މޫނުބުރުގާ އެޅުމާއި މުޅި މޫނު ނިވައިވާ ފަދަ ހެދުން އާންމުން އެއްވެ އުޅޭ ތަންތަނުގަޔާއި މަގު ތަކުގައި އެޅުން މަނާކުރުމަށް ބިލެއް ސްރީލަންކާގެ ކެބިނެޓުން ފާސްކޮށްފިއެވެ. މި ބިލް ހުށަހަޅާފައި ވަނީ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރާތު ވީރާ ސެކެރާއެވެ.
މިދިޔަ އަންގާރަ ދުވަހު ސްރީލަންކާގެ ކެބިނެޓުން ވަނީ މި ބިލް ފާސްކޮށްފައެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން މި ބިލް ތަންފީޒު ކުރުމަށް ހުއްދަ ދިނުމުން އެ ގައުމުގައި މި ގާނޫނު ތަންފީޒު ކުރެވިގެން ދާނެއެވެ.
ނަމަވެސް ޔުނައިޓެޑް ނޭޝަންސްއިން ވަނީ މި ބިލް ތަންފީޒު ނުކުރުމަށް ގޮވާލާފައެވެ. އެހެނީ މި ގާނޫނަކީ ބައިނަލްއަގުވާމީ ދީނީ މިނިވަންކަމުގެ ހައްގުތަކާ ބެހޭ ގާނޫނާ ޚިލާފު ގާނޫނެކެވެ.