ޓެރަރިސްޓުންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުން: ރައީސް ޞާލިޙު

86

ޓެރަރިސްޓުންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި އަމުނުއަމާންކަން ނަގާލުމާއި ސުލްހަވެރިކަން ނެތިކޮށްލުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

“ޓެރަރިސްޓުންގެ ބޭނުމަކީ ޝައްކު އުފައްދައި ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާލުން. އަދި މުޖުތަމައުގެ ތެރޭގައިވެސް ބަދަހި ސަފުތައް ރޫޅާލުން. މި ޕާޓީއަކުން އެކަން އެގޮތަކަށް ވިޔަކަ ނުދޭނަން.” އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވިއެވެ. “މިޕާޓީއަކުން އެކަން އެގޮތައް ކުރަން ފުރުސަތެއްވެސް ނުދޭނަން. އަދި މިޕާޓީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އެފަދަ އަމަލުތަކަށް ޖާގައެއް ނުދޭނަން.”

ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ ޕާޓީއެއްކަމަށެވެ. ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ތާއީދުކުރާ ޕާޓީއެއްކަމަށެވެ.

“އަނެކާގެ ފުރާނައަކީ އަގުހުރި އެއްޗެއްކަން ދަނެ އެކަމަށް އިޙުތިރާމް ކުރާ ޕާޓީއެއް. މިއީ އެއްވެސް ޒަމާނެއްގައި އެއްވެސް ހާލެއްގައި ބަދަލެއް އަންނާނެ ސިޔާސަތެއް ނުވަތަ ވިސްނުމެއްނޫން. މިއީ އަޅުގަނޑުމެން އިހުނަށްވުރެ ބާރުލާފައި ކުރިއަށްވުރެ އަޑުހަރުކޮށް އާ އަޒުމުގައި އާ ހިތްވަރަކާއެކު ތެދުވަންވީ ވަގުތު.” ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ބާރަށް ކުރިއަށް ދާއިރު އެ ތަހުގީގު ކުރިއަށް ގެންދަން ބޭރުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާއާއި އެމެރިކާގެ އެހީތެރިކަން ލިބޭނޭކަމަށް އެ ދެގައުމުން އަންގާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ބޭނުން ކުރެވެން އޮތް ހުރިހާ ވަސީލަތެއް ދަނީ ބޭނުން ކުރެވެމުންނެވެ. އަދި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ތަހުގީގުގެ ދުވެލި ހުރީ ވަރަށް ހަލުވިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި އާދީއްތަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން ޙަސަން ލަޠީފު އެދިވަޑައިގަތީ ސަރުކާރުން ހިންގާ ތަހުގީގަށް ޕާޓީގެ ހުރިހާ މެންބަރުން ފުރިހަމަ އެއްބާރުލުން ދެއްވުމަށެވެ.

 

1 ހިޔާލު

  1. ވަރަށް ދެރަކަމެއް. އެއްވެސް މީހެއްގެ ގަޔަށް އަތްލެވިގެން ނުވާނެ. ޙަމަލާ ދެވިގެން ނުވާނެ. މުޒާހަރާ ތަކުގައިވެސް ޕޮލިހަށްވެސް ޙަމަލާދެވިގެން ނުވާނެ. ވެރިކަން ބީވިއަސް ކޮންމެބައެއްވެސް އަދަބު ސަދަބު މިންގަނޑުގައި ހިފަހަށްޓަން ޖެހޭނެ. ރުޅިވެރިކަމާއި އެކު ނިކުމެ މީހުންނަށް އާޓިފިޝަލް ބީޗްގައި ކާޅު ކޮށްޓަށްލައިގެން ސިހުރުހާހޫރަ ހަދައިގެން ނުވާނެ. މަގުމަށްޗށް ނުކުމެ ތަންތަން ރޯކޮށްގެން ނުވާނެ. ޕެޓްރޯލް ބޮން އުކައިގެން ނުވާނެ.
    ވެރިކަމަކީ ބަދަލުވާނެ އެއްޗެއްކަން ޑިމޮކްރަސީގެ އަޅުން ދަންނަން ޖެހޭނެ. ހަޖަމް ކުރަން ދަސްކުރަން ޖެހޭނެ. އެހެން މީހުންނަށް ލަނޑުދޭން ދޮގުވާހަކަ ފަތުރާ ފަނި އަޅުވައިގެން ނުވާނެ. ދައުލަތުގެ ޚަޒާނާއިން ތިމާ ރުހޭމީހަކަށް ބަހައިގެން ނުވާނެ. ބަޖެޓް ދޭވަރަށްވުރެ ބަޖެޓް ފުއްޕައިގެން ތިމާ ރުހޭހާ މީހަކަށް ސިޔާސީ މަގާމުދީ ރައްޔަތުންގެ ޓެކްސް ފައިސާއަށް ޚިޔާނާތްތެރިވެގެން ނުވާނެ. މިފަދަ ޕެންޑަމިކް އެއްގައި ރައީސްގެ ބާރުގެ ދަށުގައި ތިބޭ އެންމެންވެސް ކަމަރު ބާރުކޮށްލައި ރައްޔަތުންނަށް ލުއި ހޯދަދޭން ވާނީ. ހަމަ ޗާންސް ނެގެން އޮތް ދިމާލަކުން ޚިޔާނާތްތެރި ވެގެން ނުވާނެ. މި ހުރިހާ ކަމެއް ރަނގަޅުކޮށްލީމާ ވަރަށް ބެސްޓުވާނެ. ބަލަމާ ވޭތޯ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ