ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން: ޝައިޚް ޒައިދު

Loading

Facebook
Twitter
WhatsApp

ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާ ގުޅިގެން މީގެ ކުރިން ވެސް ދީނީ ޢިލްމުވެރިން ވަނީ ކުރީގެ ރައީސް ކެރެފާ މުޙައްމަދު ނަޝީދު (އައްނި)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝައިޚް ޒައިދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ލާދީނީ ޖަމްއިއްޔާ، އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަ ކުރުމުން އެބައި މީހުން ދިފާއު ކުރެއްވީ ވެސް ރައީސް ނަޝީދުކަމަށެވެ.

”މިއީ ވަރަށް ކުޑަ މިސާލެއް.“ ޒައިދު ވިދާޅުވެފައިވެއެވެ. ”ރައްޔިތުން ހަނދާން އެބަހުރި. ރައީސް ނަޝީދުގެ އައިޑިއޮލޮޖީތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ. ވީމާ ސޮރީއޭ ދެންނެވޭނީ.“

ޝައިޚް ޒައިދުގެ ޓްވީޓު އާއްމުވެފައި ވަނީ ރައީސް ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެސެޖުކުރެއްވިކަން ހާމަވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މިހާރު ބޭނުންފުޅުވެގެން އުޅުއްވަނީ ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންދާ ޖުމުހޫރީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގެވުމަށެވެ.

ރާއްޖޭގައި މި ވަގުތު ތިއްބެވި އެންމެ މޮޅު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވި ގޮތުގައި ރައީސް ނަޝީދާ އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖަހައި މުޒާހަރާ ކުރުން ކަމަށެވެ.

ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ތިމާ ބޭނުންވާހާ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަން ފާހަގަކުރައްވައި ކޮންމެ މީހަކު ވެސް ކުރިމަތިލާން ވާނީ އެމީހަކަށް ކުރެވޭ ވަރުގެ ކަންކަމާކަމަށް ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ރާއްޖޭގެ ޖުމުހޫރީ ވެރިކަން ބަރުލަމާނީ ވެރިކަމަކަށް ބަދަލު ކުރައްވައި ބޮޑުވަޒީރުކަން ކުރައްވާ ވާހަކަ ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ އެތައްހާސް ބަޔަކު ދަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް