްޕީއާރުސީ)ގެ އިސްވެރިއަކަށް އަޙުމަދު އަދީބު ހުންނަވައިގެން ހިންގަވާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ވީ ގޮތަށް އެމްޑީޕީގެ ކޯލިޝަންގެ ވެރިކަމަށް ވެސް އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ބޮޑު ސުނާމީއަކަށް ވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ވައްކަމާއި ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށް ގޮވާލެއްވުމުގެ އިތުރަށް އިންޒާރު ދެއްވަމުން އެބަގެންދެއެވެ.

”ދުލުގައި ހިފައި ދަމާނަމަ ….“ …. ”މުޅި މައްސަލަ ފަޅައި އަރުވާލަފާނަން“ ފަދަ މާނަ ދޭހަވާގޮތަކަށް ވާހަކަފުޅު ދައްކަވަމުން އެބަގެންދެއެވެ.

ބޮޑު ކޯލިޝަނެއް ހަދައިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ ރައީސް ޔާމީނަށް ވަގަށް ގޮވައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ބޮޑެތި ވައްކަމާއި ޚިޔާނުގެ މައްސަލަތައް ބަލައި ވަގަށް ނެގި ފައިސާތައް އަނބުރައި ހޯދައި އިންސާފު ހޯދައި ދޭނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމެވެ. އެމްޑީޕީ ކޯލިޝަން ވެރިކަމަށް އައިތާ ދެ އަހަރާއި ހަތަރުމަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ވަގަށް ނެގި ފައިސާ ހޯދަން ކުރި މަސައްކަތުގައި ރައީސް ޔާމީން ހިންގެވި ކަމަށް ބުނާ މަނީލޯންޑްރިންގެ މައްސަލައެއް ފިޔަވައި އެހެން މައްސަލައެއްގައި އަދި އަތްވެސް ނުލެވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަރަށް ބޮޑު އިސްކަމެއް ދީގެން މައްސަލައިގެ ބޮޑު ތަހުގީގެއް ހިންގަމުން އެބަ ގެންދެއެވެ. އޭގެ އިތުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިކަވަރީ ކޮމިޝަނަކުން މައްސަލަ ތަހުގީގު ކުރަމުން އެބަގެންދެއެވެ. ފުލުހުންނާއި އޮޑިޓަރ ޖެނެރަލް ކުރައްވާ ތަހުގީގުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލައިގެ ތެރެއަށް ބޯބާނައިގެން އެބައުޅެއެވެ. ވަގު ފައިސާ 281 މީހުންނަށް ލިބިފައިވާ ކަމަށް އެބަ ބުނެއެވެ. އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރަމުން ދާކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އަދި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވެސް ”ކަމެއް ނުކުރެވެއޭ! ހުސް އަނގައޭ ތަޅަނީ!“ ބުނެ ފާޑުކިޔަމުން އެބަ ގެންދެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޓްއަރިޒަމް މިނިސްޓަރ ކަމާއި ނައިބު ރައީސްކަން ކުރެއްވި އަޙުމަދު އަދީބު ކުރައްވާފައިވާ ވައްކަމާއި ޚިޔާނާތުގެ އެތައް ކަމެއް ޝަރީޢަތަށް ސާބިތުވެ އަދީބަށް ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައެވެ. މިހާތަނަށް ބެލެވިފައި ވަނީ އެމްއެމްޕީއާރުސީން އަދީބު ނެންގެވި ފައިސާ އަދީބު ދެއްވި ބޭފުޅުންނާއި އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅުންކަމަށެވެ. އެ ބޭފުޅުންނާ މެދު ތަހުގީގެއް ހިންގިފައެއް ނެތެވެ. ތަހުގީގެއް ހިންގައި މައްސަލަ ސާބިތުވެފައި ނެތަސް އެއީ ވަގުންނާއި ޚިޔާނާތްތެރިންގެ ގޮތުގައި ބެލެވި އެބޭފުޅުންގެ ނަން ހާމަކުރުމަށް އެމްޑީޕީގެ އެއްބަޔަކު ގޮވަމުން ދާއިރު، ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންގެ ނަން ހާމަކުރަން ނުޖެހޭނޭކަމަށް ވިދާޅުވެ އެމްޑީޕީގެ އިސްވެރިން މަޖިލީހުގެ ކޮމިޓީތަކުގައި މިހާރު ވަނީ ވާހަކަދައްކަވަން ފަށާފައެވެ. އެކަމަކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ޚިޔާނާތާއި ވައްކަމުގެ ލިސްޓުގައި ހިމެނޭ އެންމެންގެ ނަން ހާމަކުރަން ޖެހޭނޭކަމަށް ވިދާޅުވަމުންނެވެ. އެކަމުގެ ސަބަބުން އަދީބު ބެއްސެވި ވަގު ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުން ހާމަކުރުމުގެ މައްސަލައިގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕު ތެރޭގައި ވަނީ ބޮޑު ސުނާމީއެއް އުފެދެން ފަށާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފަކީ ވަގު ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ހާމަކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ވިދާޅުވެ މަޖިލީހުގައި އެކަމަށް އެންމެ ބޮޑަށް އިސްނަންގަވައިގެން ވަކާލަތު ކުރެއްވި ބޭފުޅާއެވެ. އެކަމަކު ޙަސަން ލަޠީފު މިހާރު ގެންދަވަނީ ކުރިން ދެއްކެވި ވާހަކަފުޅާ ދެކޮޅަށް ވާހަކަދައްކަވައި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަން ސިއްރުކުރެއްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޙުމަދު އަދީބު ހިންގަވާފައިވާ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު އެ ލިސްޓު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލާވާލާފައިވާ ޖޮއިންޓް ކޮމިޓީގައި ޙަސަން ލަޠީފު ވަނީ އެ ލިސްޓު ހާމަކުރުމާ ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ.

ވަގު ފައިސާ ލިބުނު ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް އެއްގޮތަކަށް ވެސް ހާމަކޮށްގެން ނުވާނެ ކަމަކަށް ޙަސަން ލަޠީފު ކުއްލިއަކަށް ގަބޫލު ކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވީ ކާކުގެ ނުވަތަ ކޮން ބައެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމުގެ ބޭނުމުގައި ކަމެއް އަދި ނޭނގެއެވެ. އަދި ލިސްޓު ހާމަކުރަން ނުޖެހޭ ކަމަށް ހަމަ ކުއްލިއަކަށް ޙަސަން ލަޠީފު ގަބޫލު ކުރައްވަން ފެއްޓެވީ ކޮން ބައެއްގެ ނަގޫ ފިތިގެންކަމެއް ވެސް އަދި ނޭނގެއެވެ. ނަމަވެސް އެނގޭ އެއްޗަކީ އެއްފަހަރު ލިސްޓް ހާމަކުރަން އަނެއްފަހަރު ލިސްޓު ހާމަނުކުރަން ޙަސަން ލަޠީފު އެދިވަޑައިގަތުމަކީ އެމަނިކުފާނުގެ ތެދުވެރިކަމެއް އިޚުލާޞްތެރިކަމެއް ސިޔާސީ އުރައްޕެއް ނެތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއްކަމެވެ. އަދި އެމްޑީޕީން ކުރާ އެފަދަ ކަންކަމުން ވަގުންގެ ފޮށި ބާރަށް ބަންނަން މަގުފަހިވެގެންދާނޭކަމެވެ.

ދިވެހިރައްޔިތުން ތިބީ ޙަސަން ލަޠީފު ފަދަ ބޭފުޅުން މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކާއި އެހެން ބައްދަލުވުންތަކުގައި ކުޅުއްވާ ޑްރާމާ ނިކަން ރަނގަޅަށް ބަލާށެވެ. ރައްޔިތުން ތިބީ ހިނދުކޮޅެއްގައެއް ނޫނެވެ. ހަމަހޭގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވިދާޅުވިގޮތުގައި އެ ލިސްޓާ ގުޅިގެން ކަމާ ނުބެހޭ މީހުންގެ ބޮލުގައި ތަކުރާރުކޮށް ވަގު ބަދުނާމު އަޅުވައި ވަގަށް ގޮވައި ހަދަމުންދާއިރު، ސިޔާސީ ގޮތުން ކުރިމަތިވާ ފާޑުކިޔުންތައްވެސް ހުއްޓުވޭނީ ލިސްޓު އާންމުވެ ރައްޔިތުންނަށް ލިސްޓުގައިވާ މީހުންގެ ނަންތައް ސާފުވުމުންނެވެ.

ޙަސަން ލަޠީފު ވިދާޅުވި ގޮތުގައި ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމުކުރުމަށް ގޮވާލުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އެކަން ކޮށްގެންވެސް ނުވާނެއެވެ.

ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓު ހާމަކުރުމަށް އާންމުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވަމުންދާއިރު އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފު އެކަމާ ދެކޮޅު ހައްދަވަނީ ކޮން ބައެއްގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރައްވަން ބާވައެވެ! ކޮން ބައެއްގެ މަސްލަހަތާއި ފައިދާއަށްޓަކައި ބާވައެވެ!

”އެމްޑީޕީގެ ސިޔާސަތަކީ ވެސް އެނބުރޭ ވަހުތާނެއް ފަދަ އެއްޗެއް. ފުރަތަމަ އެލިސްޓު ހާމަކުރަންޖެހޭނެކަމަށް އަޑަށް ބާރުލައްވާފައި ވާހަކަފުޅު ދެއްކެވީ ޙަސަން ލަޠީފު. މިއަދު އެކިއެކި މިސާލު ދައްކަވައި އެ ވިދާޅުވަނީ ލިސްޓު ހާމަކުރާކަށް ނުވާނެއޭ“ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބޭފުޅަކު ނަން ހާމަނުކުރައްވަން އެދިވަޑައިގެން ވިދާޅުވިއެވެ. ”މަޖިލީހުގައިވެސް ކަންތައް ހިންގަނީ ދެތިން ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް. އައްޑޫ ޝަރީފާއި ރޮޒައިނާ ބައެއް ފަހަރަށް އިސް ބޭފުޅުންނާ ދެކޮޅަށް އެއްޗެކޭ ވިދާޅުވިޔަސް ގިނަ ބޭފުޅުން ޒަހަރު ހިއްޕަވައިގެން ތިއްބަވަނީ ހިމޭނުން. ޕާޓީގެ ކަންތަކާ ގުޅޭ ގޮތުން ވާހަކަދައްކަން ފަށައިފިއްޔާ ފުރަހަނި ޝުޢައިބަށް ހެދިހެން އަޅުގަނޑުމެންނާ ދޭތެރޭ ވެސް ހަދާނީ.“ އޭނާ އިތުރަށް ވިދާޅުވިއެވެ. ”އިންސާފު ހޯދައިދޭށޭ މިއައީ އެޖެންޑާ 19 ތަފާތުވާނެއޭ ކިޔައިގެން އައިސް ވަގުން ހިމާޔަތްކޮށް ފޮރުވަން އުޅުމުން ޕާޓީ ފުނޑިގެން ދަނީ. ދިވެހި ރައްޔިތުންނަކީ އެހާ ގަމާރު ބައެއްނޫން. އެހެންވެ މާލޭ ރައްޔިތުން ކައުންސިލް އިންތިޚާބުގައި ތަފާތު އެދެއްކީ.“

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނަށާއި، ސަރުކާރުގެ އިސް މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށާއި ސަލާމަތީ ބާރުތަކުގެ ބައެއް ބޭފުޅުންނަށް ވެސް ލިބިވަޑައިގެންފައިވާކަމަށް ތަހުގީގީ އިދާރާތަކުން ހާމަކުރައްވާފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ މައްސަލަ ބަލާނަމަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ އެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން ދަނީ ކޮރަޕްޝަނާ ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000 އަށްވުރެ ގިނަ މެސެޖުވެސް ދިރާސާ ކުރަމުންނެވެ. އެ މެސެޖުތައް ލިބިފައިވަނީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އަޙުމަދު އަދީބު ގެންގުޅުއްވި ފޯނާއި ލެޕްޓޮޕުންނެވެ. އެ ވާހަކަ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދެވެ. އޭނާ ވިދާޅުވެފައި ވަނީ އަދީބު ކުރެއްވި މެސެޖުތައް އާންމު ކުރައްވާނެ ކަމަށެވެ. ހާލަތު ބަދަލުވަމުން ދާ ގޮތަށް ބަލާއިރު އެފަދަ ދުވަހެއް ދައްކަވާފާނޭކަމަކަށް މިހާރު ގަބޫލެއް ނުކުރެވެއެވެ.

ޚިޔާނާތުގެ ފައިސާގައި ޖެހިފައި ހުރި މީހަކު ނަމަ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އަޑަށް ބާރުލައްވާފައި ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ބޭކަނބަލުން މިހާރު ފެންނަނީ ނަގޫފިތި ތާށިވެ އަޑު ބަދަލުވެފައިވާތަނެވެ.

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އަޙުމަދު އަދީބު އިސްވެ ހުންނަވައިގެން ހިންގެވި، އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގެ ފޮނިމީރުކަން ލިބުނު ކަމަށް ބުނާ ލިސްޓުގައި ހިމެނޭ މީހުންގެ ނަމާއި އެމީހުންނާއި މުއާމަލާތުކުރި މީހުންގެ މައުލޫމާތު ހުރި ޕެންޑްރައިވް ކުރިއަށް އޮތް ތަނުގައި ”އަރުއްވައިގެންފާނޭކަމުގެ“ ބިރެވެ.

 

Loading

3 Responses

  1. ސަބު ޗޯރު ހޭ! އެވަރަށް އެ ފެލި އަރުވަނީ ކައިގެން ތިބިވަރު ގިނަވީމާ. ދެރައީ ރައްޔަތުން މިވެރިންގެ ހުސް ބުޅީގައި ގަންނަކަމެވެ. ހަމަ ބޮޑު މަޖާގަޑެއް ހަދާލައި ކާނިވަލް ޖެއްސީމާ ކުލަމަޖަލަށް ބަލާފައި ނުވަތަ ސަޅިބައިސާތަކަށް ބަލާފަ ވޯޓް ދޭކަމެވެ. ނުވަތަ 500 ރުފިޔާއަށް މީހާ ވިކޭކަމެވެ. އަސްލު ޒިންމާދާރުކަން ރައްޔަތުންގެ ކިބައިން ފެނިގެންނޫނީ މިގައުމަށް ދެން ސަލާމަތެއް ނެތެވެ. ގިނައީ ހަމަ ވަގުންނެވެ. އެއްވަގެއް އަނެއް ވަގަކަށް ވަގަަށްގޮވަނީ. އެކަކުވެސް އަނެކާގެ ވައްކަން ނުބަލާ!

  2. ހާދަ އޭދޯ ޙަރާންކޯރީ. ނަންވާނީ އިލްޔާސް އިބުރާހިމާއި ޔާމީނު. އަދީބަކީ އަންނި އެޅުވި ފަންޏެކޯ ބުނެފައިވޭ. ވީމާ އެފަނި އަޅުވައިގެން ދައުލަތުން ވައްކަން ކުރީ އެމްޑީޕީގެ މޭސްތިރިކަމުގަތާއެވެ. ވަރަށް ކަޑަ.

  3. ކޮބާކިހިނެއްހީވި ދެންވެސްއަގަނުތަޅާތިބެ އޮންނާނީ ރާކަނިމަސްކެވިފަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް