އަބުރު ރައްކާތެރި ކުރުމުގެ ޙައްޤަށް ޙުރުމަތްތެރި ވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއް: ރައީސް ޞާލިޙު

Loading

Facebook
Twitter
WhatsApp

ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރި ކުރުމުގެ ޙައްޤަށް ޙުރުމަތްތެރި ވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުމެވެ.“ ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ޞާލިޙު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ. “ ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ.“

ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިކަމަކީ ހަމައެކަނި ކިޔުންތެރިން މުނިފޫހިފިލުވައިދިނުމުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫނެވެ.

”ނޫސްވެރިކަމަކީ އެއަށްވުރެ މާމަތިވެރި މަޤްޞަދެއްގެ މަތީގައި ބިނާވެފައި އޮންނަ ކަމެކެވެ. އެއީ، ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ކޯވިޑް-19ގެ ބަލިމަޑުކަން ފަދަ، ޤައުމީ އަދި ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކޮށްދިނުމެވެ.“ ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. “ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ފަދައިން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މިއީ ވަކިނުކުރެވޭ ވަރަށް ގުޅި ލާމެހިފައިވާ ދެ ޙައްޤެވެ. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެންނެވެ.“

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ފަދައިން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމަށް ވިޔަސް، ނޫސްވެރިން އެބައި މީހުންގެ ލިއުންތަކުގައި ހިމަނައި އާންމުންނާ ހަމައަށް ގެންނަން ބޭނުންވާ މައުލޫމާތު ސަރުކާރުގެ އިދާރާތަކުން ނުދީ ބައެއް ފަހަރަށް ހިފަހައްޓަމުންދެއެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަމަށް ބޮޑެތި ހުރސްތައް އެޅެމުންދެއެވެ. އަދި މުޒާހަރާތަކުގެ ތެދު މައުލޫމާތު ފަތުރަން މަސައްކަތް ކުރާ ނޫސްވެރިންނަށް ފުލުހުން ހުރަސް އެޅުމާއި އެކަން ހުއްޓުވުމަށް ފުލުހުން ބައެއް ފަހަރަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ނޫސްވެރިންނަށް ގެއްލުމާއި ބިރުވެރިކަން ތަހައްމަލު ކުރަން ޖެހެއެވެ.

ރައީސްގެ ޚިޠާބުގައި ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުންކަމުގައި ވިދާޅުވެފައިވެއެވެ.

”ހުރިހާ ދިވެހި ނޫސްވެރިންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެވެސް ޒިންމާދާރު ވުމަށެވެ. ހަމައެފަދައިން، މަޢުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ނޫސްވެރިކަމަކީވެސް ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ.“ ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ”މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި، ދިވެހި ނޫސްވެރިން ވެފައިވާ މަތިވެރި ޤުރުބާނީ އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހެއެވެ. ޑިމޮކްރެސީއަށް އަޑުއުފުލައި ޚިޔާލު ފާޅުކުރުމުގެ ތެރޭގައި، ތަފާތު އަނިޔާތަކާއި ޖަލު ޙުކުމްތައް ތަޙައްމަލުކުރި ނޫސްވެރިންނާއި، އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކުރި ނޫސްވެރިންގެ ހަނދާން އައުކުރަން ޖެހެއެވެ.“

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް