ރޭ ދެވުނު ހަމަލާއަކީ ގަސްދުގައި ދީފައިވާ ހަމަލާއެއް: ފުލުހުން

106

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދެވުނު ހަމަލާއަކީ ގަސްތުގައި ދެވުނު ހަމަލާއެއް ކަމަށް ރަސްމީކޮށް ފުލުހުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ފުލުހުންގެ ކޮމާންޑް ސެންޓަރަށް މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 20:36 ގައެވެ. އަދި 20:38 ގައި ފުލުހުންގެ ފަރސްޓް ރެސްޕޯންޑަރސް އެތަނަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ރައީސް ނަޝީދުގެ އިތުރުން އިތުރު 4 މީހަކަށް މި ހަމަލާގައި އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ބޮޑީ ގާޑުންނާއި ދިވެއްސަކާއި، ބިދޭސީއެއް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި ރައީސް ނަޝީދުގެ ތިން އޮޕެރޭޝަން ވަނީ ކާމިޔާބުވެފައެވެ. އަދި ހަށިގަނޑަށް ވަދެފައިވާ އެތިކޮޅުތައް ނަގާފައިވާ ކަމަށާއި، އަދި އިތުރު މުހިންމު ޕްރޮސީޖަރއެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެޑީކޭއާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މިތަހުޤީގުގައި ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަމުން އަންނަކަން ފުލުހުން ވަނީ ނޫސްވެރިންނާއި ހިއްސާ ކޮށްފައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި އިނގިރޭސި ވިލާތުގެ ދެ ތަޖުރިބާކާރަކު ތަހުގީގުގައި ބައިވެރިވާކަން ފުލުހުން ހާމަކުރިއިރު، މާދަމާ އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ ދެ ތަޖުރިބާކާރަކު ތަހުގީގުގައި ބައިވެރިވާން ރާއްޖެ އަންނާނެކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ހަމަލާދިން ސަރަހައްދުގެ ހަރަކާތްތަކުން ހަތަރު މީހަކަށް ފުލުހުން ވަނީ މިހަމަލާގައި ތުހުމަތު ކޮށްފައެވެ. ނަމަވެސް މިމީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާނަމަ 9704000 ނަންބަރަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ