އިބާރާތެއްގެ މާނަ: 'ކްރޮކޮޑައިލް ޓިއާރސް' ނުވަތަ 'ކިނބޫގެ ކަރުނައެޅުން'

Loading

Facebook
Twitter
WhatsApp
news

’ކްރޮކޮޑައިލް‘ ނުވަތަ ކިނބުލަކީ، އާންމު ގޮތެއްގައި، ކޯރު ކޯރުގައި އުޅޭ ’ފިރުކޭ ޖަނަވަރުންގެ‘ އާއިލާގެ ބިޔަ ބޮޑު ނުރައްކާތެރި ޖަނަވާރެކެވެ. ބޮޑުވެފައިވާ ކިނބުލެއްގެ ދިގުމިނުގައި، ގާތްގަނޑަކަށް 12އާއި 20 ފޫޓު ހުރެއެވެ. ބޮޑޭ ބުނެވެނީ މިހެންވީމައެވެ. ކިނބުލަކީ އިންސާނުންނާ ހަމަލާދީ އިންސާނުން އޭގެ ޝިކާރައަކަށް ހަދާލާ އެއްޗަކަށްވާތީ ކިނބޫ ނުރައްކާވަނީއެވެ

އެންމެންހެން، ދަންނަފަދައިން، އިނގިރޭސި ބަހުގައި، މުހާވިރާ ބަހެއްގެ ގޮތުގައި ’ކްރޮކޮޑައިލް ޓިއާރސް‘ ނުވަތަ ’ކިނބޫގެ ކަރުނަ‘ މި އިބާރާތް ބޭނުންކުރެވެއެވެ. ފުރަތަމަ ސުއާލަކީ މިއީ ހަގީގަތެއް ހެއްޔެވެ؟ ކިނބޫ ހަމަ ކަރުނަ އަޅާ ހެއްޔެވެ؟

މީގެ ޖަވާބުގައި ރުޖޫއަވާން ޖެހެނީ ކިނބޫއާ ބެހޭ ދިރާސާތުތައް ހައްދަވާ އިލްމުވެރިންގެ ބަހަށެވެ. އެފަދަ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ހަގީގަތުގައި ވެސް، ކިނބޫ ކަރުނައަޅައެވެ. ނަމަވެސް ކިނބޫގެ ކަރުނައެޅުން ގުޅެނީ އޭގެ ހިތުގައި ހިނގާ ޖަޒުބާތުތަކާ ނޫނެވެ. ނަމަވެސް، ކިނބޫ ކަރުނައަޅަނީ، އޭގެ ލޯ ހިކުނަ ނުދީ، ލޮނދިކޮށް ބެހެއްޓުމުގެ ބޭނުމުގައެވެ. ލޮލުގެ ވަޒީފާ އެއަށް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވި ދިޔުމަށްޓަކައެވެ.

ދެވަނަ ސުވާލަކީ ’ކްރޮކޮޑައިލް ޓިއާރސް‘ ނުވަތަ ކިނބޫގެ ކަރުނަ، މި އިބާރާތުން އިޝާރަތް ކުރާ މާނައަކީ ކޮބައި ހެއްޔެވެ؟ މީގެ މާނަ ވިސްނައިގަތުމަށް އެންމެ ފުރަތަމަ ބަލާލަން ޖެހެނީ ކަރުނައިން އިޝާރަތްކުރާ މާނައަށެވެ. ލޮލުން ކަރުނަ ފޭދުމުން، އަދި އެކަރުނަ ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފޭބުމުން އިޝާރަތްކުރަނީ ހިތުގައި ހިނގާ ޖަޒުބާތުތަކަށެވެ. އަމިއްލަ ދެރަވުމާއި، ހިތާމައިގެ ޖަޒުބާތެވެ. އަނެކުންގެ ދެރަވުމާއި ހިތާމަ ވިސްނި ފަހުމުވުމުގެ ޖަޒުބާތެވެ. މިއީ ’އެމްޕަތީ‘ ނުވަތަ ހަމްދަރުދީވުމެވެ. އަނެކުންގެ ދެރަވުމާއި ހިތާމަކުރުމުގައި ބައިވެރިވެވުމުން ވެސް ލޮލުން ކަރުނަ ފާއްދާލައެވެ. މިއަށް ސިމްޕަތީ ނުވަތަ ހަމްދަރުދީކުރުމޭ ކިޔިދާނެއެވެ. އަދި، މީގެ އިތުރުން ހިތަށް ހަމަޖެހުން ލިބި އިންތިހާއަށް އުފާވުމުގެ ސަބަބުންވެސް، ހިތުގައި އުފެދޭ ޖަޒުބާތުތައް ނުހިފެހެއްޓި، ލޮލުން ކަރުނައިގެ ސިފައިގައި އެއުފާވެރިކަން ފައުޅެވެދެއެވެ. އާންމު ގޮތެއްގައި، ކަރުނައެޅުން ގުޅެނީ ހިތާމަވެރި ކަމަކާކަމުން، އެހެން މީހަކަށް މިފަދަ ހިތާމަވެރި ހާލަތެއް ދިމާވުމުން، އެއްވެސް އިޚުލާސްތެރިކަމެއް ނެތި، މީހަކު، ކަރުނައަޅައި، ހިތާމަވެރިކަން ބަރުދާސްތު ކުރަމުންދާ މީހާއާ ބައިވެރިވާކަން ދެއްކުމުގެ ގޮތުން ކަރުނައަޅާ ނަމަ، އެފަދަ އިޚުލާސްތެރިކަމެއް ނެތް ކަރުނައަކީ ކިނބޫގެ ކަރުނަކަމުގައި ބުނެ އުޅެއެވެ.

ތިންވަނަ ސުވާލަކީ  ’ކްރޮކޮޑައިލް ޓިއާރސް‘ ނުވަތަ ’ކިނބޫގެ ކަރުނަ’، އާދެ، އެކަރުނައިގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް، ހަމްދަރުވުން، ނުވަތަ ހަމްދަރުދުކުރުން، ނެތް، ކަރުނަ، މި އިބާރަތުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ މި މައްސަލައާ ބެހޭ ބަސްފޮތްތައް ބުނާ ގޮތުގައި މި އިބާރާތުގެ އަސްލު ގުޅެނީ ޚުރާފީ ވާހަކައަކާއެވެ. ބައެއް ކަހަލަ ހަރުފާއާއި ކިނބޫ، އޭގެ ޝިކާރަ އަތުޖެހި މަރާލުމަށް ފަހު، އެ ޝިކާރަ ކަމުންދާ އިރު، ކަރުނައަޅާކަމުގެ ވާހަކައަކާއެވެ. ޝައްކެއް ނެތް ގޮތުގައި އެއްޗެއް މަރާލާފައި، އެކަމުންދާއިރު، އަޅާ ކަރުނައަކީ، އެއެއްޗެއް މަރުވެގެން އެކަމުގެ ހިތާމައިގައި އަޅާ ކަރުނައަކަށް ނުވާނެއެވެ!

ދެން އޮތް ސުއާލަކީ އެންމެ ފަހުގެ ސުވާލެވެ. މިއަދު ކޮންމެހެން، ކިނބޫގެ ކަރުނައިގެ ވާހަކަ ތި ދައްކަނީ ކީއްވެގެން ހެއްޔެވެ؟ މިސުއާލުގެ ޖަވާބުގައި ބުނަން ޖެހެނީ، މިވޭތުވެދިޔަ ދެދުވަހެއްގެ ޚަބަރުތައް ބަލާއިރު، ފަލަ އެއް ސުރުޚީއަކީ، ދިމާވި ހާދިސާއަކާ ގުޅިގެން، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް، ގާތް ބޭފުޅުން މުޚާތަބުކުރައްވާ ނަން ބޭނުންކުރާ ނަމަ، އިބޫ ސޯލިހުގެ ކީރިތި ކުރައްވައި ކަރުނައެޅުއްވި ވާހަކައެވެ. އަދި، މިކަމާ ގުޅޭ ޚަބަރުތައް ކިޔައި، ބައެއް މީހުން، ރައީސް އިބޫ ސޯލިހުގެ ކަރުނައި މާނައާ ބެހޭ ގޮތުން ވާހަކަދައްކާފައިވާތީއެވެ. މިޚަބަރާއި ގުޅުވައިގެން މީހުންކޮށްފައިވާ އެއް ސުއާލަކީ ރައީސް އިބޫ ސޯލިހުގެ ކަރުނައަކީ ހަމްދަރުދީވުމުގެ ނުވަތަ ކުރުމުގެ ކަރުނަ ހެއްޔެވެ؟ ނުވަތަ އިބޫގެ ކަރުނައަކީ ކިނބޫ ކަރުނަ ހެއްޔެވެ؟ ކިނބޫ ކަރުނަ ވާހަކަ ދައްކާލާ ހިތްވީ މީހުން ކުރަމުން ގެންދިޔަ މިސުއާލާ ވިދިގެންނެވެ. މީހުން މިކުރާ ސުއާލުގެ ޖަވާބެއްލިބޭތޯ ބަލާލަމާ ހެއްޔެވެ؟

އެންމެ ފުރަތަމަ، ރައީސް އިބޫ ސޯލިހުގެ ކަރުނައެޅުއްވުން ގުޅޭ ހާދިސާއަށް ބަލާލަމާތޯއެވެ. އެކަން ގުޅެނީ ސަރުކާރުގެ ވަޒީރެއްގެ އަމަލުތަކާއެވެ. އޭނާގެ ވުޒާރައިގައި މަސައްކަތްކުރައްވާ އަންހެން މުވައްޒަފުންތަކަކަށް ’ޖިންސީ ގޯނާކުރުމުގެ‘ ތުހުމަތާއެވެ. އަދި، މިކަން، މި އަނިޔާތައް ލިބުނު މުވައްޒަފުން، ސީދާ ރައީސް އިބޫ ސޯލިހު އަރިހުގައި ދެންނެވުމާއެވެ. ދެން، އިބޫ ސޯލިހު، ހިތާމަކުރައްވައި، އެ މުއްވައްޒަފުންނަށް ހަމްދަރުދީވެ، އަދި ހަމްދަރްދީކޮށް، ކަރުނައެޅުއްވިއެވެ. މީގެ އިތުރުން، އެވަޒީރާ މެދު، ފިޔަވަޅު އަޅުއްވައި، ވަޒީފާއިން ވަކިކުރެއްވިއެވެ.

މި ފިޔަވަޅަކީ، އެންމެންހެން ދުށްގޮތުގައި، ރަނގަޅު ފިޔަވަޅެކެވެ. އެ ވަޒީރުކުރެއްވިކަމަށް ތުހުމަތުކުރެވޭ ކަމަކީ ވަޒީރުކަމުން ވަކިކުރަން ޖެހޭނޭ ފަދަ އަމަލެކެވެ. މިތުހުމަތު ހަގީގަތަކަށްވުން ގާތްވުމުގެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެތައް މުވައްޒަފުންނެއް މިވާހަކަ ރިޕޯޓުކުރުމެވެ. ހަދީސްގެ މުސްތަލަހުގައި ’ތަވާތުރު‘ ރިޕޯޓެކެވެ. އެތައް ބަޔަކު އެކައްޗެއް ކިޔައި ކުރި ރިޕޯޓެކެވެ. އެއެންމެން، މިފަ ވާހަކައެއް ހަދައި ދޮގު ރިޕޯޓެއްކުރުމަކީ ވަރަށް ވެސް ދުރު ކަމަކަށްވާތީއެވެ. މީގެ އިތުރުން، ޚުދް ވަޒީރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމާ ސީދާ އިންކާރު ނުކުރެއްވުން ވެސް، އެ ރިޕޯޓު ތެދުކަމުގައިވުމާ ގާތެވެ. އެ ރިޕޯޓާ ބެހޭ ގޮތުން ވަޒީރު ވިދާޅުވިހާ ވެސް ބަސްފުޅަކީ ’ފަހުން ހަގީގަތް ހާމަވާނޭކަމެވެ.‘

ކޮންމެ އަކަސް، ވަޒީރު ވަކިކުރުމަކުން، އަދި ވަޒީރުގެ މައްސަލަ، ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުކުރެވެން ފެށުމަކުން، މީސްތަކުންގެ ދޫ ތެޅުވުމާއި ވާހަކަތައް ހުއްޓުމަކަށް ނާދެއެވެ. ޖިންސީ ގޯނާގެ އެހެން މައްސަލަތަކުގެ ވާހަކަތައް މީސްތަކުން  ވަރަށް ބާރަށް ދައްކަން ފެށިއެވެ. އޭގެ ތެރޭގައި، ދާދި ފަހުން، ފުލުހުންގެ އޮފީހަށް ހުށަހެޅުނު އެކަހަލަ މައްސަލެއްގެ ވާހަކަ ނެގުނެވެ. އާދެ، ކެންޏާގެ އަންހެން ކަނބަލަކަށް، ސަފާރީއެއްގައި، ’ސިޔާސީ ގޮތުން ބާރުގަދަ‘ ދެބޭކަލަކު ޖިންސީ ގޯނާކުރި މައްސަލައެވެ. އެންމެ ފުރަތަމަ އިވުނު، ރިޕޯޓުތައް ބުނި ގޮތުގައި ކުށުގެ ތުހުމަތު ބާރު ގަދަ އެ ދެ ބޭކަލެއްގެ އިސްތަށިފުޅުގައި އެޅޭ ދެބޭކަލުން ހިފުނީ ’ކުށުގެ ވެށިންނެވެ‘. އަދި، ވަރަށް އަވަސްކޮށް މި މައްސަލަ ތަހުގީގުކުރަން ފެށުނުކަމުގެ ޚަބަރުވެސް އިވުނެވެ. އެހެން ކަމުގައި ވިޔަސް، ޚަބަރުތައް ބުނާ ގޮތުން، ’މަތިން‘ އައި ފޯނު ކޯލެއްގެ ބަރަކާތުން، އެ މައްސަލައިގެ ތަހުގީގު ހުއްޓުނީއެވެ. އަދި، އެ ބުނާ އަންހެން ބޭކަލެއް ޣަރަގުވުމުން ސަލާމަތްކުރެއްވީ ކަމަށްވެ، ’ބާރުގަދަ‘ އެ ދެބޭކަލުން ޝަރަފާއި ގަދަރު ދިނުން ހައްގުވާ ބަތަލުންނަށް ވެސް ވީއެވެ. އަދި މީގެ އިތުރުން، މިހާދިސާއާ ގުޅޭ ޚަބަރުތައް ގެނައި ނޫސްތަކާއި އެ ޚަބަރުތައް ލިޔުނު މީހުން ކުށަކަށް ހުށަހެޅިގެން ދިޔައީއެވެ. ޚަބަރުތައް ބުނާ ގޮތުން، މި ބާރުގަދަ އެއް ބޭކަލަކީ އިއްޒަތްތެރި ރައީސް އިބޫ ސޯލިހާ ލޭގެ ގޮތުން ގުޅޭ ބޭކަލެކެވެ. އަނެއް ބޭކަލަކީ އަދި އެއަށް ވުރެވެސް އިއްޒަތްތެރި މަޖުލީހު މެމްބަރަކާ ކައިވެނީގެ ގޮތުން ގުޅިފައިވާ ބޭކަލެކެވެ. މި ދެއިއްޒަތްތެރިކަން އެއްވުމުގެ ނަތީޖާއަކަށްވީ، ނޫސްތަކުގައި މި ދެބޭކަލުންނަށް ’ރޯޔަލްޓީގެ‘ އާދެ، ’ރަސްމަތިފުށުގެ‘ ލަގަބުދެވުމެވެ. ނޫސްތައް ބުނާ ގޮތުން، އެ ދެބޭކަލުން ވެސް ’ރަސްމަތިފުށުގެ‘ އާއިލާއާ ގުޅުމުން، ކުށް، ކުށަށް ނުވީއެވެ. މުޖުރިމުން ޖަރާމާއިން ބަރީއަވެ، ބަތަލުންނަށްވީއެވެ!

މިމަގާމުގައި، މިކަމާ ސީދާ ގުޅުމެއް ނެތް ވާހަކައަކަށް ވިޔަސް، ހަނދާނަށް އަންނަ، މިފަދަ އެހެން ކަމެއްގެ ވާހަކަ ލިޔެލާ ހިތްވެއެވެ. އެފް. ޕީ. އައި. ޑީގެ ބޮޑު ޚިޔާނުގެ މައްސަލައިގައި ބޭކަލަކު މާލެ ކައިރީ ރަށެއްގައި ހައްޔަރުކުރެވުނެވެ. މި ބަންދުގައި މިމީހަކު ހުއްޓައި، ގާނޫނާ ޚިލާފަށް، މިމައްސަލައިގައި ތުހުމަތުކުރެވޭ ’ބާރުގަދަ ބޮޑު ބޭކަލަކު‘ އޭނާއަށް ފޯނުކުރައްވަމުން ގެންދެވިއެވެ. އަދި، އެހެން މީހަކަށް ’އޮޅުމަކުން’، މިފޯނުކުރުމުގައި ދެކެވުނު ވާހަކަތައް އިވި އެވާހަކަތައް ރެކޯޑުކުރެވުނެވެ. އަދި، މި މައްސަލައިގައި، ވާހަކަތައް ރެކޯޑުކުރި މާހާއާއި، ރެކޯޑުކުރެވިފައިވާ މިވާހަކަތައް އަޑުއެހި މީހުންވެސް ކުށްވެރިވިއެވެ. އެ މީސްމީހުންނަށް ހަމަހުގެ ޖަލު ހުކުމެއް އައެވެ. ގާނޫނާ ޚިލާފަށް، ފޯނުގެ ޒަރިއްޔާއިން، ތަހުގީގުކުރެވެމުން ދިޔަ މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހުން ކުށްވެރިއެއް ނުވެއެވެ! އާދެ، ކުށްކުރާ މީހުން، ’ރަސްމަތިފުށުގެ‘ އާއިލާއާ ގުޅުން ހުރުމުގެ ބަރަކާތެވެ، ލާބައާއި މަންފާއެވެ!

މައުލޫއަށް އެނބުރި ދަމާ ހެއްޔެވެ؟ ކޮންމެ އަކަސް، އެނގި ސާބިތުވާ ކަމަކީ ކެންޏާގެ އަންހެން ކަނބަލުގެ ވާހަކަ އައްސަވާފައި ރައީސް ކީރިތި ނުކުރައްވާކަމެވެ. މީގެ އިތުރުން ވެސް މިކަހަލަ އެހެން މައްސަލައެއްގެ ވާހަކަ، މީސްތަކުން ދެއްކިއެވެ. ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ ފަރާތުން، ކުރީގެ މިނިސްޓަރެއްގެ ދަރިކަނބަލަކަށް ޖިންސީ ގޯނާ ލިބުނު މައްސަލައެވެ. އެމައްސަލަ ރައީސް އޮފީހަށާއި، ފުލުހުންގެ އިދާރާއަށް ވެސް، އެކަމުގެ އަނިޔާ ލިބިވަޑައިގެންނެވި އަންހެން ބޭފުޅާ ހުށަހެޅުއްވި ކަމަށް ބުނެފައި އޮތް ޓުވީޓެއް ވެސް ޚަބަރުތަކާއެކު ދައުރުވަމުން ދިޔައެވެ. އަދި ހަމަ އެހެންމެ، ތުންތުން މަތިން، ވަރަށް މުއުތަބަރު ގޮތެއްގައި، ޚަބަރު ލިބެނީ ޚުދް މިނަންގަތް އިހުގެ މިނިސްޓަރު ވެސް، ސީދާ ރައީސްއާ ގުޅުއްވައި އޭނާގެ ދަރިކަނބަލުންނާ ދިމާވި އަނިޔާވެރި ހާދިސާގެ ވާހަކަ ރިޕޯޓުކުރެއްވިއެވެ. ނަމަވެސް، މިކަމާ މެދު، ރައީސް ކަރުނަ އެޅުއްވިކަމަކަށް ނުވެއެވެ. މިހެން ބުނަން ޖެހެނީ، ޚަބަރުތައް ބުނާ ގޮތުން، މި މައްސަލަ، މިއަހަރުގެ ފެބްރުއަރީ މަހު، ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިފައި ވިޔަސް، މިކަމާ ބެހޭ އެއްވެސް ތަހުގީގެއް ކުރެވިފައި ނުވާ ކަމުންނެވެ.

ކޮންމެއަކަސް، އެއްކަހަލަ ކަމެއް ކުރިމަތިވުމުން، އެކި ފަހަރު އެކި ގޮތަށް ކަންތައް ކުރެވުމުން، އެ ކުރެވޭ ކަމުގެ މާނަކުރުން ތަފާތު ވެދެއެވެ. ޖިންސީ ގޯނާއެއްގެ އެއް ހާދިސާ އަޑުއަހައި ދެރަވެ، މީހަކު ކަރުނަ އަޅައި، އެކަމާ މެދު ފިޔަވަޅު އަޅާފައި، ހަމަ އެފަދަ އެހެން ހާދިސާތަކުގެ ވާހަކަ އަޑު އަހާފައި ހަމަ އެމީހަކު އެކަމާ އަޅާ ނުލާކަމަށް ވަންޏާ، އެކަރުނައަކީ ހަމްދަރުދީގެ ކަރުނަތޯ ނޫންތޯ ސުއާލު އުފެދެއެވެ. އެހެންވެ، ރައީސް އިބޫ ސޯލިހު، ވަކި ވުޒާރާއެއްގެ ވަޒީރުގެ ޖިންސީ ގޯނާ ލިބުނުކަމަށް ބެލެވޭ މުވައްޒިފުންގެ ވާހަކަ އަޑުއައްސަވައި ކަރުނައަޅުއްވާފައި، ކެންޔާގެ އަންހެން ކަނބުލޭގެއަށާއި ކުރީގެ މިނިސްޓަރުގެ ދަރިކަނބަލުނަށް ލިބުނު ޖިންސީ ގޯނާގެ ވާހަކަ އަޑުއައްސަވައި ކަރުނަ ނޭޅުއްވުން، ކުރީގެ ކަރުނަ އެޅުއްވުން އެއީ ރައީސް އިބޫ ސޯލިހުގެ ކިނބޫ ކަރުނަ ކަމަށް ބައެއް މީހުން ދެކެއެވެ. މިފަދައިން ދެކޭ މީހުން ބުނާ ގޮތުގައި ކޮވިޑް 19ގެ ހިތާމައިގައި ވެސް އިބޫ ސޯލިހު ކަރުނައެޅުއްވިއެވެ. ނަމަވެސް، ދެން ފެނުނީ، ގަވާއިދުތަކާ ޚިލާފަށް، ރައްޓެހިންގެ ބަޔަކާއެކު މޫދުގައި، ބުއިންތައް ބައްލަވަމުން، ހިނިފުޅުވަޑުވައި އުފާފާޅުކުރައްވާ ތަނެވެ. މިބުނިފަދަ މީހުންގެ ނަޒަރުގައި، މިއީ ވެސް، ރައީސް އިބޫ ސޯލިހުގެ ކިނބޫ ކަރުނައިގެ މިސާލެކެވެ.

ނިންމާލަމުން އަޅުގަނޑަށް ބުނެވޭނީ، ރައީސް އިބޫ ސޯލިހުގެ ކޮވިޑް މައްސަލައާ ބެހޭ ކަރުނަ، ކިނބޫ ކަރުނައަށް ވެދާނޭކަމެވެ. ނަމަވެސް، ވުޒާރައެއްގެ މުވައްޒިފުންގެ ޖިންސީ ގޯނާގެ ވާހަކަ އައްސަވާފައި ރައީސް އިބޫ އެޅުއްވި ކަރުނައަކީ ކިނބޫ ކަރުނައަށް ވުން ވަރަށް ވެސް ދުރުކަމެވެ. ބޮޑަށް ލަފާކުރެވެނީ، އެކަރުނަ ގުޅެނީ، ރައީސް ހިއްޕުޅުގައި އުފެދުނު ހަގީގީ ޖަޒުބާތުތަކަކާ ކަމެވެ. ނަމަވެސް، މަތީގައި ނަންގަނެވުނު މިބާވަތުގެ އެހެން ހާދިސާތަކާ ވިދިގެން ކަންތައް ކުރެއްވި ގޮތުގެ އަލީގައި ބުނަން ޖެހެނީ، މިކަރުނަތައް ގުޅެނީ ހިތާމައިގެ ޖަޒުބާތުތަކާ ނޫންކަމެވެ. އެހެންވި ނަމަ، މިފަދަ އެހެން ހާދިސާތަކުގެ އަޑުއައްސަވާފައި ވެސް ކަރުނަ އެޅުއްވީހެވެ. އެހެން ނޫނަސް، އިހުގައި އޮތް ކުޑަކާފައި ބޮޑުކާފުގެ ހަގީގީނޫން ޑިމޮކުރަސީގައި ވެސް، އަދި މިހާރު މިއޮތް ވޯޓު ގަނެ ވިއްކާ ޕާޓީތަކުގެ ހަގީގީ ޑިމޮކުރަސީގައި ވެސް، އަދުލު އިންސާފުގެ ނިޒާމަކީ ލޯ ހުޅުވިފައި އޮތް ނިޒާމެކެވެ. ލޯމަރައިފައި، މޫނަށް ބެލުމެއް ނެތި، އެންމެންގެ މައްޗަށް، ހިންގާލެވޭ ނިޒާމެއް ނޫނެވެ. ކުށްވެރިވާން ޖެހޭ މީހުންނާއި ކުށްވެރިވާން ނުޖެހޭ މީހުން އެ ނިޒާމުގެ ލޮލަށް ވަރަށް ރީތިކޮށް ފެނެއެވެ! އެހެންކަމަށްވާ އިރު، ޖަރީމާއެއް ހިންގައިގެން، މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއް ލިބިގެން ހިތާމައިގެ ކަރުނައަޅަން ޖެހެންވީ ކީއްވެ ހެއްޔެވެ؟

 

މިހުރިހާ ސަބަބައްޓަކައި ބުނެވެން އަންނަނީ، ވުޒާރާގެ އަންހެން މުވައްޒިފުންނަށް ޖިންސީ ގޯނާ ކުރި ވާހަކަތައް އަޑުއަހައި، ރައީސް އިބޫ ސާލިހުގެ ލޯފުޅުން ފާއްދާލި ކަރުނަފޮދަކީ ހިތާމައިގެ ކަރުނަފޮދެއް ނޫންކަމެވެ. އެއީ އެމަނިކުފާނުގެ ހިއްޕުޅަށް ވެރިވި އުފަލުގެ ޖަޒުބާތުތަކަކާ ގުޅޭ ކަރުނަފޮދެއްކަމެވެ. މިބުނީ، ފަހަރެއްގައި ވެސް، ބަޔަކަށް ޖިންސީ ގޯނާ ލިބިގެން އެކަމާ، ރައީސް އުފާފުޅުކުރެއްވި ވާހަކައެއް ނޫނެވެ. ނަމަވެސް، އެ ހިތާމަވެރި ހާދިސާވީ އެހެން އުފާވެރިކަމެއް މެދުވެރި ކުރުވި ސަބަބަކަށެވެ. އެ ހާދިސާވީ، ބޭރުކޮށްލައްވަން ބޭނުންފުޅުވެވަޑައިގެން ހުންނެވި، ވަޒީރަކު ބޭރުކޮށްލުމަށް، ވަރަށް ވެސް ރަނގަޅު، ހަގީގީ ސަބަބެއް މެދުވެރި ކުރުވި ހާދިސާއަކަށެވެ. އާދެ، ޓުއަރިޒަމް މިނިސްޓުރީގެ މުއައްޒަފުންގެ ވާހަކަ އައްސަވާފައި ރައީސް އިބޫ ސޯލިހު އެޅުއްވި ކަރުނައަކީ ކިނބޫ ކަރުނައެއް ނޫނެވެ. އެއީ އެމަނިކުފާނުގެ ހިއްޕުޅުގައި އުފެދުނު އުފަލުގެ ޖަޒުބާތުތަކެއްގެ އަސަރެވެ. ވަކިކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ހުންނެވި، މިނިސްޓަރެއް ވަކިކުރެއްވުމަށް ރަނގަޅު ސަބަބެއް މެދުވެރިވުމުން، ހިތުގައި އުފެދުނު އުފާވެރިކަމުގެ ޖަޒުބާތުތައް، އުތުރިއަރައި، ލޯފުޅުން، އަގު ބޮޑު މުތީތަކެއްގެ ސިފައިގައި ބޭރުވި ކަރުނަތިކިތަކެކެވެ. ބައެއް ކަހަލަ ކަންތައް ދިމާވުމުން، ކިނބޫ ކަރުން އަޅަން ޖެހޭ ފަހަރުވެސް އާދެއެވެ. އަދި ބައެއް ކަހަލަ ވާހަކަތައް އަޑުއަހައި އުފާވެރި ކަމުގެ ކަރުނަ އަޅަން ވެސް ޖެހެއެވެ. މިފަހަރު އެޅުނީ ފަހުން މިނަންގަތް ކަހަލަ އުފާވެރިކަމުގެ ކަރުނައެވެ. ޕާޓީން ބޭރު ވަޒީރަކު ބޭރުކޮށް، ކޯލިޝަންގެ ކުލަތައް، މަދުކޮށް، އެއްކުލަވުމާ ގާތަށް ދިޔުމަށް، އިތުރު ފިޔަވަޅެއް އެޅޭނޭ ގޮތް ދިމާވީމައެވެ. އާދެ، ހުރިހާ ބާރެއް އެކެއްގެ އަތް މައްޗަށް އައިސް، ޕާޓީގެ ހަގީގީ ޑިމޮކުރަސީގައި ހަގީގީ ޑިމޮކުރަސީގެ ކުލަޖެހުމުގެ ހެޔޮ ނަސީބު މިންވަރުކުރެވިގެން ދިޔައީއެވެ.  އެހެންވެ، މިއީ ހަމަ ކަށަވަރުން ވެސް، ރައީސް އުފާފުޅުކުރައްވައި ކީރިތިކުރައްވައި، އުފަލުގެ ކަރުނަ އަޅަން ޖެހޭ މުނާސިބަތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް