މުޅި ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާ! ބޭނުމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް!

43

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތިދުވަހު މެންދުރުފަހުން ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު ޢަބްދުﷲ މާހިރު ކުޅުއްވީ ދިފާއީ ކުޅުއްވުމެކެވެ.

ވެކްސިން ހުސްނުވާ ވާހަކަ އެ ބައްދަލުވުމުގައި ޑރ. ޝާހު ވިދާޅުވިއެވެ. ކޮންމެހެން ވެކްސިން ގެނެސް ފިނިކުރި ތަނެއްގައި ގުދަންކޮށްފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ވާހަކަ ހާމަކުރެއްވިއެވެ. ވެކްސިން ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންނަށް ބޭއްވި ކުއްލި ބައްދަލުވުމަކީ އަންގާރަ ދުވަހާއި ބުދަ ދުވަހު ކޮވިޑް-19 އާ ގުޅޭ ގޮތުން ރާއްޖޭއިން ނުރައްކާތެރި އަދި ބިރުވެރި ޚަބަރުތަކެއް ލިބިފައި ވާތީ މައިތިރިއަކަށް ބޭއްވި ބައްދަލުވުމެކެވެ. ކަން އެހެން އޮތުމުން ހީވެފައި އޮތީ ވަރަށް މުހިންމު ވާހަކަތަކެއް ހެލްތު ދާއިރާގެ އިސް ބޭފުޅުން ހާމަކުރައްވާނޭ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އިއުލާން ކުރެވިގެންދާނޭ ކަމަށެވެ. އެކަމަކު އެ ބައްދަލުވުމުގައި އާ ވާހަކަތަކެއް ރައްކައުތެރިވުމުގެ އައު ފިޔަވަޅުތަކެއްގެ ވާހަކައެއް ނީވުނެވެ.

ފާއިތުވި ބުދަދުވަހު އެއްވެސް ޝައްކެއްނެތި ޔަގީންވި އެއްކަމަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން އެއްދުވަހުގެތެރޭގައި އެންމެ ގިނަ މީހުންނަށް އާދެ! 464 މީހުން ބައްޔަށް ފައްސިވެފައި ވާކަމެވެ. މިއީ ރާއްޖޭގެ ތާރީޚުގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވިކަން އެނގުނު ދުވަހެވެ. ގައުމު އެކަމަށް ސީރިޔަސްވީ ކިހައި މިންވަރަކަށް ހެއްޔެވެ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ފައްސިވީ 464 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 207 މީހުންނާއި ރަށްރަށުން ފައްސިވި 146 މީހުންނާއި ސިނާއީ ރަށްރަށުން 93 މީހުން ފައްސިވިކަން އެނގުނެވެ. އަދި ރިސޯޓުތަކުން 14 މީހުންނާއި ސަފާރީތަކުން ތިން މީހުން ވެސް ކޮވިޑް-19އަށް ފައްސިވިކަން ޔަގީންވިއެވެ. އެ ތަފާސް ހިސާބުތަކަށް ބަލާލުމުން ރާއްޖޭގެ ހުރިހާ ދިމާއެއްގައި ބަލި ފެތުރެމުން ދާކަން ޔަގީންވިއެވެ.

ހެޑް އޮފް އެޓޯލް ޕްރިޕެއާޑްނެސްގެ ހެޑް ޢަބްދުﷲ މަޢުރޫފް ވިދާޅުވީ ގިނަ އަދަދެއްގެ ކޭސްތައް ރަށްރަށުން ފެނި މޮނިޓަރިންގައި ވާއިރު ކޮވިޑްގެ ކޭސްތައް 100 އިން މަތި ހަ ރަށެއްގައި އެބަ އޮތް ކަމަށެވެ. އަދި މިހާރު ރަށްރަށުގައި ކޮވިޑްގެ އެކްޓިވް 1200 ކޭސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ބިރުވެރި އަދި ނުރައްކާތެރި ކަމުގެ ސިގުނަލެކެވެ. މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 29،000 ފަހަނަޅައިގެން ގޮސްފައެވެ. އަދި ކޮވިޑް ޖެހިގެން 73 މީހަކު ވަނީ މަރުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނީ މާލޭގެ ފްލޫ ޕޮޒިޓީވިޓީ ރޭޓް އަދި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި މާލޭގައި މިވަގުތު ކޮވިޑް19ގެ ބޮޑު އައުޓްބްރޭކެއް އޮތް ކަމަށެވެ. އެއީ ވެސް އާ ވާހަކައެއް ނޫނެވެ.

“މާލޭގައި ކުރީ ދެ ހަފްތާއަށް ބަލާއިރު ވެސް ފަހު ހަފްތާގައި ފްލޫ ޕޮޒިޓިވިޓީ ރޭޓް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރާފައި. އޭގެ މާނައަކީ މާލޭގައި ހަމަ ފުދޭވަރަކަށް ބޮޑު އައުޓްބްރޭކެއް އެބަ އުޅެޔޭ.” ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެކަމަކު ރައްކައުތެރިކަމުގެ އައު ފިޔަވަޅެއްގެ ވާހަކަ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ބަލި ޖެހޭ މީހުން އިތުރުވި ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައި ވުމުން، ބަލީގައި ހާލު ސީރިއަސްވާ މީހުން މަދުކަން ފާހަގަކުރެވޭ ކަމަށެވެ.

ސުއާލަކީ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވިޔަސް، ސީރިޔަސް ހާލަތަށް ގިނަ މީހުން ނުދާތީ އިތުރު ފިޔަވަޅެއް ނާޅައި ހިމޭނުން ތިބުން ހެއްޔެވެ؟

މާޗު މަހުން ފެށިގެން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ރޭޓު ވަނީ މަތިވާން ފަށާފައިކަމަށް ސިއްހީ ދާއިރާގެ ކަމާބެހޭ ބޭފުޅުންނަށް ވަނީ އެނގިވަޑައިގެންފައެވެ. އަދި 21 އޭޕްރީލް އިން 27 އޭޕްރީލް އަށް ފްލޫ ޕޮޒިޓިވިޓީ ރޭޓް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރައިގެން ގޮސްފައެވެ. އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބެއްނެތެވެ. ޑރ. ޝާހު ދިފާއަށް ކުޅުއްވަމުން ވެދާނެކަމަށް ލަފާކުރެވޭ ވާހަކައެއް ހާމަކުރެއްވިއެވެ. އެއީ ކޮވިޑް-19 ގެ ވެކްސިނަށް ނުގުޑާ ވޭރިއަންޓް ރާއްޖެ އަތުވެދާނެ ކަމަށް ބަލަން ޖެހޭ ވާހަކައެވެ.

އެފަދަ ކަމެއް ދިމާވެއްޖެނަމަ ދެން ހަދަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިހެއްޔެވެ؟ ނޫސް ވެރިންގެ ބައްދަލުވުމުގައި އެއާ ގުޅޭ ސަފުސީލަކަށް ވެސް ނުދެއެވެ.

ޑރ. ޝާހު ވިދާޅުވި ގޮތުގައި ބަލި ކޮންޓްރޯލްކުރަން އޮތީ ލޮކްޑައުން ކުރުން އެކަންޏެއް ނޫންކަމަށެވެ. ޑރ. ޝާހު އެހެން ވިދާޅުވި އިރު، ދުވާލެއްގެ މައްޗަށް 400 އަށް ވުރެ ގިނަ ދިވެހީން 24 ގަޑިއިރުގެތެރޭގައި ކޮވިޑް-19 އަށް ފައްސިވަމުންދާއިރު ދެން އަޅަން ޖެހޭ ހަރުދަނާ އައު ފިޔަވަޅެއްގެ ވާހަކަވެސް ޑރ. ޝާހު ވިދާޅެއް ނުވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ޑރ. ޝާހު ވިދާޅުވީ ލޮކްޑައުންކުރުން ނުވަތަ އެހެން ފިޔަވަޅުތައް އެޅުން މުހިންމު ވެއްޖެ ނަމަ ޕޮލިސީ ލެވަލްގައި އެކަން ކުރާނެ ކަމަށެވެ. ޑރ. ޝާހާއި ޑރ. ނަޒްލާ ވެސް ވިދާޅުވީ ލޮކްޑައުނަކުން ބަލި މަދުވާނެ ކަމަށާއި އެކަމަކު އެންމެން ގުޅިގެން މަސައްކަތް ނުކުރާ ނަމަ އަނެއްކާވެސް ކޭސްތައް ދާނީ މައްޗަށް ކަމަށެވެ.

ލޮކްޑައުން ކުރުމުން ދިމާވާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ޚާއްޞަކޮށް ސިއްހީ ދާއިރާ އަށް ކުރިމަތިވާ މައްސަލަތައް ބޮޑު ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލި މީހުން ގިނަވަމުންދާއިރު ފިޔަވަޅުތައް ވަރުގަދަ ނުކުރަނީ ކީއްވެތޯ ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. ޝާހު ވިދާޅުވީ މިހާރު ވެސް ފިޔަވަޅުތައް އަޅާފައި ހުރި ކަމަށާއި ފިޔަވަޅު އެޅުމަކީ ހަމައެކަނި ލޮކްޑައުން އަށް ދިއުން ނޫން ކަމަށެވެ. އަދި ބަލިން ރައްކާތެރިވާން ހުރި އެންމެ އަސާސީ ފިޔަވަޅުތަކަށް ތަބާވެ އެ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމަކީ ވަރަށް މުހިންމުކަމެކެވެ. ހަމައެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ތަބައަވޭތޯ ބަލަން ބަޔަކު ނިކުމެ ފާރަލައި ބަލައި ހަމައަކަށް އެޅުވުމަކީ ވެސް މުހިންމުކަމެކެވެ. ގަވައިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖަހައި ދައުލަތަށް ލާރި ނަގާފަދައިންނެވެ.

ވެކްސިނަކީ 100 ޕަސެންޓަށް ރައްކައުތެރިކަން ދޭ އެއްޗަކަށް ނުވިޔަސް ވެކްސިން ޖެހުމުން ހެއު އަސަރުތަކެއް ކުރަމުންދާކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

މާލޭގެ ހާލަތު މިހާރު އޮތް ގޮތުން، މީހުން ގިނައިން އެއްވެ ނޫޅުމަށް ސިއްހީ ދާއިރާގެ ބޭފުޅުން އެދިވަޑައިގަންނަވާއިރު ފާއިތުވި ދެމަހެއްހާ ދުވަހުގެތެރޭގައި ސިޔާސީ ބޭފުޅުންގެ އެއްވުންތައް ގިނަކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ. އެކަން ހުއްޓުވުމަށް ސިއްހީ ދާއިރާއަށް ކުރެވުނު ކަމެއް ނެތެވެ.

ފުރިހަމަ ފުރަބަންދަކަށް ނުދިޔަ ކަމަށްވިޔަސް ވަކި ގަޑިތަކެއްގައި ބޭރަށް ނިކުމެ އުޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދަމަހައްޓަން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެކެވެ. ކޮރޯނާ ވައިރަސް މައިތިރިކުރި ގައުމުތަކުން އެކަން ކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެންނެވެ. ގަވައިދާ ޚިލާފުވާ މީހުން ގަވައިދުގެ ގޮޅިއަށް ވައްދައި ހޭލުންތެރި ކުރުވައިގެންނެވެ. އެކަންތަކުގައި ފުލުހުންނާއި ސިފައިންނާއި ތަމްރީނު ކުރެވިފައިވާ ޒުވާނުންގެ އެހީތެރިކަން ހޯދިއެވެ. އަދި އެންމެ ފަހުން ލޮކްޑައުން ކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ތަކުރާރުކޮށް ލޮކްޑައުންވެސް ކުރަމުން ދިޔައެވެ.

ލޮކްޑައުން ކުރި ގައުމުތަކުގައި ރައްޔިތުން އެކަމާ ދެކޮޅަށް މަގުމައްޗަށް ނިކުމެ ތަކުރާރުކޮށް މުޒާހަރާ ކުރަމުން ދިޔައެވެ. އެކަމަކު މަގުމައްޗަށް ނިކުމެ ޒުވާނުން ނޭވާލައި އުފާ ފައުކޮށް ނާޗަރަންގީ ކުޅެންޖެހޭ ތަންތަން ނަހަދައި އެފަދަ ތަނެއް ހުރިނަމަ ބަންދުކޮށްގެން އެ ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރިއެވެ. އެންމެ ފުރަތަމަ ނުރައްކާ ބޮޑުވި ޗައިނާއިން ބަލި ކޮންޓްރޯލް ކުރީ އަނގަ ފަތުރައިގެނެއް ނޫނެވެ. ސުލޫކީ މިންގަނޑެއް ގާއިމުކޮށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

ކޮވިޑް-19ގެ ނުރައްކާ ބޯމަތިވެފައިވަނިކޮށް ކައުންސިލް އިންތިޚާބަށް އޮޑި ދޯނިފަހަރުގައި ނާޗަރަންގީ ކުޅުނު ގޮތުންނާއި ކެމްޕޭން ކުރި ގޮތުންނާއި މުޒާހަރާތައް ކުރަމުން ދިޔަ ގޮތުން އިންތިޚާބަށް ފަހު ބޮޑު ހިލުމެއް ހިލޭނޭ ކަމުގެ ޔަގީންކަން އޮތެވެ. މިހާރު މުޅި ރާއްޖެއިން ފެންނަމުން މިދާ ނުރައްކަލުގެ އަސްލު ސަބަބަކީ “އިންތިޚާބު” ކަމަށް ނުބެލޭނޭ ހެއްޔެވެ؟ އިންޑިއާގައި ކޮވިޑް- 19-ފެތުރުމުގައި އެލެކްޝަން ކޮމިޝަނުގެ ބޮޑު ދައުރެއް ވާކަމަށް ޗެންނާއީ ހައިކޯޓުން ވަނީ ބުނެފައެވެ.

ރާއްޖެ އޮތީ ކޮވިޑުގެ ނުރައްކާތެރި ހާލަތެއްގައެވެ. މި ހާލަތުގައި ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރަންވީ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނާ ގޮތަށް ސަރުކާރުގެ ޒިންމާތަކެއް ހުރިކަން ފާހަގަކޮށް އެކަންކަން ފުރިހަމަ ކުރުމަށް އަވަސްވެގަންނަން އެބަ ޖެހެއެވެ.

 

2 ހިޔާލުތައް

  1. ރައީސް އާއި މަޖިލިސް ގެ ރައީސްގެ ކޯޅުމާއި ހެދި ޝާހުމެންވެސް ކީއްތޯ ކުރާނީ. މިނިސްޓަރ ނަސީމުވެސް މަޖިލިސް ރައިސްގެ ރުޅިވެރިކަމާއި ހެދި އެ ހުންނަވަނީ ފިއްލަވައިގެންނެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ބާރުތައްނެތް ރިޔާސީނިޒާމެއް ކިހިނެއްތޯ ހިންގާނީ. ސޯލިޙު ރައީސް ވެސް ލިބިފައިވާ ބާރެއްވެސް މަޖިލިސްއަށް ދޫކުރަށްވައިގެން ހުންނަވަނީ. ދެން އެބާރުކޮޅުވެސް އަނބުރާ ނުނެގޭވަރަށް މިދިއައީ. 31 އާއި 37 ވީމަ ވޯޓުން ވާނެގޮތްވެސް ޔަގީނެއްނޫނެވެ.
    ބޮޑުވަޒީރުކަން ދޭން ރައީސް ސޯލިހު ނުރުހެންޏާ ދެން ރައީސް ސޯލިޙުގެ ނޯ ކޮންފިޑެންސް ނަގަންވެސް އޭނަ ބަލާނެއެވެ. އަސްލުވެއް އެ ބުނަނީ ތެދެކެވެ. ދެން އެމްޑީޕީ އަކަށް ވޯޓަކަށްގޮސްގެން ވެރިކަމެއް ނުލިބޭނެއެވެ. ވީމާ އިތުރަށް ވެރިކަމުގައި ތިބެވޭނީ ވޯޓަކަށް ނުގޮސް ކަރަޕްޓް މަޖިލިސް ބޭނުންކޮށްގެން ބޮޑުވަޒީރަކަށް ވެވުނިއްޔާއެވެ. ދެންބަލަމާ ހިނގާ ވާގޮތް.

  2. ބަޔަކު މުއްސަނދިވާން ޖުޅޭޑުރާމާތަކެއް. ގޮތް ހުސްވެއްޖެ ނަމަ ރައްޔުތުން ހިމާޔަތްކޮއް ރައްކާތެރި ކޮއްްދުނުމަށްޓަކައި މިލިޓަރީއާއި ހަވާލު ކުރަންވީނު ލަސް ނުކޮއް! އިސްތިއުފާ ދީފައި ލޮކްޑައުންވެގެން ތިބެންވީނު؟ ނުވިެއްނު!، އަހަރަކައްވުރެ ގިނަދުވަސްވެއްޖެ. ގެރި ގޮރު މަޅީގައި ޖެހިގެންއުޅޭތާ!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ