ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

މާލޭ ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގައި ހުންނަވާފައި މަޖީދީ މަގުގައި އޮތް އެމަނިކުފާނު ދަތުރުކުރައްވާ އެމްއެންޑީއެފްގެ ކާރަށް އަރާވަޑައިގަތުމަށް ނީލޯފަރު ހިނގުމުން ވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި މިހާތަނަށް ޚަބަރު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ އިތުރަށް ހަތަރު މީހަކަށް ގެއްލުން ތަކެއް ލިބިފައިވެއެވެ. އޭގެތެރޭގައި އެމްއެންޑީއެފްގެ ތިން މީހުން ހިމެނެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެއިން މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެ ހާދިސާގައި ގެއްލުން ލިބުނު ބިދޭސީ މީހާގެ ފަޔަށް ގެއްލުން ތަކެއް ލިބިފައިވެއެވެ. އެއީ އިނގިރޭސި ވިލާތުގެ މީހެކެވެ.

އޭޑީކޭއިން މައުލޫމާތު ދިން ގޮތުގައި ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސްއެއްނޫނެވެ. އެހާދިސާ ހިނގީ ރޭގަނޑު 8.20 އެހާކަށްހާއިރެވެ.

ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމަކީ ހަނިގޯޅިއަކަށް ވުމުން އާންމުކޮށް ރައީސް ނަޝީދު ކާރުކޮޅަށް އަރުއްވަނީ މަޖީދީ މަގުންނެވެ.

އެއްޗެއް ގޮއްވާލުމުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ވަނީ ސައިކަލަކަށެވެ.

ފުލުހުންނާއި ޑިފެންސް ފޯހުގެ ކަމާ ބެހޭ ފަރާތްތަކުން އެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ހާދިސާ ހިނގި ސަރަހައްދަށް ޕޮލިސް ކޮމިޝަނަރއާއި ހޯމް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވައި ތަހުގީގު ހިނގަމުންދާ ގޮތް ބައްލަވަލައްވާފައެވެ. އަދި ފުލުހުންގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑިފެންސް މިނިސްޓަރ ރައީސް ނަޝީދަށް ފަރުވާދެމުންދާ އޭޑީކޭއަށް ވަޑައިގަތުމުން އެތަނަށް އެއްވެ ތިބި ބައެއް މީހުން އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ އެންމެ ފުރަތަމަ ހަމަލާ ކުށްވެރިކޮށް އެންމެ ފުރަތަމަ ބަޔާނެއް ނެރުނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންނެވެ. އެ ބަޔާނުގައި އެހަމަލާ ކުށްވެރިކުރުމުގެ އިތުރަށް އެ ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ. އޭގެ އިތުރަށް ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ބޭފުޅުންނާއި ބޭރުގައުމުތަކުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ ކުށްވެރިކުރައްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ވަނީ ރޭގަނޑު ބާއްވާފައެވެ. އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ހަމަލާ އަމާޒުކޮށްފައި ވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ކަމަށެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދަށް ފަރުވާ ދެއްވުމަށްފަހު ހުކުރު ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލައްވާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް