އެންމެ ދުވަހެއްގެ ތެރޭގައި އިންޑިއާގެ ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

58

އެންމެ ދުވަހެއްގެ ތެރޭގައި ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސްޖެހި އެ ބަލީގައި ދެ ހާހަށްވުރެ ގިނަ މީހުން ބުދަދުވަހު މަރުވީ ޚަބަރު ލިބުމުން ހާސްވެ ކަންބޮޑުވީ ހަމައެކަނި އިންޑިއާގެ 1.4 ބިލިއަން މީހުންނެއް ނޫނެވެ. މުޅިދުނިޔެއަށް ވެސް ވަރަށް ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަމެއް ފެތުރިގެންދިޔައެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ދުނިޔޭގެ އެއްވެސް ގައުމެއްގެ ބަޔަކަށް އެއްދުވަހުގެ ތެރޭގައި މިހާގިނަ އަދަދަކަށް ކޮރޯނާ ވައިރަސް ޖެހިފައެއްނުވެއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.

އެންމެ 24 ގަޑިއިރުގެ ތެރޭގައި 3،15،660 މީހުން ކޮރޯނާ ވައިރަހަށް ފައްސިވެ 2،091 މީހުން މަރުވުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެކަން ސިފަކުރެއްވީ، ނުރައްކާތެރި ޠޫފާނެއްގެ ގޮތުގައެވެ. ބައެއް މީޑިއާތަކުން އެކަން ސިފަކުރީ ކޮރޯނާ ވައިރަހުގެ ބޮޑު ސުނާމީއެއްގެ ގޮތުގައެވެ.

އިންޑިއާގެ ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ބުދަދުވަހު ޖެހުނު ބިރުވެރި ޚަބަރު ފެތުރުމުގެ ކުރިން ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަން ނުލިބުމުގެ ސަބަބުން ގައުމުގެ އެކި ސަރަހައްދުތަކުން ބަލި މީހުން މަރުވުމުގެ ހަގީގީ ޚަބަރު ލިބިފައިވެއެވެ. އަދި ބަލި މީހުން ބައިތިއްބާނެ އެނދު ނުލިބުމުގެ ސަބަބުން އެއް އެނދެއްގައި އެތައް ބަޔަކު ބޭތިއްބުމުގެ ލަތުވެތި ޚަބަރާއި ފޮޓޯ ވެސް ވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. ހަމައެޔާއެކު އިންޑިއާގެ އެކި ހިސާބުތަކުގައި ސަރުކާރުގެ ވެރިން ބައިވެރިވެގެން، ބޮޑެތި ސިޔާސީ އެއްވުންތައް ބާއްވައި އީދު ފާހަގަކުރަމުންދާކަމުގެ ލަދު ހުތުރު ވާހަކަވެސް ވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ މަހާރާޝްޓްރާގައެވެ. ބުދަ ދުވަހު އެ ސްޓޭޓުގެ 67,468 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. އަދި އުއްތަރު ޕްރަދޭޝްގެ 33,214 މީހުންނަށާއި ދިއްލީގެ24,638 މީހުންނަށް ބުދަދުވަހު ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައި ވެއެވެ.

ބޮޑު ވަޒީރު މޯދީގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރެމުން ދަނީ ސަރުކާރުގެ ރޭވުންތެރިކަމެއް، ހިންގުންތެރިކަމެއް ނެތުމުގެ ސަބަބުންނެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ