ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން މަހާރެހެންދި ފަޒުނާ އަޙްމަދު، ކޮވިޑް-19 އަށް ޕޮޒިޓިވް (ފައްސި)ވެ ވަޑައިގެންފިކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ޚަބަރު ދިން ގޮތުގައި މަހާރެހެންދި ފަޒުނާ މިހާރު ހުންނެވީ އާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ފައްސިވެވަޑައިގެންނެވިކަމަށްވިޔަސް ޙާލުކޮޅު ރަނގަޅެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަޒުނާއަށް ލިބިވަޑައިގެންފައިވާ، ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.
މަހާރެހެންދި ފަޒުނާގެ އެއްބަނޑު އެއްބަފާފުޅު ކޮއްކޮއާ ކައިވެނިބައްލަވައިގެން އުޅުއްވާ ޅިއަނު، ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެ ވަޑައިގެންފައެވެ. އެ ޚަބަރު ފެތުރުނީ މަހާރެހެންދި ފަޒުނާ ކޮވިޑު-19 އަށް ފައްސިވި ހިތާމަވެރި ޚަބަރު ލިބުމުގެ ކުރިންނެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ޙަމީދު ކޮވިޑް-19 އަށް ފައްސިވެވަޑައިގަތީ ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރައްވައިގެން ހުންނަވަނިކޮށްނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ހުންނެވީ ކޮވިޑް-19 އިން ރައްކާތެރިވެވަޑައިގަތުމަށް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ވެސް ޖައްސަވައިގެންނެވެ.
One Response
”ވެވަޑައިގަތީ“ އަމިއްލަ އަކަށްތަ؟
ދިވެހި ބަހުގަ ވެވަޑައިގަތުން ބޭނުން ކުރަނީ އަމިއްލަ އިޙްތިޔާރު ގައި ކުރާ ކަންކަމަށް ނޫންބާ؟