މިއީ ކޮރޯނާ ވައިރަސްގެ ވަބާގައި އިންޑިއާއަށް ވަރަށް ހިތްދަތި ދުވަސްވަރެކެވެ.
ވިދިވިދިގެން އިންޑިއާގައި ހަ ދުވަހު، ކޮންމެ ދުވަހަކު ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ.
ފާއިތުވި ތިން ދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކު ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައިން މައްޗަށް ގޮސްފައިވެއެވެ. ދުވާލަކު މަރުވާ މީހުންގެ އަދަދު ހާހަކަށް ވުރެ އިތުރު ވެއްޖެއެވެ.
ހުކުރުދުވަހުގެ ރޭގެ ހިސާބުތަކަށް ބަލާއިރުވެސް 2،33،728 މީހުންނަށް ކޮރޯނާ ވައިރަސް އަލަށް ޖެހިފައިވެއެވެ. ހަމަ އެ ރޭގެ 11.45 ގެ ހިސާބުތަކަށް ބަލާއިރު 24 ގަޑިއިރުގެތެރޭގައި 1،338 މީހުން ކޮރޯނާ ވައިރަސްގައި މަރުވެފައި ވެއެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ބޮޑު އީދެއްގެ ގޮތުގައި ފެށި ވެކްސިން ދިނުމުގެ މަޝްރޫޢުގެ ނަތީޖާ ހީކުރިފަދަ ތަރުހީބަކާއެކު ކުރިއަކަށް ނުދެއެވެ. ވެކްސިންގެ ދެ ޑޯޒު ޖަހައިގެން އުޅޭ މީހުންނަށް ވެސް ދަނީ ކޮރޯނާ ވައިރަސް ޖެހެމުންނެވެ.
މި އޭޕްރީލް މަހުގެ 11-14 އަށް ވެކްސިން ދިނުމުގެ އީދެއް އިންޑިއާގައި ވަނީ ފާހަގަކޮށްފައެވެ. ބޮޑު ވަޒީރުގެ ވެކްސިން ދިނުމުގެ އީދެއްގެ ގޮތުގައެވެ. އެކަމަކު އެދުވަސްވަރު އިންޑިއާގެ މީހުންނަށް ދުވާލެއްގެ މައްޗަށް ލައްކައިން ދެލައްކައިން ކޮރޯނާ ވައިރަސް ޖެހެން ފެށުމުން ރައްޔިތުންނަށް އިހުސާސުވަމުން ދިޔައީ ނުރައްކަލުގެ ވިލާގަނޑެއް ބޯމަތިވެފައިވާކަމަށެވެ.
ކަންބޮޑުވެ ހާސްވާ ވަރަށް އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރި އެބަލީގައި ހާހުން ހާހުން މީހުން މަރުވެ ބަލިކޮންޓްރޯލް ނުކުރެވިފައި ވާތީ، ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއްކަމުގައިވާ ރާހުލް ގާނދީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރާހުލް ގާނދީ ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ލަދުން މަރުވާފަދަ ހިތްދަތި ދަރަޖައެއްގައި ކަމަށެވެ.
ސަރުކާރުން ”ވެކްސިން އީދު“ ކުރިއަށް ގެންދިޔައިރު ގައުމުގެ ސިއްހީ ހާލަތު ބޮސުންލާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
“ ހޮސްޕިޓަލް ތަކުގައި އެނދެއް ނެތް. ޓެސްޓް ކުރެވޭނެ ގޮތެއް ނެތް. ވެންޓިލޭޓަރެއް ނެތް އޮކްސިޖަންއެއް ނެތް.“ އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި މިހާތަނަށް 14،291،917 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. މުޅި ދުނިޔެއިން ކޮރޯނާ ވައިރަސް އެންމެ ގިނަ ބަޔަކަށް ޖެހިފައިވާ ދެވަނަ ގައުމަކީ އިންޑިއާއެވެ. އެއްވަނައިގައި އުޅެނީ އެމެރިކާއެވެ. އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޖުމުލަ 174،308 މީހުން މަރުވެފައިވެއެވެ. އިންޑިއާއަކީ ކޮރޯނާ ވައިރަސް ޖެހިގެން ހަތަރު ވަނައަށް މުޅި ދުނިޔެއިން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އިންޑިއާއަށްވުރެ ގިނައިން މީހުން މަރުވެފައިވަނީ އެމެރިކާއާއި ބުރެޒިލްއާއި މެކްސިކޯއިންނެވެ.
އިންޑިއާއަށް ބަލާއިރު ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ވިޔަފާރިއަށް މަޝްހޫރު މަހާރާޝްޓްރާގައެވެ. ހަމައެޔާއެކު ވެރިރަށް ދިއްލީގެ ހާލަތުވެސް ވެސް ވަނީ ވަރަށް ނުރައްކާތެރި ދަރަޖައަކަށް ވެއްޓިފައެވެ.
އިންޑިއާއިން ގެންގުޅުނު ”ވެކްސިން ޑިޕްލޮމަސީ“ގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށާއި ރައްޓެހި ބައެއް ގައުމުތަކަށް ވެކްސިން ހަދިޔާކުރިކަމަށްވިޔަސް ގައުމަށް ބޭނުންވާ ވަރަށް ވެކްސިން ނުއުފެއްދޭތީ ވެކްސިން ގަނޑުކޮށް ބޭރުކުރުން ސަރުކާރުން ވަނީ ހުއްޓުވާފައެވެ. އަދި ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް އިސްކަންދީފައިވާކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް ހައިރާން ވާންޖެހޭ ކަމަކީ ވެކްސިން ޖަހާ މީހުންގެ އަދަދު ސަރުކާރުން މިލިއަނުން ގުނަމުންދާއިރު ވައިރަސް ޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ލައްކައިން ގުނެމުން ދިއުމެވެ.
ރާހުލް ގާނދީ ވިދާޅުވި ގޮތުގައި މި ހާލަތުގައި ވެސް ބޮޑުވަޒީރުގެ ވެކްސިން ފަރުވާއޭ ކިޔައި ސަރުކާރުން ގެންދަނީ ފެސްޓިވަލްތައް ބާއްވައި ރައްޔިތުންނަށް ހަގީގަތް އޮޅުވަމުންނެވެ.
”މިއީ ލަދުވެތި ޢަމަލެއް.“ އޭނާ ވިދާޅުވިއެވެ. ”މިއީ ލަދުގަންނަންޖެހޭވަރުގެ ކަމެއް.“
ވެކްސިން އީދު ބޮޑު ވަޒީރު މޯދީގެ ސަރުކާރުން ކުރިއަށް ގެންދިޔައިރު ބަލި މީހުން އެނދުމަތި ކުރާނެ އެނދު ނެތިގެން ދެތިން މީހުން ދިޔައީ އެއް އެނދެއްގައި އެނދުމަތިކުރަމުންނެވެ. ހޮސްޕިޓަލްތަކުގައި ބޭނުން ކުރާނެ އޮކްސިޖަން ފުޅިތައް ނުލިބިގެން އިންޑަސްޓްރިއަލް ކަންތަކަށް ބޭނުންކުރާ އޮކްސިޖަން ފުޅިތައް ހޮސްޕިޓަލްތަކުގައި ވަނީ ބޭނުންކުރަން ފަށާފައެވެ.
ކޮރޯނާ ވައިރަސްގެ ބަލިމީހުން އެންމެ ފުރަތަމަ ފެނުނީ އިންޑިއާއާއި އަވަށްޓެރި އަދި ވާދަވެރި ޗައިނާއިންނެވެ. ޗައިނާއިން ވަނީ ކޮރޯނާ ވައިރަސް ފުރިހަމަޔަށް ކޮންޓްރޯލްކޮށްފައެވެ.