ހުކުރު ދުވަހު އިންޑިއާގެ ހަތަރު ލައްކަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން އިންތިހާއަށް ބޮޑުވެފައިވާ އިންޑިއާއިން ހުކުރު ދުވަހު އެކަނި ވެސް ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ.

މިއީ ކޮރޯނާ ވައިރަސް ފެތުރެންފެށިފަހުން އެއްދުވަހުގެ ތެރޭގައި އެއްވެސް ގައުމެއްގެ ބަޔަކަށް ހަތަރު ލައްކައަށްވުރެ ގިނައިން ބަލި ޖެހުނުކަމަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހުގެ ހިސާބުތައް ދައްކާގޮތުގައި އިންޑިއާގެ 4،01،993 މީހުންނަށް ވައިރަސް ޖެހިފައިވާއިރު، ހަމަ އެ ދުވަހު 3،523 މީހުން ބަލީގައި މަރުވެފައިވެއެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ.

ދުވާލަކު ތިން ހަތަރު ލައްކަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހުމުގެ އިތުރަށް ދުވާލެއްގެ މައްޗަށް އިންޑިއާއިން ދެލައްކަ ތިންލައްކަ މީހުން މަރުވަމުންދާތީ އިންޑިއާގެ އިތުރަށް މުޅިދުނިޔެ ވަނީ އެކަމާ ފިކުރު ބޮޑުވެ ބޮޑު ހިތާމައެއްގެ ތެރެއަށް ގެނބިފައެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުން އިންޑިއާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެމެރިކާއާއި ރަޝިޔާއާއި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ އެހީގެ ސާމާނު އިންޑިއާއަށް ލިބިފައިވާއިރު އަވަށްޓެރި ޕާކިސްތާނުން އެހީވާން ހުށަހެޅުމުން އިންޑިއާއިން އެކަމަށް ވަކި ޖަވާބެއްނުދީ އޮތީ ހިމޭނުންނެވެ.

ހުއްޓުމެއްނެތި މުޅި ގައުމަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާއިން މިހާރު ފަށާފައިވާ އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުންނަށް ބަލިން ދިފާއުވުމަށް ވެކްސިން ދިނުމެވެ. އުމުރުން 18-44 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން އާބާރަކާއެކު ވެކްސިން ދޭންފެށިއިރު، ގައުމުގެ ބައެއް ސަރަހައްދުތަކުން ވަނީ ވެކްސިން ހުސްވެފައެވެ. އެހެންވެ ވެކްސިން އުފެއްދުމަށާއި ވެކްސިން ބޭރު ގައުމުތަކުން ހޯދުމަށް އިންޑިއާއިން ދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ގައުމަށް ޖެހިފައިވާ ކޮރޯނާ ޠޫފާނުން ސަލާމަތްވާނެ ގޮތެއް ހޯދަން ކަމާ ބެހޭ މިނިސްޓަރުންނާ ހުކުރު ދުވަހު މަޝްވަރާ ކުރައްވާފައެވެ. އަނެއްކޮޅުން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑިއާގައި ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ފެތުރެމުން ދަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އިންޑިއާގެ ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ހާލަތަށް ބަލައި އެމެރިކާއާއި އޮސްޓްރޭލިއާއިން މިހާރު ވަނީ އިންޑިއާއާއި އެގައުމުތަކާ ދެމެދު ދަތުރުކުރުން މަނާކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް