ރައީސް ނަޝީދަށް ދިން ޙަމަލާ: ތަހުގީގުގައި ބައިވެރިވުމަށް ހޮނިހިރު ދުވަހު އޮސްޓްރޭލިޔާގެ ފުލުހުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި

Loading

Facebook
Twitter
WhatsApp

ރައީސް ނަޝީދަށް ބުރާސްފަތިދުވަހުގެ ރޭ ދިން ހަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާކަމަށާއި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް މި ތަޙްޤީގުގައި ބައިވެރިވުމަށް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޙަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން މިކަން މިހާރު އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް، ބުރާސްފަތި ދުވަހުގެ ރޭ ދިން ޙަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިއީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއްކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

”މިފަދަ ޢަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތް ﷲގެ ވާގިފުޅާއެކު، ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.“ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާގައި އެ މަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.

މި ޙަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އޭ.ޑީ.ކޭ ހޮސްޕިޓަލަށް ރައީސް ނަޝީދު ގެންގޮސް އެތަނުން އެ މަނިކުފާނަށް ފަރުވާ ދެމުން އެބަގެންދެއެވެ.

“އަޅުގަނޑަށް ޑޮކްޓަރުން އެންމެފަހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްޓަކައި އިތުރު އޮޕަރޭޝަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް.“ ގައުމާ މުޚާޠަބު ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވިއެވެ.

އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ އެމަނިކުފާނު ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީދީ މަގުގައި އޮތް ކާރުކޮޅަކަށް އަރުއްވަން ހިންގަވާފައި ވަޑައިގެންނެވި މަގުމަތީގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ޙަމަލާގެ ތަޙުޤީޤު ވީހާވެސް އަވަހަށް ނިންމައި، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް، ޢަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަޙުޤީޤީ އިދާރާތަކަށް އެމަނިކުފާނު ވަނީ އަންގަވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް